ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެރަށް ވަކި ބަޔަކަށް ކުއްޔަށް ދިނުމަށާއި، ރަށުގެ އަގު ކުޑަކުރީ އިދިކޮޅު ލީޑަރ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންގެވުމުގެ މަތީން ކަމަށް އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.

އަދީބު މިފަދައިން ވިދާޅުވީ، އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުންނެވެ.

މިއަދުގެ އަޑުއެހުމުގައި އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސްވެސް ވަނީ ނަގާފައެވެ.

ޝަރީއަތަށް ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ އާރަށުގެ މުއާމަލާތް ފެށިފައިވަނީ މިމައްސަލާގައި ދެން ދައުވާ އުފުލާފައިވާ ޔޫސުފް ނައީމް، އާރަށަށް އިންވެސްޓް ކުރާނެ ބަޔަކު ތިބިކަމަށް ބުނެ ވާހަކަ ދެއްކި ހިސާބުން ކަމަށާއި، ނަމަވެސް އެރަށަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮތް ރަށަކަށްވުމުން ކޮށްދެވޭނެ ކަމެއް ނެތްކަމަށް ދަންނަވާފައިވާނެ ކަމަށެވެ.

އަދި އެއަށްފަހު ރައީސް ޔާމީން އަދީބަށް ގުޅުއްވައި އެރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ނެގުމަށް ދެންނެވި ކަމަށާއި، އެރަށް ޓޫރިޒަމްގެ ދަށަށް ބަދަލުކޮށްފައިވަނީ އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުފައްދަވާފައިވާ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވިގޮތުގައި އާރަށް ކުއްޔަށް ދިނުމަށް ފުރަތަމަ ކުރެވުނު މަޝްވަރާތަކުގައި ނިންމީ ފަސް މިލިޔަން ޑޮރަލަށް ކުއްޔަށް ދިނުމަށެވެ.

އެހެންނަމަވެސް، އެއީ ބޮޑު އަދަދެއްކަމުން އެ އަގު 3 މިލިއަން ޑޮލަރަށް ކުޑަކޮށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެރަށް ދިނުމަށް ރައީސް ޔާމީން އެންގެވި ކަމަށާއި، އެއްބަސްވުމުގައި ސޮއިކުރުމާއި ހަމައަށް ދިޔައިރު އަގު 2 މިލިއަން ޑޮލަރަށް ކުޑަކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއަގަށް ކަމަށް އަދީބު ވަނީ ހެކިބަސް ދީފައެވެ.

މީގެއިތުރުން، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އޭގެތެރެއިން 1 މިލިއަން ޑޮލަރު ރައީސް ޔާމީނަށް ދެއްވިކަމަށް ޔޫސުފް ނައީމް އެމަނިކުފާނުގެ އަރިހުގައި ވިދާޅުވި ކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ ރައީސް ޔާމީން އެކި މުއާމަލާތްތަކުގައި އާންމު އުސޫލުން ބޭރުން ކަންކަން ކުރުމަށް އެމަނިކުފާނަށް އިރުޝާދު ދެއްވި ކަމަށާއި، އެގޮތުން އެމްއެމްޕީއާރުސީން ފައިސާ ނެންގެވުމަށާއި، އިކޮނޮމިކް ކައުންސިލުން ވަކިގޮތަކަށް ކަންކަން ނިންމުމަށް ނުފޫޒު ފޯރުވަމުން ގެންދެވިކަމަށް އަދީބް ވިދާޅުވިއެވެ.

މިމައްސަލާގައި ދެން ކުރިއަށް އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. ނަމަވެސް، އޭގެތެރެއިން ބައެއް ހެކިން އުފައްދާފައިވާ ކަމަށް ތުހުމަތުކޮށް ދައުލަތުން ވަނީ ދިފާއީ ހެކިން ހާޒިރުކުރާނަމަ، ހުރިހާ ހެކިން އެއް ދުވަހެއްގައި ހާޒިރު ކުރުމަށް އެދިފައެވެ.

ނަމަވެސް މައްސަލަ ބައްލަވާ އިސް ގާޟީ ޝަކީލް ނިންމެވީ މާދަމާ ބާއްވާ އަޑުއެހުމުގައި ދިފާއީ އެންމެ ހެއްކަކު ހާޒިރު ކުރުމަށެވެ. އަދި މާދަމާ އެކަމަށް ހިނގާ ވަގުތު ބެލުމަށްފަހު ދެން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ގާޟީ ވިދާޅުވިއެވެ.