އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް 2022 ގައި އަވަށްޓެރި އިންޑިއާ އިން ރާއްޖެ ކޮޅަށް 9 ލަނޑު ޖަހާ މާޔޫސްކޮށްލައިފިއެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ މި މުބާރާތުގައި ހޮނިހިރު ދުވަހު އިންޑިއާ އަތުން ރާއްޖެ ބަލިވީ 0-9 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެމުންދިޔަ އިންޑިއާގެ ކުޅުންތެރިން ވަނީ މެޗުގެ 24 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހާ އިންޑިއާ އަށް ލީޑު ނަގާދީފައެވެ. އަންޖޫ ތަމަންގެ ލަނޑުން އިންޑިއާ އިން ލީޑުނެގިއިރު އެޓީމުން ދެވަނަ ލަނޑެއް ޖަހާ ލީޑުފުޅާކުރީ 42 ވަނަ މިނެޓުގައި ޕްރިޔަންކާ ނައޮރެމް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އަންޖޫ ވަނީ އިންޑިއާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ 0-3 އިން އިންޑިއާ ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފެކޭ އެއްފަދައިން ދެވަނަ ހާފުގައިވެސް މޮޅަށްކުޅެ، މިހާފުގައިވެސް ކުޅުން ޑޮމިނޭޓުކުރީ އިންޑިއާ އިންނެވެ. ނަތީޖާއަކަށްވީ މިހާފުގައި އެކަނިވެސް އެޓީމުން 6 ލަނޑު ޖެހުމެވެ.

ދެވަނަ ހާފުގައި އިންޑިއާ އިން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ ސޮމްޔޯ ގުގްލޯތާއި ޑަގްމޭ ގްރޭސްއެވެ.

މެޗުންވީ ބައްޔާއެކު ރާއްޖެއަށް މުބާރާތުގައި އިތުރަށް ކުރިއަށް ނުދެވޭނެކަން ކަށަވަރުވިއިރު ބާކީ އެއްމެޗުވެސް އެބައޮތެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު ބަލިވީ ބަންގްލަދޭޝް އަތުން 0-3 ގެ ނަތީޖާއަކުންނެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ޕާކިސްތާނާއެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ޕާކިސްތާން، ބޫޓާން، ބަންގްލަދޭޝް އަދި މުބާރާތް ބާއްވާ ގައުމު ނޭޕާލެވެ.