ނޯޓު: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އެހެންނަމަވެސް މިވާހަކައިގައި ބޭނުންކޮށްފައިވާ އެންމެހާ ނަންތަކާއި ބައެއް ހާދިސާ ތަކަކީ ބަދަލުކޮށްފައިވާ ކަންތައްތަކަކާއި ނަންތަކެއްކަން ފާހަގަކުރަމެވެ.

********

ޒައިނާ އާއި އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އޭރު ތިން އަހަރެވެ. އަހަރުމެން ދެމީހުން ރަށްޓެއްހިވީ ދެމީހުންގެވެސް އުމުރުން 18 އަހަރުގައެވެ. މާލޭގެ ސްކޫލެއްގައި ކިޔަވަން އުޅުމުގެ ތެރޭގައި ދެމީހުން ދިމާވެ، އުފެދުނު ރަހުމަތްތެރިކަން ލޯތްބައް ބަދަލުވެ، ދެމީހުންވެސް ނިންމީ އޭލެވެލް ހަދާ ނިންމާލުމަށްފަހު ވަޒީފާއަކަށް ގޮސްގެން އާމްދަނީ ހޯދައިގެން އިތުރަށް ކިޔެވުމަށެވެ.

ޑިގްރީ ފަށާނީ ދެމީހުން ކައިވެނިކޮށްގެން ކަމަށް ނިންމައިގެން އެތައް ހުވަފެންތަކެއް ދެކިގެންނެވެ. ސްކޫލް ނިންމާލުމަށްފަހު ވަޒީފާއަކަށް ގޮސްގެން ލިބޭ އާމްދަނީ އަކުން ކިޔެވުމުގެ ކަންތައްތައް ބެލެހެއްޓޭނެތީއެވެ.

އަހަރެންގެ އާއިލާ އާއި ޒައިނާގެ އާއިލާ އަކީވެސް އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ ދެ އާއިލާއެކެވެ. ދެމީހުންގެވެސް ބައްޕައަށް ލިބެމުންދިޔަ އާމްދަނީ އިން ގޭގެ ޚަރަދު ބަލަހައްޓަމުންދާތީ، މާ ތަނަވަސް ދިރިއުޅުމެއް އަހަރުމެން ދެމީހުންނަށްވެސް ލިބިފައެއް ނުވެއެވެ. އަދި އަހަރުމެން ދެމީހުންގެ އާއިލާ އަކީވެސް އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާއި އެއްގޮތަށް، ސުންނަތަށް އުޅުމަށް މަސައްކަތްކުރާ އާއިލާއެއްކަން ފާހަގަކުރަމެވެ.

ސްކޫލް ނިންމާލުމަށްފަހު އަހަރެން ގުޅުނީ ރާއްޖޭގެ މަޝްހޫރު މީޑިއާ އެއްގެ ވަޒީފާއާއިއެވެ. ޒައިނާ ގުޅުނީ އަމިއްލަ ވިޔަފާރި ކުންފުންޏަކާއެވެ. މާކެޓިންގ އެސޯސިއޭޓެއްގެ ގޮތުގައެވެ.

ދެ މީހުންނަށްވެސް ރަނގަޅު އާމްދަނީއެއް ލިބެމުންދާތީ އާއިއެކު ދެމީހުންވެސް ދިޔައީ ގޭތެރޭގެ ޚަރަދުގައި މައިންބަފައިންނަށް އެހީވަމުން، ކިޔެވުމަށްވެސް ހަރަދުތަކެއް ކުރަމުންނެވެ. އަދި ލާރި މެނޭޖްކުރަން އެނގުމުން ދެ މީހުންނަށްވެސް ކައިވެންޏަށް ތައްޔާރުވުމަށް ފައިސާ ރައްކާކުރެވެއެވެ.

އަހަރުމެން ދެމީހުން ކައިވެނިކުރަން ބޭނުންވާ ކަމާއި ލޯބީގެގޮތުން ގުޅިގެން އުޅޭކަން ދެ މީހުންގެ އާއިލާއަށްވެސް އެނގެއެވެ. ދެ އާއިލާއިންވެސް އެކަމާ ރުހި ގަބޫލެވެ. ދެމީހުން އެކަކު އަނެކަކުގެ ގެއަށްވެސް ގޮސް އުޅެމެވެ. އެހެންނަމަވެސް ދުވަހަކުވެސް، އަހަރެންވެސް އަދި ޒައިނާވެސް، އެކަކު އަނެކަކުގެ ގައިގައި އަތްލާ، މިޒަމާނުގައި ރަށްޓެހިވެގެން އުޅޭ މީހުން އެކަކު އަނެކަކާއެކު ހިންގާ ފާހިޝް އަމަލުތައް ހިންގައެއް ނޫޅެމެވެ. ބޭނުންވަނީ ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުމަށްފަހުގައި ހަލާލު ގޮތުގައި މެނުވީ އެއްވެސް އެކަހަލަ ގުޅުމެއް ނުހިންގާށެވެ.

ވަޒީފާއަށް ދާން ފެށިތާ މާގިނަ ދުވަސްތަކެއްނުވެ އަހަރެން ޑިގްރީ ނުހަދަން ނިންމީމެވެ. ދާއިރާގެ ގޮތުން ކޮންމެހެން ޑިގްރީއެއް އޮންނަން ޖެހޭކަމަށް އަހަރެންނަށް ގަބޫލު ނުކުރެވޭތީއެވެ. ޒައިނާ ބޭނުންވީ މާކެޓިންގ އިން ޑިގްރީ ހަދާށެވެ.

މިހެން ދުވަސްތައް ވޭތުކުރަމުން ދަނިކޮށް، އަހަރުމެންގެ ހަޔާތަށް ބޮޑު ލޮޅުމެއް އައެވެ. ޒައިނާގެ ބައްޕައަށް ކެންސަރުގެ ނުރައްކާތެރި ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނީއެވެ. ބައްޕައަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ޒައިނާގެ މަންމަވެސް ދަތުރުކުރަން ޖެހޭތީ، ގޭތެރޭގެ ކަންތައްތައް ބެލެހެއްޓުމަށް ޒައިނާއަށް މަޖުބޫރުވީ ކިޔެވުން ހުއްޓާލުމަށެވެ. އެހެންނަމަވެސް ބަލީގެ ޝިކާރައަކަށްވިތާ މާގިނަ ދުވަސްތަކެއް ނުވެ ޒައިނާގެ ބައްޕަ މި ދުނިޔެ އާއި އަލްވަދާއުކިއެވެ.

ފަހަކަށް އައިސް ޒައިނާ އަކީ ބަނޑާ ދިމާލުން ބުނެދޭން ނޭނގޭ ފަދަ ތަދެއް އިހުސާސް ކުރަމުން އަންނަ ކުއްޖެކެވެ. ބައްޕަ ނިޔާވުމާއި ގުޅިގެން މަންމަވެސް ނަފްސާނީގޮތުން ބަލިވުމާއި އެކު، ޒައިނާއަށް ކުރަން ޖެހުނު މަސައްކަތް އިތުރުވީއެވެ. ގޭތެރޭގައި ބުރަ މަސައްކަތްކުރަން ޖެހޭ ވަގުތުވެސް ގިނަވީއެވެ. އޮފީހުގެ މަސައްކަތް ނިންމާލުމަށްފަހު ގެއަށް އައިސް ގޭގެ ކަންކަން ކުރަން އުޅެން ޖެހޭލެއް ބުރަކަމުން، އަހަރެމެން ދެމީހުން ބައްދަލުކުރަން ފެށީވެސް ފަހުން ޒައިނާމެން ގޭގައެވެ.

މިހެން އުޅުމުގެ ތެރޭގައި ޒައިނާގެ ދަށް ބަނޑަށް ވަމުންދިޔަ ތަދު ބޮޑުވާން ފެށިއެވެ. ބައެއް ދުވަސްތަކުގައި ހިރި ނުލެވޭހާ ތަދު ބޮޑުވާން ފެށީއެވެ. އެފަދަ ދުވަސްތަކުގައި ޒައިނާގެ މަސައްކަތުގައި އޭނާގެ ކޮއްކޮ، ޒީޝާގެ ފަރާތުންވެސް ބޮޑު އެހީތެރިކަމެއް ލިބެއެވެ. އެހެންނަމަވެސް ޒީޝާ އަކީ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ކުއްޖެއްކަމުން، އޭނާއަށްވެސް މަސައްކަތުގައި މާގިނައިރު ހުރެވޭ ގޮތެއް ނުވެއެވެ.

އެހެންކަމުން ހިތްވަރުކޮށްލާފައި ޒައިނާ ހަމަ މަސައްކަތް ކުރަނީއެވެ. ޒައިނާގެ ދަށް ބަނޑުގައި ރިއްސާތީވެ އެތައް ފަހަރެއްގެ މަތިން އޭނާ ޑޮކްޓަރަށްވެސް ދައްކާފައިވެއެވެ. މީގެކުރިން ޒައިނާ ބުނަމުން އައީ ޑޮކްޓަރަށް މިވަނީ ކީއްކަން ބުނެދޭން ނޭނގޭ ކަމަށެވެ. އެހެންނަމަވެސް މިފަހަރު މިތަދު ބޮޑުވާން ފެށުމާއި، ޒައިނާގެ ބައްޕަ ދުނިޔޭގައި ނެތުމުން އޭނާ ގޮވައިގެން ޑޮކްޓަރަށް ދާން ނިންމީ އަހަރެންނެވެ.

އެޕޮއިންޓްމަންޓެއް ހެއްދުމަށްފަހު އަހަރެމެން ޑޮކްޓަރަކަށް ދެއްކުމަށް ދިޔައީއެވެ. މިފަހަރު ޑޮކްޓަރު ބޭނުންވީ ޒައިނާގެ ތަފާތު ޓެސްޓުތަކެއް ހެދުމަށެވެ. މީގެކުރިން ހެދި ޓެސްޓުތަކުން އެދެވޭ ނަތީޖާއެއް ނުފެންނާތީއެވެ.

ކަންދިމާކުރިގޮތުން އޮފީހުގެ މަސައްކަތެއްގައި ކުއްލިއަކަށް ދާންޖެހިގެން އަހަރެން ޖެހުނީ ރިޕޯޓުތައް ލިބުމުގެ ކުރިން ދާންށެވެ.

އެދުވަސްވީ އަހަރެންނާއި ޒައިނާގެ ގުޅުމަށް ނިމުން އައި ދުވަހަށެވެ. މިއަދު އަހަރެންނަށް މަޖުބޫރުވެފައި މިވަނީ ޒައިނާ އާއި ދުރުގައި ހުންނާށެވެ. ކުރެވޭނެ އެއްވެސް ކަމެއް، ހެދޭނެ އެއްވެސް ގޮތެއް ނެތިފައެވެ.

އެދުވަހު އޮފީސް މަސައްކަތް ނިންމާލާފައި އަހަރެން ޒައިނާއަށް ގުޅާލުމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު ދެން އައީ ޒައިނާގެ މެސެޖެކެވެ. އަހަރެންނަށް ޒައިނާ އަށް ވަގުތު ނުދެވޭ ކަމަށާއި، ދެން އަހަރެންނާއި އެކު އުޅެން ބޭނުން ނުވާކަމަށް ބުނެއެވެ. އަދި އަހަރެންނާ ދުވަހަކުވެސް ދެން ބައްދަލުވެ ވާހަކަދައްކަންވެސް ބޭނުން ނުވާކަމަށް ބުނެއެވެ.

މެސެޖު ލިބުމާއެކު އަހަރެންގެ ދެފައި ދަށުން ބިންގަނޑު ދޫވެގެން ދިޔަ ކަހަލައެވެ. ގައިން ވަރު ހުސްވެ ކުޑަކަކޫ މައްޗަށް ތިރިވެވުނެއެވެ. އަހަރެންގެ ލޯ ކަރުނައިން ތެންމާލިއެވެ. ގިސްލަމުން ރޮމުން އަހަރެން މަސައްކަތްކުރީ އަނެއްކާވެސް ޒައިނާ އަށް ގުޅޭތޯއެވެ. އެހެންނަމަވެސް އޭގެފަހުން އަހަރެންނަށް ޒައިނާގެ ފޯނަށްވެސް ނުގުޅެއެވެ.

އަހަރެން ޒައިނާގެ ގެއަށް ދިޔައިމެވެ. ދޮރުގައި ޓަކި ޖެހުމުން ޒައިނާގެ މަންމަ ދޮރު ހުޅުވިއެވެ. އެހެންނަމަވެސް އަހަރެން އެތެރެއަށް ވަނުމަށް ހުރަސް އެޅިއެވެ. އަދި ބުންޏެވެ.

ދަރިފުޅާ. މިއަދު މި ނޫން ގޮތެއް ނެތީ. ދަރިފުޅަކީވެސް އަދި ޒުވާން ކުއްޖެއް. ލޯބިވާނެ އެތައް ކުއްޖެއް ލިބޭނެ. ދަރިފުޅަށްވެސް އަދި ޒައިނާއަށްވެސް މިހާރު އެންމެ ރަނގަޅުވާނީ ދެން މިކަމަށް ނިމުމެއް ގެނެސް ދިރިއުޅުމައިގެން ކުރިއަށް ދިޔައީއާ".
ޒައިނާގެ މަންމަ

އަހަރެންނަށް ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. ވީ އިތުރަށް މާޔޫސެވެ. ހަދާނެ ގޮތް ހުސްވީއެވެ. ބުނާނެ އެއްޗެއް، ކުރާނެ ކަމެއް، ދާނީ ކޮންތާކަށްކަންވެސް ނޭނގުނެވެ.

ޒައިނާގެ ފޯނު ކޯލެއްގެ އިންތިޒާރުގައި އަހަރެންގެ ދުވަސްތައް ހަޔާތުން ފާއިތުވަމުންދިޔައެވެ. މިގޮތަށް އަހަރު ދުވަސް ހޭދަކުރިފަހުން އަހަރެންނަށް އައީ އަހަރެން އިންތިޒާރުކުރަމުން އައި ކޯލެވެ. އުފަލުން ހުރެ އަހަރެން ފޯނު ނެގީ ޒައިނާގެ މިއުޒިކީ އަޑު އަހަރެންގެ ކަންފަތުގައި ޖެހޭނެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އަހަރެންނާ ފޯނުން ވާހަކަދެއްކީ ޒައިނާގެ މަންމައެވެ. ދިނީ ކުރު ޖަވާބެކެވެ.

"ދަރިފުޅާ. ޒައިނާ..... ޒައިނާ މަރުވެއްޖެ... ދަރިފުޅާ.... ޒައިނާ މަރުވެއްޖެ... އޭނާއަށް މާފުކުރޭ... މަންމަ މެނަށްވެސް މާފުކޮށްދީ... މޫނު ބަލާލަން ބޭނުންނަމަ މެންދުރު ނަމާދުގެ ކުރިން އާސަހަރާ އަށް އާދޭ".
ޒައިނާގެ މަންމަ

މިވާހަކަތައް އަޑު އިވުމާއެކު އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. މުޅި ދުނިޔެ އަނދިރިވެ ދިރިއުޅުން ފަނާވިކަމުގެ އިހުސާސް ކުރެވުނެވެ. ގަބޫލު ކުރަން ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ޒައިނާގެ މަންމަ އެވަރުގެ އޮޅުވާލުމެއް އޮޅުވާލާފާނޭ އަހަރެންގެ ހިތެއް ނުބުނެއެވެ. ވަގުތުން އަހަރެން އާސަހަރާއަށް ދިޔައީމެވެ.

އެއް އަހަރަށްފަހު އަހަރެންނަށް ޒައިނާ ފެނުނެވެ. ދެކެން ބޭނުންވި ގޮތަކަށް ނޫނެވެ. މިއީ އެހާ އަވަހަށް ފެނިދާނެ ދުވަހެއްކަމަށް އަހަރެން ހީވެސް ނުކުރަމެވެ. ދެމީހުން ލޯބިން އެކުގައި އަހަރުތައް ހޭދަކޮށް، ލޯބި ލޯބި ދަރިންތަކެއް ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް އެކުދިން ބޮޑެތިވެ، ދެމީހުން ނިމިދަންދެން ނަމޫނާ ދެމަފިރިންގެ ގޮތުގައި އުޅުން އެއީ އަބަދުވެސް އަހަރެންނާ ޒައިނާ ދެކުނު ހުވަފެނެކެވެ.

ކަފުންކޮށް މޫނު ނާޅާ އޮއްވާ އަހަރެންނަށް ޒައިނާ ފެނުންވީ އަހަރެންގެ ހުރިހާ އުންމީދުތަކެއް ފަނާވެގެންދިޔަކަމުގެ އިހުސާސް އަހަރެންނަށް ކުރުވި ކަމަކަށެވެ. އަހަރެންގެ ލޮލުގެ ކޮއެ ފަދައިން އަހަރެން ލޯބިވި ޒައިނާ އަހަރެންނާ ވަކިވެ ދިއުމުންނެވެ. އަހަރެން މި ދުނިޔެއަށް އެކަނި ކޮށްފައެވެ.

ޒައިނާގެ ޖަނާޒާގެ ކަންކަން ނިންމާފައި އަހަރެން ދާން ނުކުތްތަނާ އަހަރެންގެ އަތުގައި ޒީޝާ ހިފިއެވެ. އަބަދުވެސް އަހަންނާ މުހާތަބު ކުރާ ފަދައިން ދޮންތަބޭ އޭ ކިޔާފައި ރޮމުން ގިސްލަމުން އަހަރެންނަށް ގޮވާލިއެވެ. އެއަށްފަހު އަހަރެން އަތަށް ސިޓީއެއް ދިނުމަށްފަހުގައި ޒީޝާ އެދުނީ އޭނާއަށްވެސް އަދި އޭނާގެ ދޮންތައަށްވެސް އަދި މަންމަ އަށްވެސް މައާފުކުރުމަށެވެ. އެއަށްފަހުގައި އެދުނީ ގެއަށް ގޮސް މެނުވީ އެ ސިޓީ ނުހުޅުވުމަށެވެ.

އަހަރެން އަވަސް އަރުވާލާފައި ގެއަށް ގޮސް އެ ސިޓީ ހުޅުވާލީމެވެ.

ސިޓީ އެޑްރެސް ކޮށްފައި އޮތީ "މި ދުނިޔޭގައި އަހަރެންގެ ފުރާނައަށްވުރެ ލޯބިވީ މިޝްޢަލް އަށް" މިހެންނެވެ. މިއާއެކު މިއީ ޒައިނާ އަހަންނަށް ދިން ސިޓީއެއްކަން އަހަރެންނަށް ޔަގީން ކުރެވުނެވެ.

ސިޓީގައި ޒައިނާ ވަނީ ކަންތައް ހިނގައިދިޔަގޮތް އަހަންނަށް ހާމަކޮށްފައެވެ. އޭގައި ލިޔެފައިވެއެވެ.

"މިޝްޢަލް. ތިއީ މި ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ފުރިހަމަ ބައިވެރިޔާ. ތިއީ ކޮންމެ އަންހެން ކުއްޖަކުވެސް އެ އަންހެން ކުއްޖެއްގެ ހަޔާތަށް ގެންނަން ބޭނުންވާނެ ފަދަ ހަޔާތުގެ ބައިވެރިއެއް. ތިއީ ކޮންމެ ބައްޕައަކުވެސް އެ ބައްޕައެއްގެ އަންހެން ދަރި، އެއްވެސް ޖެހިލުމެއްނެތި ހަވާލުކުރަން ބޭނުންވާނެފަދަ މީހެއް. މިޝްޢަލް. އަހަރެންނަށް މައާފުކުރޭ. އަހަރެން މިޝްޢަލް އާއި ވަކިވީ އެއްވެސް ހާލަތެއްގައި ލޯބި ނުވާތީ ނޫނީ މިޝްޢަލްގެ ކުށެއް އޮވެގެނެއް ނޫން. އެއީ އަހަރެން މިޝްޢަލް ދެކެ ލޯބިވާލެއް ބޮޑުކަމުން. އަހަރެންގެ ސަބަބުން މިޝްޢަލް އަށް ތަކުލީފާއި ހިތާމަ ދޭން ބޭނުން ނުވާތީ. އަހަންނަށް މައާފުކުރޭ. އަހަރެންގެ ބަނޑުގައި ރިއްސާ ވާހަކަ އަބަދުވެސް އަހަރެން މިޝްޢަލްގެ ގާތުގައި ބުނަން. އެއްކަލަ ދުވަހު އެކްސްރޭ ނެގުމާއި ހަމައަށް އަހަރެންނަކަށް ނޭނގޭ އެކަމުގެ އަސްލު ސަބަބެއް. އެކްސްރޭ ބެލުމަށްފަހު ޑޮކްޓަރު ދިނީ އަހަރެން ހީވެސް ނުކުރާ ފަދަ ޖަވާބެއް. އަހަރެންގެ ބަނޑަށް ތަދުވީ ކީއްވެކަން އިނގޭތަ؟ ރިޕޯޓުތަކުގެ ނަތީޖާ ދައްކާގޮތުން އަހަރެން އޯވޭރިއަން ކެންސަރ އަށް ޕޮޒިޓިވް. އަހަރެން ހުރީ އެ ކެންސަރުގެ ސްޓޭޖް ފަހެއްގައި. ޑޮކްޓަރު ބުނީ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑައޭ. ކުރިން މިކަމުގެ ހަގީގަތް އިނގި އެދެވޭ ފަރުވާއެއް ހޯދުންނަމަ މިއަދު އަހަރެން މިޝްޢަލް އާއިއެކު ވީސް ކަންނޭނގެ. އަހަރެންނަށް މައާފް ކުރޭ. އަހަރެން ބޭނުން ނުވީ އަހަރެން މި ދުނިޔޭގަ ހުންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތްއިރު، އަހަރެންގެ ސަބަބުން މިޝްޢަލް ހިތާމަކޮށް ޒުވާން އުމުރު ބޭކާރު ކޮށްލަން. އިނގޭތަ. އޯވޭރިއަން ކެންސަރ ގައި މަރުވަނީ 108 އަންހެނުންގެ ތެރެއިން އެންމެ އަންހެނެއް ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް ޑޮކްޓަރު ބުނީ. އަހަރެން މި ސިޓީ މިލިޔަނީ އަހަރެންނަކީ 108 މީހުންގެ ތެރެއިން މިކަމުގައި ނިމިދާ މީހާކަން ވަރަށް ބޮޑަށް ޔަގީންވުމުން. ދުޢާ އަކީ ޖަންނަތުގައި މިޝްޢަލް އާއިއެކު އަހަރެންނަށް އުޅުމުގެ ފުރުސަތު ލިބުން. އެހެންނަމަވެސް މި ދުނިޔޭގަ މިޝްޢަލްވެސް ރަނގަޅު ހަޔާތުގެ ބައިވެރިއެއް ހޯދައިގެން އުފާވެރި ހަޔާތެއް ހޭދަކުރާތި. މިއީ އަހަރެން މިޝްޢަލް އަށް ކުރާ ވަސިއްޔަތެއް. އަދި އެއް ކަންތައް. އެހީ ވެވެން އޮތް މިންވަރަކުން އަދި ބެލެން އޮތް މިންވަރަކުން އަހަރެންގެ މަންމަ އާއި ޒީޝާ އަށް ބަލައިދޭތި. އެހީތެރިވެދޭތި. އެމީހުން ވަރަށް އެކަނިވެރިވާނެ. ތިއީ އަބަދުވެސް، އަހަރެންގެ ފަހު ވިންދާ ޖެހެންދެންވެސް އަހަރެންގެ ހިތުގެ ރާޖާ. ވަރަށް ލޯބިވަން".
ޒައިނާ

ޒައިނާގެ މި ސިޓީ އާއިއެކު އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އަހަރެންނަށް ޒައިނާ އެވާހަކަތައް ކިޔާ ނުދޭންވީ ހަގީގީ ސަބަބަކީ ކޮބައިތޯއެވެ. އަހަރެން ދެރަވާނެކަން އެނގުން އެއީ އަހަރެންނަށް މިކަން ސިއްރުކުރަން ޖެހޭ ސަބަބެއް ކަމަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ޒައިނާ އާއިއެކު އަހަރެންނަށް އިތުރު ވަގުތު ލިބުނު ނަމައޭ އަދިވެސް އަހަރެން ހިތަށް އަރައެވެ. އެ ހާލުގައިވެސް އަހަރެންގެ އަނބިމީހާގެ ލަގަބު ޒައިނާއަށް، ކުޑަ ދުވަސްކޮޅަކަށް ލިބުނު ނަމައޭ ހިތަށް އަރައެވެ. އެހެންނަމަވެސް އަހަރެންގެ ހިތުގައި ޒައިނާ އާއިމެދު އެއްވެސް ޝަކުވާއެއް ނެތެވެ. ޒައިނާ އަހަރެން ދެކެ ހަގީގީ ލޯބިވީ ފަދައިން އަހަރެންވެސް ޒައިނާދެކެވީ ހަގީގީ ލޯތްބެވެ، އިންސާނަކު އަނެއް އިންސާނަކު ދެކެ ވާނޭ އެންމެ މާތް ލޯތްބެވެ. އަހަރެންގެވެސް ދުޢާ އަކީ ޖަންނަތުގައި ޒައިނާ އާއިއެކު ވުމެވެ. އަދި ޒައިނާގެ ވަސިއްޔަތް އަހަރެން ފުރިހަމަކޮށްދޭނަމެވެ.

*****ނިމުނީ******