17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅުނު ހުރިހާ މެޗަކުން ބަލިވެ މުބާރާތް ނިމިއްޖެއެވެ.
މުބާރާތުގައި ރާއްޖެ ފުރަތަމަ ކުޅުނީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ. އެމެޗުން ރާއްޖެ ބަލިވީ 0-5 އިންނެވެ.
ފުރަތަމަ މެޗުން ބަލިވުމާއެކު ރާއްޖެއަށް މުބާރާތުގައި ކުރިއަށް ދާން އޮތް ހަމައެކަނި ފުރުސަތަކީ ލަންކާ ބަލިކުރުމެވެ. ދެވަނަ މެޗު އެއްވަރުވި ނަމަވެސް ރާއްޖެއަށް މުބާރާތް ނިމި ލަންކާ އަށް ސެމީގެ ޖާގައެއް ލިބޭނެއެވެ.
މިއާއެކު ދެވަނަ މެޗާއި ރާއްޖެއިން ކުރިމަތިލީ ބޮޑު އުންމީދަކާއެކު ރަނގަޅު ކުޅުމެއް ދެއްކުމަށެވެ. އެހެންނަމަވެސް މެޗުގެ ކުރީކޮޅު ލަންކާއިން ޖެހި ލަނޑާއެކު ރާއްޖެ 0-1 އިން ބަލިވެ މުބާރާތް ނިމުނީއެވެ.
މެޗުގެ ހަމައެކަނި ލަނޑު, ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓުގައި ލަންކާ ޓީމަށް ޖަހައިދިނީ މުހައްމަދު މުފާޒްއެވެ. މިއީ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް ރާއްޖޭގެ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މުބާރާތުގައި ޖުމްލަ 6 ގައުމަކުން ވާދަކުރެއެވެ. އެއީ ރާއްޖެ އާއި އެއް ގުރޫޕެއްގައި ހިމެނޭ ބަންގްލަދޭޝް އާއި ލަންކާގެ އިތުރުން ގްރޫޕް ބީގައި ހިމެނޭ ނޭޕާލާއި ބޫޓާން އަދި އިންޑިއާ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ހިމެނޭ ގުރޫޕުން ވާދަކުރާނީ ކުޅުނު ދެމެޗުވެސް ކާމިޔާބު ކުރި ބަންގްލަދޭޝްގެ އިތުރުން ލަންކާއެވެ. ދެވަނަ ގުރޫޕުން ފައިނަލުގެ ޖާގަ ހޯދީ ނޭޕާލާއި އިންޑިއާ އެވެ.
ސެމީ ފައިނަލް މެޗުތައް ކުޅޭނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ސެމީގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި އިންޑިއާ ކުޅޭއިރު ދެވަނަ މެޗުގައި ނުކުންނާނީ ނޭޕާލާއި ސްރީ ލަންކާއެވެ.
މުބާރާތުގައި މިހާތަނަށް 6 މެޗު ކުޅެފައިވާއިރު ކުޅުނު ދެމެޗުން ބައިކޮޅަށް 6 ލަނޑު ވަދެގެން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބައިކޮޅަށް އެންމެގިނަ ލަނޑު ވަދެފައިވަނީ ރާއްޖެ ކޮޅަށެވެ. ދެވަނައަށް އެންމެގިނަ ލަނޑު ބައިކޮޅަށް ވަނީ ސްރީ ލަންކާ އާއި ބޫޓާން އަށެވެ. އެއީ ކޮންމެ ޓީމެއް ކޮޅަށް ފަސް ލަނޑެވެ.