މައްސަލައަކީ ވަކި ބަހުރުވައަކުން ޚުތުބާ ކިޔުން ނޫން ކަމަށާއި، މައްސަލައަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ނެރެފައިވާ ޚުތުބާއަށް އުނި އިތުރު ގެނައުން ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިފަދައިން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު އައްޑޫ މީދޫގައި އައްޑޫ ބަހުރުވައިން ޚުތުބާކީ މައްސަލައެއް ފެންމަތިވެ، އެޚަތީބު ސަސްޕެންޑްކުރި މައްސަލައާއި ގުޅިގެންނެވެ.

އެމިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް ވިދާޅުވީ އޭނާ ޚުތުބާ ކިޔާފައިވަނީ ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި، އީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލާ ޚިލާފަށް ކަމަށެވެ.

އަދި ޚުތުބާއަށް އުނިއިތުރު ގެނައުމަކީ އެއުސޫލުގެ ދަށުން މަނާ ކަމަކަށް ވީނ ހިނދު، ވަކި ބަހުރުވައަކުން ޚުޠުބާ ކިޔުމުގެ މައްސަލައަކަށްވުރެ ބޮޑަށް އެ މައްސަލަ ބަލަމުން ދަނީ ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް އެމިނިސްޓްރީން ނެރެފައިވާ ޚުތުބާއަށް އުނި އިތުރު ގެނައި މައްސަލައެއްގެ ގޮތުގައި ކަމަށް އަފްރާހް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އައްޑޫގައި އޮންނަ ޚުތުބާ ކޮމިޓީން ވަނީ އެމައްސަލަ ބަލައި ނިމެންދެން އެ ޚަތީބަށް ހުކުރު ކުރަން ނުޖެއްސުމަށް ނިންމާފައި ކަމަށާއި، އެކޮމިޓީގެ ރިޕޯޓް އިސްލާމިކް މިނިސްޓްރީ އަށް މިއަދު ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ ސ. މީދޫއަށް ނިސްބަތްވާ މުހައްމަދު ރަޝީދެވެ.