ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް އިދިކޮޅު ލީޑަރ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އަންނަ ހޮނިހުރު ދުވަހު ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި ޝަރީއަތް ތާވަލްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތަކަށެވެ. ނަމަވެސް ޝަރީއަތް ބާއްވާ ވަކި ގަޑިއެއް ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކުރި ނަމަވެސް، އެމަނިކުފާނުގެ ބަލި ހާލަތު ހުރިގޮތުން މިއަދުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ. ޝަރީއަތް ކެންސަލްވުމުން ދައުލަތުން ވަނީ ހަފުތާ ބަންދުގައި ޝަރީއަތް ބާއްވައިދިނުމަށް އެދިފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

މިހާރު ކުރިއަށްދަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ ހެކިބަސް ދެއްވާފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ޝަފައީ ހެކިންގެ ގޮތުގައި ހަތް ދިފާއީ ހެކި ހުށަހަޅާފައިވެއެވެ.

އެގޮތުން މިއަދު ތަވަލްކުރި އަޑުއެހުމުގައި 3 ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އިސް ގާޟީ ވަނީ ބުދަ ދުވަހު ވިދާޅުވެފައެވެ.