އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ، ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި އަވަހާރަވިއިރު މިއީ އެކަމަނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ފާހަގަކޮށްލެވޭ އަހަރެކެވެ.
މިއީ އެކަމަނާ ރާއްޖެ ޒިޔާރަތް ކުރެއްވިތާ 50 އަހަރު ފުރުނު އަހަރެވެ. އެކަމަނާ ރާއްޖެ ވަޑައިގަތީވެސް އެންމެ ފަހަރަކުއެވެ.
ރާނީ އެލިޒަބަތު ރާއްޖެ ވަޑައިގެންނެވީ 1972 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ. އެކަމަނާ ވަޑައިގެންނެވީ ފިރިކަލުން ޕްރިންސް ފިލިޕް އާއިއެކުއެވެ.
މި ދަތުރުފުޅުގައި އެކަމަނާ ވަނީ ވެރިރަށް މާލޭގެ އިތުރުން އައްޑޫ އަށްވެސް ޒިޔާރަތް ކުރައްވާފައެވެ. މާލޭގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކަމަނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން އަމީނިއްޔާ ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ.
ގިނަބަޔަކަށް ނޭނގުނު ނަމަވެސް ރާނީ އެލިޒަބަތަކީ ދިވެހި ދައުލަތުން ނިޝާން ޣާޒީގެ އިއްޒަތުގެ ލަގަބް އަރުވާފައިވާ ފަރާތެކެވެ. އެކަމަނާއަށް މި ލަގަބު އެރުވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަށްވެސް މި ދަތުރުގެ ތެރެއިން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު އެރުވިއެވެ.
ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ބޭނުންކުރައްވަން ގެންގުޅުއްވި ކާރުކޮޅު، ދާދި ފަހަކާއި ޖެހެންދެން މާލޭގައި އޮތެވެ. އެހެންނަމަވެސް އެކާރު މިހާރު އޮތީ ސީދާ ކޮންތާކުކަން ސާފުވެފައެއް ނުވެއެވެ. ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތުދެމުން އެކާރު ނީލަމުން ގަތް ފަރާތަކުން ބުނީ އެ ކާރު ލ. އަތޮޅަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. ކާރު ނީލަން ކިޔާފައިވަނީ 2015 ވަނަ އަހަރުއެވެ.
އޭގެފަހުން 2017 ވަނަ އަހަރު އެހެން އަމިއްލަ ފަރުދަކުވެސް ވަނީ މިކާރު ގަނެފައެވެ. އެފަރާތުން ބުނިގޮތުގައި މިކާރު މަރާމާތުކުރުމަށްފަހު ސިނަމާލެ ބްރިޖުގައި ދުއްވުމަށް ގެންދިޔައީ މަސައްކަތް ކުރަމުންނެވެ.
މި ކާރަކީ ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް ނާސިރު ބޭނުންކުރެއްވި ކާރެއް ކަމަށްވެއެވެ.
ރާނީ އެލިޒަބަތު ރާއްޖޭގައި ބޭނުންކުރެއްވި ކާރަކީ ޝެވްރޮލޭ ބްރޭންޑް ސީރީޒްގެ ފަސްވަނަ ޖެނެރޭޝަންގެ ކާރެކެވެ.
އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.
ރާނީ އެލިޒަބަތު އަވަހާރަމިވީ، އެކަމަނާގެ ސިއްހީ ހާލުކޮޅު ކުއްލިއަކަށް ވަރަށް ގޯސްވެ، ރާނީގެ ޚާއްސަ ޑޮކްޓަރުންގެ ޓީމުން މިއަދު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ޝާހީ އާއިލާގެ މެމްބަރުން ސްކޮޓްލެންޑްގައި ހުންނަ ޝާހީ އާއިލާގެ ގަނޑުވަރަށް ވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ.
ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން އިނގިރޭސިވިލާތުގެ އައު ރަސްގެފާނަކީ ރާނީގެ އެންމެ ދޮށީ ދަރިކަލުން އަދި ވަލީއަހުދުގެ މަގާމުގައި ހުންނެވި އަމީރު ޗާލްސްއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާނީ އެލިޒަބަތު އުޅުއްވީ އާލާސްކަންފުޅާއެވެ. ސިއްހީ ހާލުކޮޅު ގޯސްވެ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ހޮސްޕިޓަލުގައިވެސް އެޑްމިޓްކުރަން ޖެހުނެވެ.
އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރާނީ އެލިޒަބަތު ވެޑުވުނީ 1952 ވަނަ އަހަރުއެވެ. އެކަމަނާ ތަޚުތުގައި ވެޑުވުނުތާ 70 އަހަރުފުރުން މިއަހަރުގެ ކުރިކޮޅު ފާހަގަ ކޮށްފައިވާއިރު، ރާނީ އެލިޒަބަތު ވެވަޑައިގެންނެވީ އިނގިރޭސިވިލާތުގައި އެންމެ ގިނަދުވަހު ރަސްކަން ކުރެއްވި ފަރާތަކަށެވެ.
އިނގިރޭސި ރަސްކަމީ ދުނިޔޭގެ އެންމެ ދުވަސްވީ ރަސްކަންވެސް މެއެވެ.
ރާނީ އެލިޒަބަތު، އުމުރުފުޅުން 96 އަހަރުގައި އަވަހާރަވިއިރު ރާނީ އެލިޒަބަތުގެ ފިރިކަލުން އަމީރު ފިލިޕްސް މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 9 ވަނަ ދުވަހު ވަނީ އަވަހާރަވެފައެވެ.