ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ ރަސްކަމުގެ ތަހުތު، އިނގިރޭސި ރަސްކަމުގެ ތަހުތާއި، ރަސްގެފާނު ޗާލްސް 3 ވަނަ ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.

ރަސްގެފާނު ޗާލްސް ރަސްކަމުގެ ތަހުތާއި ހަވާލުވެވަޑައިގެންފައި ވަނީ، ކުރިން އެމަގާމުގައި ހުންނެވި ޗާލްސްގެ މަންމާފުޅު، ރާނީ އެލިޒަބަތު ދެވަނަ، ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި އަވަހާރަވުމާއި ގުޅިގެންނެވެ.

ރަސްކަމުގެ ތަހުތާއި ރަސްމީކޮށް ރަސްގެފާނު ޗާލްސް ހަވާލުވިކަން އިއުލާންކުރުމުގެ ރަސްމިއްޔާތު ޓީވީ މެދުވެރިކޮށް ވަނީ ވަގުތުން ދުރަށް ދައްކާފައެވެ. މިއީ ތާރީޚުގައިވެސް މި މަންޒަރު ޓީވީން ދެއްކި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެއެވެވެ. އެންމެފަހުން މި ރަސްމިއްޔާތު ބާއްވާފައިވަނީ 1952 ވަނަ އަހަރުއެވެ. އެއީ ރާނީ އެލިޒަބަތުގެ ބައްޕާފުޅު، ރަސްގެފާނު ޖޯޖު 6 ވަނަ އަވަހާރަވުމާއި ގުޅިގެން، ރަސްކަމުގެ ތަހުތާއި ރާނީ އެލިޒަބަތު ހަވާލުކުވިކަން ރަސްމީކޮށް އިއުލާނު ކުރުމަށެވެ.

ރަސްކަމުގެ ތަހުތާއި ރަސްގެފާނު ޗާލްސް ރަސްމީކޮށް ހަވާލުވުވެޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިވަގުތުތު ދުނިޔޭގައި ތިއްބެވި ހަ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެއީ ސަރ ޖޯން މޭޖަރ އާއި ތެރެސާ މޭގެ އިތުރުން ޑޭވިޑް ކެމަރޮން އަދި ބޮރިސް ޖޯންސަން އާއި ގޯޑަން ބްރައުން އަދި ސަރ ޓޮނީ ބްލެއަރ އެވެ.

ތަހުތާ ހަވާލުވެވަޑައިގަތުމަށްފަހު ޗާލްސް ވިދާޅުވީ އެބޭފުޅާގެ މަންމާފުޅު، ރާނީ އެލިޒަބަތު ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށެވެ. އަދި އާ ރަސްގެފާނު ވަނީ ރާނީ އެލިޒަބަތު އަމަލުކުރެއްވި ގޮތްތަކަށް ތަބާވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން ބުރާސްފަތި ދުވަހު ރަސްކަމަށް އިސްވެވަޑައިގެންނެވި ރަސްގެފާނު ޗާލްސް، ގައުމާ މުހާތަބު ކުރައްވައި ހުކުރު ދުވަހު ވިދާޅުވީ ރާނީ އެކަމަނާގެ ހަޔާތް ހެޔޮގޮތުގައި ދިރިއުޅުއްވި ކަމަށެވެ. ގައުމާ މުހާތަބު ކުރައްވާ ދެއްވި ފުރަތަމަ ތަގުރީރުގައި ރަސްގެފާނު ވިދާޅުވީ ރާނީ އެކަމަނާގެ މުޅި އުމުރު ދުވަސް ހޭދަކުރެއްވީ ގައުމީ ހިދުމަތުގައި ކަމަށެވެ.

ރަސްކަމުގެ ތަހުތާއި ރަސްމީކޮށް ރަސްގެފާނު ޗާލްސް ހަވާލުވެވަޑައިގެންނެވުމާއެކު، އެމަނިކުފާނަކީ މިހާރު އިނގިރޭސި ދައުލަތުގެ އެންމެ އިސް ވެރިޔާއެވެ. އަދި ކޮމަންވެލްތުގެވެސް އެންމެ އިސް ވެރިޔާއެވެ.

އިނގިރޭސި ރަސްކަމާއި ރަސްގެފާނު ޗާލްސް ހަވާލުވުމާއެކު އިނގިރޭސި ރަސްކަމުގެ ތަހުތައް އިސްކުރެވޭ ސަފުގެ އެއްވަނައިގައި މިހާރު ހުންނަވާނީ ރަސްގެފާނު ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް އެވެ. މި ސަފުގެ ދެވަނައިގައި ހުންނަވާނީ ޕްރިންސް ވިލިއަމްގެ ދޮށީ ދަރިކަލުން ޕްރިންސް ޖޯޖް އެވެ. ޕްރިންސް ޖޯޖްގެ އުމުރުފުޅަކީ 9 އަހަރެވެ. ޕްރިންސް ވިލިއަމްގެ އުމުރުފުޅަކީ 40 އަހަރެވެ.

އަދި ރަސްގެފާނު ޗާލްސްގެ އުމުރުފުޅަކީ 73 އަހަރެވެ. ކިންގް ޗާލްސްގެ އަނބިކަނބަލުން ކެމިލާ އަށް ވަނީ ރާނީ ކޮންސޯޓްގެ ލަގަބު އަރުވާފައެވެ.