އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާ އޮންނާނީ މި ސެޕްޓެމްބަރު މަހުގެ 19 ވާ ހޯމަދުވަހު ކަމަށް، ޝާހީ އާއިލާގެ މައި ގަނޑުވަރު، ބަކިންހަމް ޕެލަސްއިން އިއުލާން ކޮށްފިއެވެ.

ޖަނާޒާ ބާއްވާ ބަކިންހަމް ޕެލަސްއިން ނިންމި ދުވަހަކީ، ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން އިއުލާންކުރި ހިތާމަ ފާޅުކުރުމުގެ ރަސްމީ ދިހަދުވަސް ނިމިގެން ޖެހިގެން އަންނަ ދުވަހެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާ އޮންނާނީ ލަންޑަގެ ޚާއްސަ ފައްޅި، ވެސްޓްމިންސްޓަރ އަބީގައި ލަންޑަން ގަޑިން ހެނދުނު 11 ޖަހާއިރުއެވެ. ރާނީ އެލިޒަބަތު ކައިވެނި ބައްލަވައިގަތީވެސް އަދި ރަސްކަމުގެ ތާޖު އެޅުވުނީވެސް މި ފައްޅީގައެވެ.

އުމުރުފުޅުން 96 އަހަރުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ރާނީ އެލިޒަބަތު އަވަހާރަވީ ސްކޮޓްލެންޑްގައި ހުންނަ ޝާހީ އާއިލާގެ ގަނޑުވަރު ކަމަށްވާ ބަލްމޮރަލް ކާސްލްގައި ހުންނަވަނިކޮށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާނީ އެލިޒަބަތު އުޅުއްވަމުން ގެންދެވީ އާލާސްކަންފުޅާއެވެ. ސިއްހީ ހާލުކޮޅު ގޯސްވެ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރަން ޖެހުނެވެ.

ސިއްހީ ހާލުކޮޅު ހުރިގޮތުން، އޭގެފަހުން ރަސްމީ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން ރާނީ އެލިޒަބަތު ހުންނެވީ ދުރުވެވަޑައިގެންނެވެ.

ރާނީ އެލިޒަބަތުގެ ސަންދޯއްޕުޅާއެކު ބަލްމޮރަލް ކާސްލްއިން އެޑިންބާރގަށް ދަތުރުކުރެއްވީ، ރާނީގެ އަންހެން ދަރިކަނބަލުން ޕްރިންސަސް އޭން:

ރާނީގެ ހަށިކޮޅު ލާފައިވާ ސަންދޯއްޕުޅު، ސްކޮޓްލެންޑްގެ ބަލްމޮރަލް ގަނޑުވަރުން 6 ގަޑިއިރުގެ ދަތުރަކަށްފަހު އެއްގަމުން މަގުން، މިހާރުވަނީ ސްކޮޓްލެންޑްގެ ވެރިރަށް އެޑިންބާރގަށް ފޯރާފައެވެ.

އެޑިންބާރގްގައި ރާނީއަށް އަދާކުރަންޖެހޭ އިހްތިރާމް އަދާކުރުމަށްފަހު، ހަށިކޮޅު ވެރިރަށް ލަންޑަންގައި ހުންނަ ބަކިންހަމް ޕެލަސްއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ. ބަކިންހަމް ޕެލަސްއިން ސަންދޯއްޕުޅު ހައުސަސް އޮފް ޕާލަމެންޓަށް ގެންދާނީ ބުދަ ދުވަހުއެވެ.

ސެޕްޓެމްބަރު 19 ގައި ރަސްމީ ޖަނާޒާގެ ކަންތަކަށް ފެށެންދެން ރާނީ އެލިޒަބަތުގެ ހަށިކޮޅު ލާފައިވާ ސަންދޯއްޕުޅު ބެހެއްޓިފައި ހުންނާނީ ހައުސަސް އޮފް ޕާލަމެންޓުގައެވެ.

އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރާނީ އެލިޒަބަތު ވެޑުވުނީ 1952 ވަނަ އަހަރުއެވެ. އެކަމަނާ ތަޚުތުގައި ވެޑުވުނުތާ 70 އަހަރުފުރުން މިއަހަރުގެ ކުރިކޮޅު ފާހަގަ ކޮށްފައިވާއިރު، އިނގިރޭސި ރަސްކަމުގެ ތަޚުތުގައި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ހުންނެވީވެސް ރާނީ އެލިޒަބަތެވެ.

އިނގިރޭސި ރަސްކަމީ ދުނިޔޭގެ އެންމެ ދުވަސްވީ ރަސްކަމެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމުން، އިގިރޭސި ރަސްކަމުގެ ތަޚުތަށް، ރާނީ އެލިޒަބަތުގެ ދޮށީ ފިރިހެން ދަރިކަލުން އަދި ވަލީއަހުދުގެ މަގާމުގައި ހުންނެވި، އުމުރުފުޅުން 73 އަހަރުގެ ޗާލްސް 3 ވަނަ މިހާރުވަނީ އައްޔަންކޮށްފައެވެ.