ދިރާގު ޓީވީ އިން ގެނެސްދޭ ޓޯކް ޝޯ ސީރީޒް "އަޒޯނާ"ގެ 4 ވަަނަ ސީޒަން ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ)ގައި ޕްރިމިއާރ ކުރަން ނިންމައިފިއެވެ.

އަބްދުالله މުއާޒް ޕްރޮޑަކްޝަންސް އިން އުފައްދާ މި ޝޯވގެ އައު ސީޒަން ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 15 ސެޕްޓެމްބަރ 2022 ގައެވެ.

އަޒޯނާ ޝޯގެ ޕްރޮޑިއުސަރ އަބްދުالله މުއާޒް (މުއާ) ވިދާޅުވި ގޮތުގައި މިފަހަރުގެ ސީޒަން ކުރީގެ ސީޒަންތަކާއި ތަފާތުވާނެއެވެ. އަދި ކުރިއަށް ވުރެ ރަނގަޅު ކޮންޓެންޓް ބެލުންތެރިންނަށް ގެނެސްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް މުއާ ފާހަގަކުރެއްވިއެވެ.

ދިރާގުޓީވީގެ ޕްރޮޑަކްޓް މެނޭޖަރު ޙައްސާން ހުސްނީ ވިދާޅުވީ ކާމިޔާބު ތިންވަނަ ސީޒަނަކަށް ފަހު އަޒޯނާ ޝޯގެ އައު ސީޒަން ދިރާގުޓީވީ އަދި ދިރާގުޕްލޭ ވީއޯޑީ މެދުވެރިކޮށް ކަސްޓަމަރުންނަށް ގެނެސްދެވުމަކީ ވަރަށް އުފާވާކަމެއް ކަމަށެވެ. ދިރާގުގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމަރުން ބަލައިގަންނަ އިތުރު ޕްރޮގްރާމްތައް ދިރާގުޓީވީ މެދުވެރިކޮށް ގެނެސްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުޓީވީއަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް މެދުވެރިކޮށް ޕްރިމިއަމް އިންޓަނޭޝަނަލް އަދި ލޯކަލް ކޮންޓެންޓް ހިމެނޭ ވީއޯޑީ ފީޗާރ ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ވީއޯޑީއަކީ ކަސްޓަމަރުން މީޑިއާ ބޭނުންކުރާ ގޮތާއި ބަލާ ގޮތް މުޅިން ބަދަލުކޮށްލާފައިވާ އީޖާދީ ފީޗާރއެކެވެ. މި ފީޗަރ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ދިރާގުޓީވީ ކަސްޓަމަރުންނަށް މުނިފޫހިފިލުވުމުގެ ގިނަ ފުރުސަތުތަކެއް ލިބޭނެއެވެ.

ދިރާގުޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީ ޓީވީގެ ޚިދުމަތެވެ. އެގޮތުން ދިރާގުޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 85 އިންސައްތައަށް ޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

މީގެ އިތުރުން، ދިރާގުޓީވީ އަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗަރ ހިމެނޭ ހަމައެކަނި ޚިދުމަތްވެސް މެއެވެ. ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް އަކީ މަޢުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ބަލާލެވުމުގެ ފުރުޞަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެގޮތަކަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމު މެދުވެރިކޮށް ދިރާގުން ދަނީ ދިވެހި އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުޞަތުތަށް މަގު ފަހިކޮށްދެމުންދާނެއެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުމެވެ.