20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން އުޒްބެކިސްތާނާއި ދެކޮޅަށްކުޅެ ބޮޑު ފަރަގަކުން ބަލިވެއްޖެއެވެ.
ސައުދީ އަރަބިއްޔާގައި ހޮނިހިރު ދުވަހު ކުޅުނު މިމެޗުން ރާއްޖޭގެ ޒުވާން ޓީމު ބަލިވީ 0-7 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ 23 މިނެޓުގެ ތެރޭގައި އުޒްބެކިސްތާނުން ވަނީ ރާއްޖެ ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. އެޓީމުން ފުރަތަމަ ހާފު ނިންމާލީ 0-6 އިން ލީޑުގައި އޮވެގެންނެވެ.
އުޒްބެކިސްތާނަށް މެޗުގައި ފުރަތަމަ ލަނޑުޖަހާދީ ހާފުގެ 10 ވަނަ މިނެޓުގައި ލީޑުނަގައިދިނީ މުޒައްމަދަލީ އުސްމަނޯފްއެވެ. އަދި އޭގެ ދެމިނެޓު ފަހުން އުޒްބެކިސްތާނުގެ ކެޕްޓަން ޝަހުޒޮދްބެކް ވަނީ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި އެޓީމުން ޖެހި ތިންވަނަ ލަނޑު 15 ވަނަ މިނެޓުގައި ރިއާން އިސްލާމޯފް ޖެހިއިރު ހަތަރުވަނަ ލަނޑު އޭގެ 9 މިނެޓުފަހުން ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުޖަހައިދިން އުސްމަނޯފް އެވެ. އޭގެ މިނެޓެއްފަހުން އުޒްބެކިސްތާނު ޓީމުގެ ފަސްވަނަ ލަނޑު ޖަހައިދިނީ އަސަދުބެކް ޖޮރަބޮއޭފް އެވެ.
އުޒްބެކިސްތާނުން ޖެހި ފަސްވަނަ ލަނޑާއެކު ރާއްޖެއިން ޑިފެންސިވް ގޭމެއް ކުޅެ، ކުޅުމުގެ ފެންވަރު ރަނގަޅު ކުރިނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އުޒްބެކިސްތާނުން ވަނީ ހަވަނަ ލަނޑެއް ޖަހާފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އުޒްބެކިސްތާނަށް މި ލަނޑު ޖަހައިދިނީ ކެޕްޓަން ޝަހުޒޮދްބެކްއެވެ.
ދެވަނަ ހާފުގައިވެސް ބޮޑަށް ޑިފެންސަށް ވިސްނައިގެން ރާއްޖެ ޓީމުން ކުޅުނުއިރު މިހާފުގައި އުޒްބެކިސްތާނަށް ރާއްޖޭގެ ގޯލަށް ވައްދާލެވުނީ އެންމެ ހަމަލާއެކެވެ. ރާއްޖޭގެ ޑިފެންޑަރުންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދަނިކޮށް މެޗުގެ 57 ވަނަ މިނެޓުގައި މިލަނޑު އުޒްބެކިސްތާނަށް ކާމިޔާބު ކޮށްދިނީ އުސްމަނޯފްއެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި އުޒްބެކިސްތާން އާއި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާއި ޗައިނާ އަދި މިޔަންމާއެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހޯމަ ދުވަހުގެރޭ ކުޅޭނީ ސައުދީއާ ދެކޮޅަށެވެ.