ޓްރާންސްފަރ ވިންޑޯގައި ބޮޑު ޚަރަދެއް ކުރުމަށްފަހުގައިވެސް ޓީމަށް އެދެވޭ ނަތީޖާތަކެއް ނުނެރެވުމުން ޗެލްސީގެ ކޯޗުކަމުގެ މަގާމުން ތޯމަސް ޓުޗޭލް ވަކިކޮށްފިއެވެ.

ޗެލްސީން ވަނީ ނިމުނު ޓްރާންސްފަރ ވިންޑޯގައި 278.4 މިލިއަން ޕައުންޑު ޚަރަދުކޮށްފައެވެ. މިއީ މި ޓްރާންސްފަރ ވިންޑޯގައި ޓީމަކުން އެންމެ ގިނައިން ޚަރަދުކޮށްފައިވާ އަދަދެވެ.

މި ސީޒަނުގައި މިހާތަނަށް ޕްރިމިއަރ ލީގުގައި ޗެލްސީން ފަސް މެޗު ކުޅެފައިވާއިރު ހޯދިފައިވަނީ 10 ޕޮއިންޓެވެ. ޗެލްސީ ވަނީ ސައުތެމްޕްޓން އާއި ލީޑްސް ޔުނައިޓެޑު އަތުންވެސް ބަލިވެފައެވެ. އަދި އަމިއްލަ ދަނޑުގައި ޓޮޓެންހަމް އާއި ދެކޮޅަށްކުޅެ އެއްވަރުވެފައިވެސް ވެއެވެ.

ޗެލްސީގެ ކޯޗުގެ މަގާމު ޓުޗޭލް އަށް ގެއްލުނީ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ޑައިނަމޯ ޒަގްރެބް އާއި ކުޅެ 0-1 އިން ބަލިވުމާއި ގުޅިގެންނެވެ.

ކޯޗުކަމުގެ މަގާމުން ޓުޗޭލް ވަކިކުރިކަން އިއުލާންކޮށް ޗެލްސީން ބުނެފައިވަނީ، ކޯޗުކަމުގެ މަގާމުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ޓުޗޭލްގެ ފަރާތުން ލިބުނު ޚިދުމަތްތަކަސް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށާއި، ޗެލްސީގެ ކާމިޔާބީގެ ތާރީހުގައި ޓުޗޭލްގެ ނަން ވެސް ރަން އަކުރުން ފަވާލެވޭނެ ކަމަށެވެ. އެގޮތުން ކުލަބާއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ސުޕާ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރުން އެއީ ފާހަގަކޮށްލެވޭ ކަންތައްތައްކަން ޗެލްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޗެލްސީގެ ކޯޗުކަމާ ޓުޗޭލް ހަވާލުވީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރުމަށްފަހު ޗެލްސީގެ ކޯޗުކަމާ ޓުޗޭލް ހަވާލުވިއިރު ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ވަނީ އެކުލަބަށް ޗެމްޕިއަންސް ލީގު، ޔޫއެފާ ސުޕާ ކަޕް، ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްދީ އެފްއޭ ކަޕާއި އީއެފްއެލް ކަޕުގެ ރަނަރަޕް ކަން ހޯދައިދީފައެވެ.