ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްސަލައެއް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބަލަން ފަށައިފިއެވެ.

ބާ ކައުންސިލުން ބަލަން ފަށާފައިވަނީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަމުން ޑރ. ޖަމީލް ފަނޑިޔާރުންނާއި މުހާތަބުކޮށް ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ގާނޫނުގައި ބުނާ ވަކީލުންގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފެދޭ ކަމަށްބުނެ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައެއްގައި ހިމެނޭ ފަރާތަކުން އެ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ ބާ ކައުންސިލަށް ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޑރ. ޖަމީލްގެ އަނބިކަނބަލުންގެ އާއިލީ ވިޔަފާރިއާއި ގުޅޭ މައްސަލައެއްގައި ހިމެނޭ ފަރާތެކެވެ.

އެމައްސަލާގައި ބުނެފައިވަނީ ޑރ. ޖަމީލް އެފަދައިން ފަނޑިޔާރުންނާއި މުހާތަބުކޮށް ވާހަކަ ދައްކާފައިވަނީ، ހައި ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލަ އަކާއި ގުޅިގެން ކަމަށާއި، އެމައްސަލައަކީ ސުޕްރީމް ކޯޓަށް ބެލިގެން ނުވާނެ މައްސަލައެއް ކަމަށެވެ.

އަދި، ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ދެކޮޅަށް ޑރ. ޖަމީލް ވާހަކަތައް ދައްކަމުންދާ ކަމަށްވެސް މައްސަލާގައި ބުނެފައިވެއެވެ.

ބާ ކައުންސިލުން ބަލަން ނިންމާފައިވާކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. މިމައްސަލައާއި ގުޅިގެން މިހާތަނަށް ޑރ. ޖަމީލް އަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.