އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވެއްޖެއެވެ.
ޝާހީ އާއިލާގެ މައި ގަނޑުވަރު، ބަކިންހަމް ޕެލަސްއިންވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.
އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.
ރާނީ އެލިޒަބަތު އަވަހާރަމިވީ، އެކަމަނާގެ ސިއްހީ ހާލުކޮޅު ކުއްލިއަކަށް ވަރަށް ގޯސްވެ، ރާނީގެ ޚާއްސަ ޑޮކްޓަރުންގެ ޓީމުން މިއަދު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ޝާހީ އާއިލާގެ މެމްބަރުން ސްކޮޓްލެންޑްގައި ހުންނަ ޝާހީ އާއިލާގެ ގަނޑުވަރަށް ވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ.
ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން އިނގިރޭސިވިލާތުގެ އައު ރަސްގެފާނަކީ ރާނީގެ އެންމެ ދޮށީ ދަރިކަލުން އަދި ވަލީއަހުދުގެ މަގާމުގައި ހުންނެވި އަމީރު ޗާލްސްއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާނީ އެލިޒަބަތު އުޅުއްވީ އާލާސްކަންފުޅާއެވެ. ސިއްހީ ހާލުކޮޅު ގޯސްވެ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ހޮސްޕިޓަލުގައިވެސް އެޑްމިޓްކުރަން ޖެހުނެވެ.
ސިއްހީ ހާލުކޮޅު ހުރިގޮތުން، އޭގެފަހުން ރަސްމީ ޒިންމާތަކާއި މަސްއޫލިއްޔަތު ތަކުންވެސް ރާނީ އެލިޒަބަތު ހުންނެވީ ދުރުވެވަޑައިގެންނެވެ.
އިނގިރޭސި އައު ބޮޑުވަޒީރަކަށް ލިޒް ޓްރަސް އައްޔަން ކުރެއްވުމާއި، ސަރުކާރު އެކުލަވާލަން ރަސްމީކޮށް ދެންނެވުމަށް އަންގާރަ ދުވަހު ބަލްމޮރަލް ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތުގައި ރާނީ، ލިޒް ޓްރަސްއާ ބައްދަލު ކުރައްވާފައި ވެއެވެ.
އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރާނީ އެލިޒަބަތު ވެޑުވުނީ 1952 ވަނަ އަހަރުއެވެ. އެކަމަނާ ތަޚުތުގައި ވެޑުވުނުތާ 70 އަހަރުފުރުން މިއަހަރުގެ ކުރިކޮޅު ފާހަގަ ކޮށްފައިވާއިރު، ރާނީ އެލިޒަބަތު ވެވަޑައިގެންނެވީ އިނގިރޭސިވިލާތުގައި އެންމެ ގިނަދުވަހު ރަސްކަން ކުރެއްވި ފަރާތަކަށެވެ.
އިނގިރޭސި ރަސްކަމީ ދުނިޔޭގެ އެންމެ ދުވަސްވީ ރަސްކަންވެސް މެއެވެ.
ރާނީ އެލިޒަބަތު، އުމުރުފުޅުން 96 އަހަރުގައި މިއަދު އަވަހާރަވިއިރު ރާނީ އެލިޒަބަތުގެ ފިރިކަލުން އަމީރު ފިލިޕްސް މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 9 ވަނަ ދުވަހު ވަނީ އަވަހާރަވެފައެވެ.