އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ސިއްހީ ހާލުކޮޅު ގޯސްކަމަށް ޑޮކްޓަރުން ވިދާޅުވުމާ ގުޅިގެން ޝާހީ އާއިލާގެ ބޭފުޅުން، ރާނީ ދިރިއުޅުއްވާ ސްކޮޓްލެންޑްގެ ގަނޑުވަރަށް ޖަމާވާން ފަށައިފިއެވެ.

އުމުރުފުޅުން 96 އަހަރުގެ ރާނީ އެލިޒަބަތުގެ ސިއްހީ ހާލުކޮޅު ދެރަވެ ޑޮކްޓަރުން މިހާރު ގެންދަނީ އެކަމާއަށް ފަރުވާ ދެއްވައި، ގާތުގައި ތިއްބަވައިގެން ހާލުކޮޅު ބައްލަވަމުންނެވެ.

ރާނީ އެލިޒަބަތުގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ބަކިންހަމް ޕެލަސްއިން ބަޔަނެއް ނެރުމަކީ ވަރަށް ނާދިރު ކަމެއްކަމުން، ރާނީގެ ސިއްހީ ހާލުކޮޅު ސީރިއަސްކަން އެންމެނަށްވެސް ވަނީ އެނގިގެން ގޮސްފައެވެ.

ރާނީގެ ޚާއްސަ ޑޮކްޓަރުންގެ ޓީމުން، އެކަމަނާގެ ސިއްހީ ހާލުކޮޅާމެދު ކަންބޮޑުވުން ފާޅުކުރެއްވުމާއެކު، ރާނީ ދިރިއުޅުއްވާ ސްކޮޓްލެންޑްގެ ބަލްމޮރަލް ކާސްލްއަށް ޝާހީ އާއިލާގެ ބޭފުޅުން މިހާރުވަނީ ވަޑައިގަންނަވަން ފަށްޓަވާފައެވެ. އެއީ، މި ދަނޑިވަޅުގައި ރާނީގެ ގާތުގައި ތިއްބެވުމަށްޓަކައެވެ.

ރާނީގެ އެންމެ ދޮށީ ދަރިކަލުން އަދި ރާނީއަށްފަހު އިނގިރޭސި ރަސްކަމުގެ ތަޚުތާ ހަވާލުވެވަޑައިގަންނަވާ ވަލީއަހުދު ޗާލްސްއާއި، އަނބިކަނބަލުން ކެމީލާވެސް މިހާރުވަނީ ބަލްމޮރަލް ގަނޑުވަރަށް ވަޑައިގެންފައެވެ.

ރާނީގެ ދަރިކަނބަލުން އަމީރާ އޭންއާއި، އަމީރު އެންޑްރޫ އަދި އަމީރު އެޑްވަޑްވެސް މިހާރު އުޅުއްވަނީ ސްކޮޓްލެންޑަށް ވަޑައިގަތުމުގެ މަގުމަތީގައެވެ.

ޗާރލްސްގެ ދަރިކަލުން ހެރީއާއި، އަނބިކަނބަލުން މޭގަންވެސް ސްކޮޓްލެންޑަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެދެމަފިރިންގެ ތަރުޖަމާނު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުންވެސް ރާނީ އެލިޒަބަތު އުޅުއްވަނީ އާލާސްކަންފުޅާއެވެ. ސިއްހީ ހާލުކޮޅު ގޯސްވެ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ރާނީ ހޮސްޕިޓަލުގައިވެސް އެޑްމިޓްކުރަން ޖެހުނެވެ.

ސިއްހީ ހާލުކޮޅު ހުރިގޮތުން، އޭގެފަހުން ރަސްމީ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުންވެސް ރާނީ އެލިޒަބަތު ހުންނެވީ ދުރުވެވަޑައިގެންނެވެ.

އިނގިރޭސި އައު ބޮޑުވަޒީރަކަށް ލިޒް ޓްރަސް އައްޔަން ކުރެއްވުމާއި، ސަރުކާރު އެކުލަވާލަން ރަސްމީކޮށް ދެންނެވުމަށް އަންގާރަ ދުވަހު ބަލްމޮރަލް ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތުގައި ރާނީއާއި ލިޒް އެކުގައި ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފައި ވެއެވެ.

އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރާނީ އެލިޒަބަތު ވެޑުވުނީ 1952 ވަނަ އަހަރުއެވެ. އެކަމަނާ ތަޚުތުގައި ވެޑުވުނުތާ 70 އަހަރުފުރުން މިއަހަރުގެ ކުރިކޮޅު ފާހަގަ ކޮށްފައިވާއިރު، ރާނީ އެލިޒަބަތު ވެވަޑައިގެންފައިވަނީ އިނގިރޭސި ރަސްކަން އެންމެ ގިނަދުވަހު ކުރެއްވި ފަރާތަށެވެ.

އިނގިރޭސި ރަސްކަމަކީ ދުނިޔޭގެ އެންމެ ދުވަސްވީ ރަސްކަންވެސް މެއެވެ.