އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2 ވަނަ، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ހުކުރު ދުވަހުން ފެށިގެން ފެށިގެން 3 ދުވަސް ވަންދެން (2022 ސެޕްޓެންބަރު 09 ވާ ހުކުރު ދުވަހުން ފެށިގެން 2022 ސެޕްޓެންބަރު 11 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ބޭފުޅެކެވެ.

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވީ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން އިނގިރޭސިވިލާތުގެ އައު ރަސްގެފާނަކީ ރާނީގެ އެންމެ ދޮށީ ދަރިކަލުން އަދި ވަލީއަހުދުގެ މަގާމުގައި ހުންނެވި އަމީރު ޗާލްސްއެވެ.

ރާނީ އެލިޒަބަތު، އުމުރުފުޅުން 96 އަހަރުގައި މިއަދު އަވަހާރަވިއިރު ރާނީ އެލިޒަބަތުގެ ފިރިކަލުން އަމީރު ފިލިޕްސް މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 9 ވަނަ ދުވަހު ވަނީ އަވަހާރަވެފައެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާނީ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ހިތާމައާއި އެކުގައި ކަމަށެވެ. އެކަމަނާ އަކީ ޢާންމު ޚިދްމަތާއި، އަމިއްލަ ޤައުމަށާއި، ޤައުމުތަކުގެ މުޖުތަމަޢަށް އިޚްލާޞްތެރިކަމުގެ އަލިގަދަ މިސާލެއް ކަމުގައެވެ.

މިފަދަ ކަމަކާއި ގުޅިގެން އެންމެފަހުން ރާއްޖޭގެ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެންނެވެ.