އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން ބައްލަވައިގަތް ކަމަށްބުނާ އެއް މިލިއަން ޑޮލަރަށްވާ ފައިސާ ގުނުމަށާއި، އެފައިސާ ޔޫސުފް ނައީމާ ހަވާލުކުރުމަށް އަމަލީގޮތުން ހަރަކާތްތެރިވި ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާޅުވީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދިފާއީ ހެކިބަސް ދެއްވަމުންނެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ނަރީޝް ވިދާޅުވީ، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ޔާމީންގެ އެދިވަޑައިގެންނެވުމުގެ މަތީން އެމަނިކުފާނު އޭރު ދިރިއުޅުއްވި ގ. ދޫވެއްސަށް ވަޑައިގެންނެވި ކަމަށާއި، ޔޫސުފް ނައީމް އަތުން ބައްލަވައިގަނެފައިވާ ޑޮލަރުގެ އަދަދައްވާ ފައިސާ ޔޫސުފް ނައީމާ ހަވާލުކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށެވެ.

އަދި، ޔޫސުފް ނައީމްއަށް އެ ފައިސާ ގެންގޮސްދެއްވުމުގެ ކުރިން ދޫވެހީގައި ރައީސް ޔާމީންގެ ކުރިފުޅުމަތީގައި އެ ފައިސާ ގުނާފައިވާނެ ކަމަށާއި، ރައީސް ޔާމީންގެ ޑްރައިވަރެއްގެ ގޮތުގައި އޭރު އުޅުނު މީހަކާއެކު އެފައިސާ ޔޫސުފް ނައީމަށް ގެންގޮސްދެއްވާފައިވާނެ ކަމަށް ނަރީޝް ވަނީ ހެކިބަސް ދެއްވާފައެވެ.

ޑޮލަރު ބައްލަވައިގަތުމުގެ ލިޔުމުގައި ރައީސް ޔާމީން އެވަގުތު ސޮއިކުރެއްވި ކަމަށާއި އެއީ 15،420000 (ފަނަރަ މިލިއަން ހަތަރު ލައްކަ ވިހިހާސް) ރުފިޔާ ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި، މިނޫނަސް ރައީސް ޔާމީން އެދިވަޑައިގެންނެވުމުން މީހުންނަށް ފައިސާ ހަވާލުކުރަން ގޮސްދީފައި ހުންނާނެ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ކުރި ގިނަ ސުވާލުތަކަކަށް ދިފާއުން އިއުތިރާޒްކޮށްފައިވާއިރު، ދައުލަތުން ބައެއް ސުވާލު އަމާޒުކޮށްފައިވަނީ ފުރައްސާރަ ކުރުމުގެ ނިޔަތުގައި ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވެފައިވެއެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އިސް ގާޟީ ޝަކީލް ވިދާޅުވީ މާދަމާ ބާއްވާ އަޑުއެހުމުގައި ދިފާއުން ހުށަހަޅާފައިވާ ތިން ހެއްކެއް ހާޒިރުކޮށް ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ. މައްސަލައިގައި އިއްޔެ އޮތް އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖންގ ޑިރެކްޓަރ ޒިޔަތުގެ ހެކިބަސް ވަނީ ނަގާފައެވެ.

އާރަށު މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.