ދިވެހިރާއްޖެއަކީ ހިންދޫ ކަނޑުގައި އޮންނަ 1190 ރަށުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ޤައުމެކެވެ. ރީތި ދޮންވެލި ތުނޑިތަކާއި މުރަކައިގެ ރީތި ފަރުތަކަކީ މިކުޑަކުޑަ ޤައުމަށް ލިބިފައިވާ އެންމެ އަގުހުރި ރައުސުލްމާލެވެ. ރާއްޖޭގެ ރަށްތައް އިންޑިއާ ކަނޑުތެރޭގައި ފެތުރިފައިވާ ގޮތުން ބައެއް ސައްޔާޙުން "މުތުގެ ހާރެއްގެ" ގޮތުގައި ރާއްޖޭގެ ރަށްތައް ސިފަކުރާއިރު އަނެއްބައި މީހުން ރާއްޖެ ސިފަކުރަނީ "ދުނިޔެމަތީގެ ސުވަރުގޭގެ" ގޮތުގައެވެ. މިރާއްޖޭގެ ބިމުގެ ބޮޑުމިނުގައި 298 ކިލޯމީޓަރު ހުންނައިރު ރާއްޖޭގެ 99 އިންސައްތައަކީ މާސިންގާ ކަނޑެވެ.

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން، ރާއްޖެއަށް އެންމެ މުހިންމު އެއް ކަމަކީ ޒަމާނަށް ފެތޭ ފެންވަރު ރަނގަޅު ކަނޑު ދަތުރުފަތުރުކުރުމުގެ ނިޒާމެކެވެ. އެއް ރަށުން އަނެއް ރަށަށް ތަކެއްޗާއި މުދާ އަދި މީހުން އުފުލުމުގެ ނިޒާމެއް އޮތުމެވެ. ވައިގެ ދަތުރުފަތުރުގެ ނިޒާމާއި އެއްގަމު ދަތުރުފަތުރުގެ ނިޒާމުވެސް މުހިންމު ނަމަވެސް މި ގައުމު އޮތް ގޮތުން އެންމެ އިސްކަން ދޭން ޖެހެނީ ކަނޑުދަތުރުފަތުރުގެ ނިޒާމަށެވެ.

ފެރީގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ފުރަތަމަ ގުޅާލީ ކޯލިޝަނަކުން އުފެދިގައިން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެކަން ވެގެން ދިޔައީ ރައްޔިތުންނަށް ލިބުނު ބޮޑު ލުއި ފަސޭހައެކެވެ. ޒަމާނާއި ހާލަތަށް ރިއާއަތް ކުރާނަމަ އެއިރުގައި އިންޖީނު އެޅި ލަކުޑި ދޯނި ބޭނުންކޮށްގެން ފެށި މި ޚިދުމަތަކީ އެހާރަށް އެންމެ ރަނގަޅު ފެންވަރެއްގައި ފެށުނު ޚިދުމަތެކެވެ. ވަގުތާއި ހާލަތު ބަދަލުވަމުން އައި ވަރަކަށް ޚިދުމަތުގެ ފެންވަރަށް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް އައެވެ. ފަހުން ފެރީ ދޯނިތައް ބަނުމުގައި ފައިބަރު ބޭނުންކުރަން ފެށިއެވެ، ފެރީތަކުގެ ފެންވަރު ރަނގަޅު އިންޖީނު އެޅިއެވެ. ނަމަވެސް ޒަމާނަށް އައި ހެޔޮ ބަދަލުތަކާއި އަޅައި ކިރާއިރު އެންމެ ހެޔޮ އެދެވޭ ބަދަލެއް މި ނިޒާމަށް ގެނެވުނު ކަމަކަށް ދެންނެވޭކަށް ނެތެވެ.

އާރްޓީއެލް ފެރީއަކަށް ބަޔަކު އަރަނީ

ރައީސް ނަޝީދުގެ ވެރިކަމުގައި ފެށި އަތޮޅު ފެރީގެ ޚިދުމަތަށް ފަހުން އައި ސަރުކާރުތަކުން މާ ބޮޑު ސަމާލުކަމެއް ދިންތަނެއް ނުފެނުނެވެ. ކަނޑުދަތުރުފަތުރުގެ ނިޒާމަށް އޮތީ އިހުމާލު ވެފައޭ ދެންނެވިދާނެއެވެ. އެހެން ނަމަވެސް، އަނެއްކާވެސް ގިނަ ޕާޓީތަކެއް އެކުލެވިގެން، ގިނަ ޚިޔާލާއި ފިކުރު ހިމެނޭހެން ވެރިކަމެއް ވުޖޫދުވުން ވެފައި މިވަނީ އެ ނިޒާމަށް ލިބުނު ކުރިއެރުމަކަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެމްޑީޕީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހުގެ މި ޒައާމަތަކީ ހަގީގަތުގައި ވެސް ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނެސްދިން ވެރިކަމެކެވެ.

އެކަން ސާބިތުކޮށްދެނީ ގައުމީ ދަތުރުފަތުރުގެ ވިއުގަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)އެވެ. މިއީ ދެމެހެއްޓެނިވި ގޮތަކަށް ރާއްޖޭގެ ރަށްތައް ގުޅާލުމުގެ ބޮޑު ބިޔަ މަޝްރޫޢުއެކެވެ. ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. އާރްޓީއެލްގެ ނަމުގައި ފަށާފައިވާ މި މަޝްރޫޢުގެ ދަށުން ވަނީ ރާއްޖެ 6 ޒޯންއަކަށް ބަހާލާފައެވެ. މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން އެކެއްގައި ހިމެނޭ ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮތޮޅުގައި މިހާރު ވަނީ ޚިދުމަތް ފަށާފައެވެ. ޒޯން އެކެއްގައި ހިމެނޭ ހުރިހާ ރަށަކަށް އާރްޓީއެލްގެ ޚިދުމަތް މިހާރު ފަށާފައިވާއިރު އެމްޓީސީސީއިން ވަނީ ޒޯން 2 އަދި 3 ގައި ހިމެނޭ ރަށްތަކުގައި ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައްވެސް ފަށާފައެވެ. އެއީ ދެ ވަނަ ފިޔަވަހީގެ ދަށުންނެވެ. ޒޯން 2 ގައި ހިމެނެނީ ނ، ރ، ބ އަދި ޅ އަތޮޅެވެ. އަދި ޒޯން 3 ގައި ކ، އއ، އދ، އަދި ވ އަތޮޅެވެ. މި ދެ ޒޯންގައި ޚިދުމަތް ފެށުމުން، ދެން އަމާޒު ހިފާނީ ބާކީ 3 ވަަނަ ފިޔަވަހީގެ ދަށުން ޒޯން 4، 5 އަދި 6ގައި ޚިދުމަތް ގާއިމުކުރާށެވެ. މި ގޮތުން ޒޯން 4ގައި ހިމެނެނީ މ، ފ، ދ، ތ، އަދި ލ އަތޮޅެވެ. ޒޯން 5 ގައި ގއ އަދި ގދ އަތޮޅު ހިމެނޭއިރު، ޒޯން 6 ގައި ސ އަދި ޏ އަތޮޅެވެ.

އާރްޓީއެލް ފެރީތަކެއް ދަތުރުކުރަނީ

އާރްޓީއެލްގެ ދަށުން ރާއްޖޭގެ ރައްތަައް ގުޅާލަނީ އެއާކޯން ކުރެވިފައިވާ ލޯންޗު ފެރީތަކުންނެވެ. މި ފެރީތައް ހުންނާނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭ ގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައެވެ. ލޯންޗުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުންނާނެއެވެ. މި ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. އަދި މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ މި ފެރީތަކުގެ ދުވެލި ބާރުވާނެއެވެ. މި ޚިދުމަތް ހަފުތާއަކު 7 ދުވަހު ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. ހޮސްޕިޓަލް ހުންނަ ރަށްރަށަށް މަދުވެގެން ދުވާލަކު ދެ ދަތުރު ކުރަން ވަނީ ނިންމާފައެވެ.

ގައުމީ ފެރީގެ ނިޒާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މިގޮތުން ފެރީ ނެޓްވޯކްއިން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެން ދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ. ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްޞަކުރެވިފައިވާ ލިންކެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ޚާއްޞަކޮށްފައިވާ ލިންކެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަނާއި ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ. އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަނެއްގައި ހިމެނޭ ހުރިހާ ރަށްތަކާއި އެންމެ ކައިރީގައި އޮންނަ ކޮމާޝަލް ހަބާއި ގުޅުވައިދޭނެ ޚިދުމަތެކެވެ.

ފެންވަރު ރަނގަޅު މި ޚިދުމަތް ތަޢާރަފުކުރުމުގެ އެއް މަޤްޞަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

އާރްޓީއެލްގެ ދަށުން ފެންވަރު ރަނގަޅު އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ވެސް މި ވަނީ ތަަޢާރަފުވެފައެވެ. ޒަމާނީ ބަސްތަކެއް ގެނެސް ބަސް ފްލީޓަށް އިތުރުކޮށް ގްރޭޓަރ މާލޭ ޓްރާންސްޕޯޓެޝަން ލިންކް ވެސް ރާއްޖެ ޓްރާންސްޕޯޓް ލިންކް އަށް ބަދަލުކޮށް، އެ ލިންކަށް އިތުރުކުރި ބޮޅެއްގެ ގޮތުން މިނީ ބަހުގެ ޚިދުމަތް ވެސް މި ވަނީ ތަޢާރަފުކޮށްފައެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދާ މާލޭ ސަރަހައްދުގައި ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އާބާދީއަށް ބޭނުންވާ ވަރަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށް ނުދެވުމެވެ. މާލެ ތެރޭގައި އާއި، މާލެ އާއި ހުޅުމާލެ އާއި ދޭތެރޭގެ އިތުރުން ހުޅުމާލޭގެ އެތެރޭގައި ދަތުރުތައް ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވާކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރެއެވެ. މިއީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫނެވެ. ފުރަ މާލެއަށް މި ޚިދުމަތް ތައާރަފުވީއްސުރެ މިއީ ހުއްޓާނުލައި ދައްކާ ވާހަކައެވެ.

މަޖީދީ މަގު --- -ފޮޓޯ: ނިޝާން އަލީ

މިނީ ބަހުގެ ޚިދުމަތަކީ މި ކަމަށް ހައްލު ހޯދައިދޭން ފެށި ޚިދުމަތެކެވެ. ޔަގީނުންވެސް އެމް.ޓީ.ސީ.ސީގެ އާރްޓީއެލްގެ ދަށުން މިނީ ބަހުގެ ޚިދުމަތް ފެށީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، އެކަށީގެންވާ ފަސޭހަ އެއްގަމު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށެވެ. މި ޚިދުމަތް ފެށުމަށް ކުރިން ނިންމީ ނިމުނު ޖުލައި މަހުުގެ ތެރޭގައެވެ. ނަމަވެސް ޚިދުމަތް ނުފެށި ލަސްވީ، ބަސް ދުއްވާ މަގުތައް ހުސްކޮށް، ޕާކިންގަށް ގެންނަންޖެހޭ ބަދަލުތަކުގެ ސަބަބުންނެވެ.

މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފް ކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.

މިނީ ބަހުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45 އިން ދަންވަރު 12:15 އަށެވެ. ކޮންމެ ބަސް ސްޓޮޕަކުން ވެސް 10 މިނެޓާއި 15 މިނެޓާ ދެމެދު ބަހެއް ދަތުރު ފަށާނެއެވެ. ދަތުރަކަށް 7 ރުފިޔާ ނަގާ މި ޚިދުމަތް ލިބިގަންނަ، 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޚާއްސަ އެހީއަށް ބޭނުންފުޅުވާ ފަރާތްތަކުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެމްޓީސީސީ އިން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މި ޚިދުމަތަށް 18 ބަސް މާލޭގައި ހަރަކާތްތެރިވާއިރު އޭގެ ތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެކެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބޮޑެތި ސީޓީތަކާއި ބައެއް ރަށްތަކުގައި ވެސް މިނީ ބަހުގެ ޚިދުމަތް ވަނީ ފަށާފައެވެ. މި ޚިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް "ކިއުއާރް ޓިކެޓިން" ބޭނުން ކުރެވުމަކީ ޒަމާނާ ފެތޭ ޚިދުމަތަކަށް މި ޚިދުމަތް ވާކަމުގެ އެއް ހެއްކެވެ. އެމްޓީސީސީން ބުނީ، އަލަށް ތަޢާރަފުކުރި ކިއުއާރު ޓިކެޓާ އެކު ބަސް ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ކަސްޓަމަރުން ގޭގައި ތިބެގެންވެސް އާރްޓީއެލް ވެބްސައިޓް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރު ޓިކެޓް ގަނެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. ފެރީ އަދި ބަހުގެ ޚިދުމަތަށް ވެސް އޮންލައިންކޮށް ޓިކެޓް ނެގޭނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން ތިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ.

މިއީ ހަމަ ޔަގީނުން ވެސް ދަތުރުފަތުރުގެ ނިޒާމަށް ސަރުކާރުން ގެނުވި އިންގިލާބީ ހެޔޮ ބަދަލެކެވެ.