17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި، ބަންގްލަދޭޝް އިން ފަރަގު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ލަންކާގައި ކުރިއަށް ގެންދާ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 0-5 ގެ ނަތީޖާއަކުންނެވެ.

މިއީ ބަންގްލަދޭޝް މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ވާދަކުރީ މުބާރާތް ބާއްވާ ސްރީލަންކާއާއެވެ. މި މެޗުން ބަންގްލަދޭޝް މޮޅުވީ 4-1 އިންނެވެ.

މެޗުގައި ރާއްޖެ ޓީމުގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ނުދާއިރު މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅުނީވެސް ބަންގްލަދޭޝް އިންނެވެ. މުޅި މެޗުގައިވެސް ރާއްޖެ އަށް ބަންގްލަދޭޝް ޓީމުގެ ގޯލާއި އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެއާ ހިލާފަށް ބަންގްލަދޭޝް އިންވަނީ ރާއްޖޭގެ ގޯލާއި އަމާޒުވާހެން 13 ހަމަލާއެއް ފޮނުވާލާފައެވެ.

މެޗުގައި ބަންގްލަދޭޝްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ފައިސަލް އާއި މުރްޝިދުގެ އިތުރުން މިރްޖާއުލް އިސްލާމް އެވެ. މިރްޖާއުލް އިސްލާމް ވަނީ މެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ.

ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއަށް ކުރިއަށް ދެން އޮތީ ލަންކާ އާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ. މިމެޗު ކުޅޭނީ މިމަހުގެ 9 ވަނަ ދުވަހުގެރެއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް ގްރޫޕް އޭ އިން މިހާތަނަށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވަނީ ބަންގްލަދޭޝް އެވެ. ރާއްޖެއަށް ސެމީގެ ޖާގައެއް ހޯދޭނީ ލަންކާ އަތުން މޮޅުވެގެންނެވެ. އެ މެޗު އެއްވަރުކޮށްލައިގެން ލަންކާއަށް ސެމީގެ ޖާގައެއް ލިބޭނެއެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ 6 ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖެ އާއި އެއް ގުރޫޕެއްގައި އޮތް ބަންގްލަދޭޝް އާއި ސްރީ ލަންކާގެ އިތުރުރުން ގްރޫޕް ބީގައި ހިމެނޭ އިންޑިއާ އާއި ނޭޕާލް އަދި ބޫޓާނެވެ.