ހިންދު ކަނޑުގައި ރަން މުތްތަކެއްހެން އުފެދިފައި މިވާ ދިވެހިރާއްޖެ އަކީ ގުދުރަތީ ރީތިކަމުގައި އެފަދަ ދެވަނައެއް ނެތް، އެތައް ނިއުމަތެއް ލިބިފައިވާ ޖަޒީރާ ގައުމެކެވެ.

ދޮންވެތި ތުނޑިތަކާއި، ފެހި ގަސްތަކުގެ އިތުރުން ބިއްލޫރި ގަނޑެއްހާ ސާފު މޫދުން ލިބިދޭ ހިތްހަމަޖެހުމުގެ އަޖުމަ ބަލާލުމަށް، ދުނިޔޭގެ އެކި ބިތްތަކުން މި ގައުމަށް ދަތުރުކުރާނީ، މިފަދަ އެހެން މަންޒިލެއް ފެންނާން ނެތީމައެވެ. މިވަރުގެ ކަމެއް ހަމަ ހަގީގަތުގަވެސް މި ދުނިޔެ މަތީގައި ނެތީމައެވެ. ދުނިޔެ މަތީގެ ސުވަރުގެ އަކީ މިއީކަމުގައި ސައްޔާހުން ބުނަމުންދާނީ ސަބަބެއް އޮތީމާއެއް ނޫންހެއްޔެވެ.

އެހެންނަމަވެސް މި ރީތިކަމުގައި އަދިވެސް އަޅުގަނޑުމެންނަށް ނުފެންނަ، ނުވަތަ މަދުން ނޫނީ ތަޖުރިބާ ނުކުރެވޭ އެތައް ކަމެއް އެބައޮތެވެ. އެއީ މި ގައުމުގައި ހިނގާ ނުވަތަ، ވާކަމެއް ކަންވެސް އަދި ދެނެނުގަނެވޭ އެތައް ކަމެއް އެބައޮތެވެ.

މީގެކުރިން މަދުން ނޫނީ ނުފެންނަ، އަދި ވަކި ސަރަހައްދަކުން މެނުވީ ނުފެންނަ އެފަދަ އެއް ކަމެއް އެބައޮތެވެ. ކުރިން ދެންނެވިފަދަ ގުދުރަތީ ރީތިކަމުގެ ލާމަސީލު މިސާލެކެވެ.

ހއ. އިހަވަންދޫ ގޮނޑުދޮށުގައި ރެދަންލާފަ- ފޮޓޯ:-ފޭސްބުކް

ސާފު ދޮންވެލި ބީޗުތަކުގެ ފަޅުކަން ފިލުވާލާ، ހަނދުގެ އަލިކަން ލަދުން އިސްޖަހާލާ ރީތި އަލިކަމެއް ގެނެސްދޭ އެފަދަ ޤުދުރަތީ އެހެން އަޖައިބެކެވެ. ދިވެހީންވެސް އެ ރީތިކަން ފެނި އާޝޯހުވާހާވީ ރެދަން ލާފައި ހުންނައިރު ލޮލަށް އެފެންނަ މަންޒަރާއި ހިތަށް ލިއްބައިދޭ ހިތްގައިމު ކަމުންނެވެ.

މީގެކުރިންވެސް ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށުގައި ރެދަން ލައެވެ. އެހެންނަމަވެސް އޭރު ދިވެހިންގެ އާދަކާދަ ހުންނަގޮތުން ރޭގަނޑު ގަޑީގައި ބޭރަށް ނުކުމެ ނޫޅޭތީ އާއި، އެ ޒަމާނަކީ، މޯބައިލް ފޯނާއި ޓެކްނޮލޮޖީގެ ވަސީލަތްތައް އެހާ ތިޔާގި ޒަމާނަކަށް ނުވުމުން، މިއީ އެހާ ގިނަ ބައެއްގެ ސަމާލުކަމަށް އައި ކަމެއް ނޫނެވެ.

2013 ވަނަ އަހަރުގެ ތެރޭގައި ރ. ވާދޫގައި ރެދަންލުންވީ، ދިވެހި ގޮނޑުދޮށްތަކުގެ ވާހަކަ ބޭރުގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އައިސް، ރާއްޖޭގެ މަޝްހޫރުކަން އިތުރުވި ކަމަކަށެވެ. ދިވެހިންގެ ސަމާލުކަމަށްވެސް މިކަން އައީ އެދުވަސްވަރުއޭ ބުނެވޭނެ ޖާގަ އެބައޮތެވެ.

ރ. ވާދޫ ގޮނޑުދޮށުގައި ރެދަން ލާފައި- ފޮޓޯ:- ޒިދާން

ސީއެންއެން ފަދަ ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތަކުން މިކަމަށް ހާއްސަ ރިޕޯޓުތައްވެސް ޝާއިއު ކޮށްފައިވާއިރު، މިއީ އިޓަލީގެ ފަތުރުވެރިއަކު ވާދޫއަށް ކުރި ޒިޔާރަތެއްގައި ނެގި ފޮޓޯތަކެއް މީސްމީޑިއާގައި އާންމު ކުރުމާއި ގުޅިގެން ލިބިގެންދިޔަ ސަމާލުކަމެކެވެ. މިއާއެކު ބައެއް ދިވެހީންނަށް، ރެދަން ބަލާލަން ވާދޫއަށް ނުގޮސް ހުރެވޭ ވަރެއް ނޫނެވެ.

ހުޅުމާލޭ ގޮނޑުދޮށުގައި ރެދަން ލާފައި- ފޮޓޯ:- ފޭސްބުކް

އޭގެ ދުވަސްގަނޑެއް ފަހުން ދެން ފެނިގެންދިޔައީ ވެރިރަށް މާލޭގެ ބައެއްގެ ގޮތުގައި އޮންނަ ހުޅުމާލޭގެ ގޮނޑުދޮށުގައިވެސް ރެދަން ލައި، މުޅި ގޮނޑުދޮށް ދިއްލާލާފައި އޮތް މަންޒަރެވެ. މި ހިތްގައިމު މަންޒަރު ބަލާލުމަށް، ހަލަބޮލި ދިރިއުޅުމެއް އުޅެމުން އަންނަ އެތައް ރައްޔިތަކު ވަޒީފާ އަދާކޮށް ނިންމާލާ، ލިބޭ ހުސްވަގުތުގައި ދިޔައީ ހުޅުމާލޭ ގޮނޑުދޮށަށެވެ. އެތަނުގައި ސެލްފީއެއް ނަގާލާ، ބޫމަރެންގެއް ހަދާލުމުން ނޫނީ "ޓްރެންޑަށް ފޮލޯ" ކުރެވޭ ކަމަކަށް ނުވެއެވެ.

ހުޅުމާލޭގެ ގޮނޑުދޮށުގައި ރެދަންލާފައި- ފޮޓޯ:- އަޝްހަމް މުޙައްމަދު

ކޮންމެއަކަސް މިއީ މިހާރު ރާއްޖޭގައި އާންމު ގޮތެއްގައި ފެންނަ ކަމަކަށް ވެއްޖެއެވެ. މީގެކުރިންވެސް ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށުގައި ރެދަން ލާފައި ހުރި ނަމަވެސް، މި މަންޒަރަކީ އެހާ ގިނަ ބަޔަކަށް މީގެކުރިން ފެނިފައި ނުވާ މަންޒަރެކެވެ. ޓެކްނޮލޮޖީއަށް އައި ކުރިއެރުމާއި، ކޮންމެ މީހެއްގެ އަތުގައި ފޯނެއް އޮތުންވީ، މި މަންޒަރުތަކަށް މުޅި ރާއްޖެ އާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ލޯތައް އަމާޒުވާ ކަމަކަށެވެ.

ބޭރުގެ ފަރާތްތަކުން މިކަން ސިފަކުރަނީ "މެޖިކަލް" ކަމެއްގެ ގޮތުގައެވެ. އެފަރާތްތަކުން ބޭނުންވަނީ "ފެއާރީ ޓޭލް" އެއްގައި އުޅެލުމަށް ނުވަތަ "ޓިންކަބެލް"ގެ "ޕިކްސީ ޑަސްޓް" ފަދަ ގޮތަކަށް ހުންނަ ރެދަނުގެ އަޖުމަ ބަލާލާ، ހަމަލޮލަށް އެ މަންޒަރު ދެކިލާށެވެ.

މި ދުވަސްވަރަކީވެސް މި މަންޒަރު ރާއްޖޭގެ އުތުރުން ފެންނަ ދުވަސްވަރެކެވެ. މިދިޔަ ހަފުތާ އިން ފެށިގެން އިހަވަންދޫގެ ހުޅަނގު އުތުރު ފަރާތު ގޮނޑުދޮށުގައި އަންނަނީ ރެދަން ލަމުންނެވެ. އިރުއޮއްސި، ރޭގަނޑުގެ އަނދިރިކަން ފާޅުވެ، 11 ޖަހަންދެން އެ ރީތިކަން ދެމިއޮންނަ ކަމަށް އެރަށު ރައްޔިތުން ބުނެއެވެ. މި މަންޒަރު ބަލާލަން ކޮންމެ ރެއަކުވެސް 200 އެއްހާ މީހުން ގޮނޑުދޮށް ސަރަހައްދަށް ދާކަމަށްވެސް ވެއެވެ.

ހއ. ވަށަފަރުގައި ރެދަންލާފައި އޮތް ވަގުތެއްގައި މީހަކު އަތަށް ރެދަންތަކެއް ނަގައިގެން-ފޮޓޯ:- ފޭސްބުކް/ އަޒުމާ އަހުމަދު

ސުވާލަކީ މުޅި އިގްތިސާދުހެން ފަތުރުވެރިކަމަށް ބިނާވެފައި އޮތް މި ރާއްޖޭގައި، މިކަމަށް ހާއްސަ ސަމާލުކަމެއްދީ ފަތުރުވެރިކަމުގައި މިކަން ބޭނުންކޮށް އިސްތިހާރު ނުކުރަނީ ކީއްވެތޯއެވެ؟ މިއީ އެތައް ބައެއްގެ "ޑްރީމް" އަކަށްވާއިރު "ޑްރީމް ޑެސްޓިނޭޝަން" އެއްގެ ގޮތުގައި އިސްތިހާރުކުރާ މި ރާއްޖޭގައި، "ރެދަން ދެކިލުމަށް ރާއްޖެއަށް އާދޭ" އޭ ނުބުނަނީ ކީއްވެތޯއެވެ؟

"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި މީގެކުރިން ވާދޫ ކައުންސިލާއިއެކު ސަރުކާރުން ވަނީ، ވާދޫގައި ރެދަންލާ ސަރަހައްދުގެ ތަހުލީލެއް ހަދާ، އެ ސަރަހައްދު ޕްރޮމޯޓު ކުރުމަށް ހާއްސަ ޕްލޭނެއް ހެދުމަށް މަޝްވަރާކޮށްފައެވެ. އަދި ލޯކަލް ޓުއަރިޒަމްގައި ވާދޫގެ ގޮނޑުދޮށް ބޭނުންކުރެވޭ ގޮތަކާއިމެދުވެސް މަޝްވަރާކޮށްފައިވެއެވެ.

ތެދެކެވެ. ރެދަން ލާނެ ވަކި ވަގުތެއް، ދުވަސްތަކެއް ނުވަތަ މޫސުމެއް ދެނެގަތުން އެއީ ޔަގީންކަމާއެކު ނުވެދާނެކަމެކެވެ. އެހެންނަމަވެސް ރެދަންލަނީ ކޮން ސަބަބަކާއި ހެދިކަން އެނގޭއިރު، އެކަމަށް މަގުފަހިކުރުވާ ކަންތައްތައް ދެނެގަނެ، ލަފާކޮށްލާފައި އެ ދުވަސްވަރެއް ހޯދުމަކީ ނުވާނެކަމެއް ނޫންތާއެވެ. އެކަން ނުވެއްޖެނަމަ ރެދަންލާ ދުވަސްވަރެއްގައި އެކަމަށް ހާއްސަ ޕްރޮމޯޝަން ކެމްޕެއިނެއް ޖެއްސުމަކީވެސް އެކަމުގެ ފައިދާ ލޯކަލް ޓުއަރިޒަމްގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރާނެ ކަމެއްކަން ޔަގީނެވެ.

ހދ. ކުޅުދުއްފުށީ ގޮނޑުދޮށުގައި ރެދަން ލާފައި- ފޮޓޯ:- ފޭސްބުކް ފޮޓޯ

ގޮތް ނިންމާ، މިފަދަ ކަންކަން ކުރާނީ ކަމާބެހޭ މާހިރުންނެވެ. އެހެންނަމަވެސް މިއީވެސް ހަމަ ހިޔާލެކެވެ. މީގެކުރިން "ސީ އޮފް ސްޓަރ" ގެ ގޮތުގައި މަޝްހޫރުވި ރާއްޖޭގެ ގޮނޑުދޮށްތައް، ހާއްސަކޮށް ރ. އަތޮޅުގެ ގޮނޑުދޮށްތަކަށް ޒިޔާރާތް ކޮށްލުމަކީ ކޮންމެ މީހެއްގެވެސް "ބަކެޓް ލިސްޓު"ގައި ހިމެނޭ ކަމަކަށްވާއިރު، މިކަމާބެހޭ ތަހުލީލެއް ހަދާ، "ސަން ބާތެއް" ނަގާލަން ރާއްޖެ އަންނަ ފަތުރުވެރިން، "ސީ އޮފް ސްޓަރ"ގެ އަހުލުވެރިންނަށް ހަދާލަން ވިސްނުމަކީވެސް އެއީ ވަރަށް "ސަޅި" ކަމަކަށް ވާނެ ނޫންތޯއެވެ؟