ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައިހުރެ، އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ގުނި ކަމަށާއި، އެހެންނަމަވެސް އެއީ ކޮންމެ ނޫޓެއް ވަކިވަކިން ނޫން ކަމަށާއި، ގުނީ ފައިސާ ބޮނޑިތައް ކަމަށް، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދިން އަބްދުﷲ ރަޝީދު ބުނެފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ. މިއަދުގެ އަޑުހެމުގައި އަބްދުﷲ ރަޝީދު ބުނީ، މި މައްސަލައިގައި ރައީސް ޔާމީނާއެކު ދައުވާ އުފުލާފައިވާ ޔޫސުފް ނައީމް އޭނާއާ ދެފަހަރެއްގެ މަތިން ބައްދަލުވި ކަމަށެވެ. އެއީ ކެމްޕޭން ދަތުރެއްގައާއި، ރައީސް ޔާމީނު ވިދާޅުވެގެން ފައިސާގެ މުއާމަލާތަކާއި ގުޅިގެން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ފައިސާގެ މުއާމަލާތްތަކާއި ގުޅުންހުރި ކަންކަމުގައި އޭނާއަށް ރައީސް ޔާމީން ގުޅުއްވާކަމަށެވެ. އެގޮތުން އެކި މީހުންނަށް ދޭން ޖެހޭ ފައިސާއާއި، ބޭންކަށް ޖަމާކުރަންޖެހޭ ފައިސާގެ މުއާމަލާތްތަކާއި ގުޅިގެން ރައީސް ޔާމީނު އޭނާއަށް ގުޅުއްވާކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ އިތުރަށް ބުނީ، ރައީސް ޔާމީނު ޔޫސުފް ނައީމް އަތުން ނެންގެވި 1 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމަށް ޙަވާލު ކުރުމުގެ ކަންކަމުގައި އުޅެފައިވާނެ ކަމަށެވެ. އެއީ 15،420،00 ދިވެހި ރުފިޔާއެވެ.

އެ ފައިސާ ރައީސް ޔާމީނުގެ ގެކޮޅުގައި ތިބެ ގުނި ކަމަށާއި، އަތުން އެ ފައިސާ ގުނީ ފައިސާ ބޮނޑިތައް ވަކިން ކަމަށް އޭނާ ބުންޏެވެ. 1 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމަށް ދިނުމާއި ގުޅޭގޮތުން ރައީސް ޔާމީނު ސޮއި ކުރައްވައި އިނގިލީގެ ނިޝާން ޖެއްސެވި ލިއުމެއްވެސް އެވަގުތު ދެއްވިކަމަށް އޭނާ ބުންޏެވެ.

އެ ލިއުމާއި ފައިސާ އަޅާފައި ހުރި 2 ދަބަސް ޔޫސުުފް ނައީމާ ޙަވާލު ކުރީ އޭނާއާ އަހުމަދު ނަރީޝްއާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ނަރީޝް ހޯދި ކާރެއްގައި ފައިސާ ހިފައިގެން ގޮސް، އެ ފައިސާ ޙަވާލު ކޮށްފައިވަނީ ޔޫސުފް ނައީމްގެ ގޭގައި ތިބެގެންނެވެ. އެކަމާ ގުޅޭ ލިއުމުގައި ޔޫސުފް ނައީމްވެސް ސޮއި ކުރެއްވި ކަމަށާއި، ޔޫސުފް ނައީމްވެސް ގުނުއްވީ ފައިސާ ބޮނޑިތައް ކަމަށް އޭނާ ބުންޏެވެ.

އެހިސާބުން ޔޫސުފް ނައީމް ސޮއިކުރެއްވި ލިއުން ގެންގޮސް ރައީސް ޔާމީނާ ޙަވާލު ކުރެއްވީކަމަށް އޭނާ ބުންޏެވެ.

މިފައިސާ ގުނިގޮތާއިމެދު ވާހަކަދެކެވިފައި މިވަނީ، މިދިޔަ ބުދަ ދުވަހު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްގެ ހެކިބަސް ނެގުމަށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދެކެވުނު ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން ނަރީޝް ވަނީ އެ ފައިސާތައް ރައީސް ޔާމީންގެ ގެކޮޅުގެ ސިޓިންގރޫމުގައި ބިންމަތީގައި ބަހައްޓާފައި ހުރިކަމަށާއި އެ ފައިސާ ގުނިކަމަށް ބުނެފައެވެ. އެހެންނަމަވެސް އެފައިސާ ގުނީ ސީދާ ކިހިނެއް ކަމެއް އަދި އެކަމަށް ކިހާ ވަގުތެއް ހޭދަވިކަމެއް ނަރީޝް އަކަށް ބުނެއެއް ނުދެވުނެވެ.