• ސިންދުގައި މާސިންގާ އައު ކޯރެއްވަނީ އުފެދިފައި

ޕާކިސްތާނުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކޮށް، އަލުން އާރާސްތުކުރުމަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް އދގެ އޭޖެންސީތަކުން ފަށައިފިއެވެ.

ވޭތުވެދިޔަ ޖުލައިމަހާއި، އޮގަސްޓްމަހުގެ ތެރޭގައި ޕާކިސްތާނަށް 391 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޓްތަކުން ދައްކައެވެ. މިއީ، ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އެވްރެޖްކޮށް ޕާކިސްތާނަށް ވެހުނު ވާރެއަށްވުރެ 190 އިންސައްތަ އިތުރު މިންވަރެކެވެ.

ވިއްސާރައިގައި އެންމެބޮޑަށް ގެއްލުން ލިބުނު ސިންދު ޕްރޮވިންސަށް އެކަނިވެސް އެވްރިޖް މިންވަރަށްވުރެ 466 އިންސައްތަ އިތުރަށް ވާރޭ ވެހިފައިވާ ކަމަށް ރިކޯޑްތަކުން ދައްކައެވެ.

ނަތީޖާއެއްގެ ގޮތުން މުޅި ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި އަދިވެސް އޮތީ ފެނުއަޑީގައެވެ.

ސިންދު ޕްރޮވިންސްގެ މެދުތެރޭގައި، ކުރިން އެއްގަމުގެ ގޮތުގައި އެތައް ކިލޯމީޓަރު ފުޅާ ސަރަހައްދެއްގައި މިހާރުވަނީ ކޯރެއް އުފެދިފައެވެ. އެ ކޯރުގެމަތިން މިހާރު ފެންނަނީ ގަސްތަކުގެ ކުރިއާއި، މިސްކިތްތަކުގެ މުންނާރާއި، އުސްކޮށް ހަދާފައި ހުރި ތަންތަނުގެ ކުރި އެކަންޏެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ފަރުބަދަތަކުގެ މަތީގައި ހުރި ގަނޑުފެންތައް ވިރިގެން ފޭބުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 1،400 މީހުން މަރުވެފައި ވާއިރު، ވިއްސާރައިގެ ސަބަބުން 33 މިލިއަން މީހުންނަށް އޭގެ އަސަރުކޮށްފައި ވެއެވެ.

ފެންބޮޑުވެ، ދެމިގެންދިޔަ ފެނުގެ ސައިލުތަކާއެކު ދެ މިލިއަން ގެދޮރު އޮޔާގޮސް، ރޭލުވޭތައް ހަލާކުވެ، ހަތްހާސް ކިލޯމީޓަރުގެ މަގުތައް ހަލާކުވެ، 256 ބްރިޖް ވެއްޓި، އެތައްމިލިއަން ދިރޭ ޖަނަވާރުތައް މަރުވެ، ދަނޑުބިންތައް އެއްކޮށް ހަލާކުވެ، ވިޔަފާރިތައް ސުންނާފަތިވެ ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ އަގު 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ޕާކިސްތާނުން އަންދާޒާ ކޮށްފައި ވެއެވެ.

ޕާކިސްތާނު ސަރުކާރާއި، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އިއްޔެގައި ވިދާޅުވެފައިވަނީ، ޕާކިސްތާނަށް ކުރަމުންދާ ގަދަފަދަ ވިއްސާއަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ ނަތީޖާ ކަމަށެވެ.