ކ. މާފުށި: މާލެ އަތޮޅު މާފުށީގައި މެއްސާއި މަދިރީގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ، އެރަށުގެ ރަށްވެހިން ކުރަންފަށައިފިއެވެ.

އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ސްކައުޓް ގުރޫޕާއި މާފުށީ ސްކޫލްގެ ސްކައުޓް ގްރޫޕް ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް މާފުށީގައި ކުރިއަށް ގެންދިޔަ 'ކަބްވެންޗަރ' ކޭމްޕުގެ ކަވަރޭޖަށް މާފުށީގައި ހަރަކާތްތެރިވި 'ވީނިއުސް'ގެ ނޫސްވެރިން ވަނީ ރަށުގެ ބައެއް ރަށްވެހިންނާ ބައްދަލުކޮށް ވާހަކަދައްކައި އެ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހާފައެވެ.

މި ގޮތުން އާންމުން ފާހަގަކުރި އެއް ކަމަކީ ރަށުގައި އާދަޔާ ޚިލާފަށް މެއްސާއި މަދިރި ގިނަވެ، އާންމު އުނދަގުލަކަށް އެކަން ވެފައިވާކަމެވެ. މިކަން މާފުށީގައި މި ދެދުވަހު ހަރަކާތްތެރިވި "ވީނިއުސް"ގެ ނޫސްވެރިންނަށްވެސް ފާހަގަކުރެވުނެވެ.

މަދިރި ވަރަށް ގިނަވެއްޖެ މިހާރު، އެކަން ފާހަގަކުރެވެނީ. ރޭގަނޑުވުމުން އެ ސޮރުމެންގެ އުނދަގޫ ވަކިން ބޮޑު. ހީވަނީ އަރައިކައިފާނެހެން.
މާފުށީ ރައްޔިތެއް

މިކަމާއި ގުޅޭ ގޮތުން "ވީނިއުސް" އިން ސުވާުލުކުރުމުން މާފުށި ކައުންސިލްގެ ރައީސް ހަަސަން ސަލާހު ވިދާޅުވީ، އެ ކަމުގެ ޝަކުވާ ކައުންސިލަށް ވެސް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މުވައްސަސާތަކާއި ގުޅިގެން މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ. ހަަސަން ސަލާހު ވިދާޅުވީ، މަދިރި ގިނަ ވަނީ ވިއްސާރަ ވެހި، އެހެލާފައި ނުވަތަ ބަންނަން ފަށާފައިވާ ލޯންޗުފަހަރާއި އަލަށް އިމާރާތްކުރާ ތަންތަނުގެ ސީޓުތައް ފަދަ ތަންތަނުގައި ފެން ހަރުލައި ގިނަ ދުވަހު ހުންނާތީ ކަމަށެވެ. މަދިރިއަކީ ދައުރުނުވާ ގޮތަށް ހުންނަ ފެންގަނޑަށް ބިސް އަޅާ އެއްޗެކެވެ.

މާފުށީގައި ހަދަމުންދާ އިމާރާތެއް --- ފޮޓޯ: ޒިދާން މުޙަމައްދު / ވީނިއުސް

މެހި ގިނަވާ ސަބަބެއް ކަމަށް މާފުށި ކައުންސިލްގެ ރައީސް ފާހަގަކުރީ ރައްޔިތުންގެ ތެރެއިން ބަޔަކު އުސޫލާއި ޚިލާފަށް ކުނި އުކުމެވެ.

މާފުށި ކައުންސިލުން ރައްޔިތުންނަށާއި ސައިހޮޓާ އަދި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް އަންގާފައި ވަނީ ކުނިވާ ޒާތުގެ ކުންޏާއި އެހެނިހެން ކުނި ވަކިކޮށްގެން ކުނި އުކުމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ކައުންސިލްގެ އެ އެންގުމާއި ޚިލާފަށް ކުނިވާ ޒާތުގެ އެއްޗެއްސާއި އަންދާލައިގެން ނައްތާލާ އެހެން ކުނިތައް އެއްކޮށްގެން ކުނި އުކާތީ، ކުނި އަންދާއިރު ކުނިވާޒާތުގެ އެއްޗެހި ނައްތާނުލެވި ކުނިގޮނޑުގައި މެހި އާލާވަނީއެވެ.

މާފުށި ކައުންސިލްގެ ރައީސް ސަލާހު ވަނީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ސަލާހު އިތުރަށް ވިދާޅުވީ، މެހި ނައްތާލުމަށް މިދިޔަ ހަފުތާގައި ބޭސް ގެނެސްގެން އެ ސަރަހައްދަށް ބޭސްލާފައިވާ ކަމަށެވެ. މީގެކުރިންވެސް އެކިފަހަރުގެ މަތިން މެހި އާލާވާ ތަންތަނަށް ބޭސްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިއްސާރަ ދުވަސްވަރު، މަދިރި އާލާވާ މި ރަށުގައި މަދިރި ކޮންޓްރޯލްކުރުމަށް 2021 ވަނަ އަހަރުވެސް ހަރަކާތްތަކެއް ހިންގާފައިވެއެވެ. މިގޮތުން މާފުށީ ސިއްޙީ މަރުކަޒުން އިސްނަގައިގެން މާފުށީ ކައުންސިލްގެ އެހީތެރިކަމާއެކުގައި ހަރަކާތެއް ކުރިއަށް ގެންދިޔައެވެ. މާފުށީގައި މަދިރި މަދުކުރުމަށް ހިންގި މި ހަރަކާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންވެސް ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި އެރަށުގައި ހަރަކާތްތެރިވާ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އަމިއްލަ ކުންފުނިތަކުގެ މެންބަރުންގެ އިތުރުން އާންމު ރައްޔިތުންވެސް ވަނީ ބައިވެރި ވެފައެވެ.

މާފުށި ފާހަގަކުރެވެނީ ވަރަށް ސާފުތާހިރު ރައްޔިތަކު ދިރިއުޅޭ، ރަށެއްގެ ގޮތުގައެވެ. ރަށުގެ މަގުތަކާއި އާންމު ތަންތަންވެސް ފެންނަނީ ވަރަށް ސާފުތާހިރުކޮށެވެ.

މާފުށްޓަކީ ރާއްޖޭގައި 'ރަށު ފަތުރުވެރިކަން' އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އެއް ރަށެވެ. ގެސްޓްހައުސްތައް ގިނަ މިރަށުގައި ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް ހުރެއެވެ.

ރަށްރަށުގައި މަދިރި އާލާވެ ގިނަވުމަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެކެވެ. ސަބަބަކީ މަދިރި ގިނަވެއްޖެ ނަމަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ރަށުތެރޭ ފެތުރުމުގެ ފުރުސަތު ބޮޑުވާނެތީއެވެ.

ކ. މާފުށި --- ފޮޓޯ: ޒިދާން މުޙަމައްދު / ވީނިއުސް

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ ތެރެއިން ރާއްޖޭގައި އެންމެ އާންމު އެއް ބައްޔަކީ ޑެންގީ ހުމެވެ. ޑެންގީ ހުމަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސް ގެ ހަތަރު ވައްތަރެއް މިހާތަނަށްވަނީ ފެނިފައެވެ. މި ވައިރަހުގެ ކޮންމެ ބާވަތަކުން މީހަކަށް ބަލި ޖެހެނީ އެއްފަހަރުއެވެ.

އީޑީޒް އިޖިޕްޓައި، އަދި އީޑީޒް އަލްބޯޕިކްޓަސް މަދިރިން އުފުލާ މި ވައިރަސް އިންސާނާގެ ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމް އަށަގެންފައިވާ މަދިރި އިންސާނާ ގައިގައި ހަފާ ވަގުތުއެވެ. ޑެންގީ ހުމަކީ މަދިރި ހެފުމަކާއި ނުލައި އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ.

އެހެންކަމުން ފަރުދީ ފެންވަރުގައްޔާއި ރަށު ފެންވަރުގައި މަދިރި އާލާވުން ހުށްޓުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.