ބަތަލާ ޖޫހީ ޗާވްލާ އަލަށް ކުޅޭ ވެބް ސީރީސްގެ ފުރަތަމަ ޕޯސްޓަރާއެކު ސީރީސް ރިލީޒްކުރާ ތާރީޚް އިއުލާނުކޮށްފިއެވެ.

މިސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރާ ސީރީސްގެ ނަމަކީ "ހަޝް ހަޝް" އެވެ. ގިނަ އަންހެން ބަތަލާއިންތަކެއް ހިމެނޭ މިސީރީސް ޕްރިމިއާކުރުމަށް ހަމަޖެހިފައިވަނީ އެމޭޒަން ޕްރައިމްއިންނެވެ.

އަންހެނުންނާއި ގުޅޭ ތަފާތު ގިނަ ވާހަކަތަކެއް ކިޔައިދޭ މިތްރިލާ ސީރީސްއިން ބަތަލާ ޖޫހީގެ އިތުރުން ފެނިގެންދާ ތަރިންގެތެރޭގައި، ކުރީގެ ބަތަލާ އައިޝާ ޖުލްކާ، ސޯހާ އަލީ ޚާން، ޝަހާނާ ގޮސްވާމީ، ކްރިތިކާ ކަމްރާގެ އިތުރުން ޓީވީ ބަތަލާ ކަރިޝްމާ ތައްނާ ހިމެނެއެވެ.

މިސީރީސްގައި ބޮޑަށް ކިޔައިދޭނީ ސީރީސްއިން ފެނިގެންދާ ބަތަލާއިންގެ މާޒީގައި ހިނގާފައިވާ ހާދިސާތަކަކާއި ގުޅިގެން އެމީހުންގެ ދިރިއުޅުމަށް އަންނަ ބޮޑު އިންގިލާބެއްގެ ވާހަކަތަކެކެވެ. އެހާދިސާތަކާއި ގުޅިގެން އެމީހުންގެ އާއިލާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށް ހުރިހާ އަންހެންވެރީންވެގެން ކުރާ މަސައްކަތް ސީރީސްއިން ފެނިގެންދާނެއެވެ.

މިސީރީސްގެ ނަމާއި އެއްގޮތަށް ސީރީސްގެ ޕޯސްޓަރ އިއުލާނު ކޮށްފައިވަނީވެސް ވަރަށް "ސައިލެންޓް" ކޮށެވެ.

މިސީރީސްގެ އެންމެ ހާއްސަކަމަކަށް ފާހަގަކުރެވެނީ ސެޓުގެ ޕްރޮޑަކްޝަން ޑިޒައިނާއިން ފެށިގެންގޮސް ސީރީސްގައި ފެނިގެންދާ ސެކިއުރިޓީ ރޯލްއިންވެސް ފެނިގެންދަނީ އަންހެން ފަންނާނުންނެވެ.

ތަނޫޖާ ޗަންދްރާ ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓަރެއްގެ ރޯލް އަދާކުރާ މިސީރީސްގެ ޑައިލޮގް ލިޔެ ތައްޔާރުކޮށްފައިވަނީ ކާމިޔާބު ފިލްމު "ގުލާބޯ ސިތާބޯ" އަދި "ޕީކޫ" ގެ ލިޔުންތެރިޔާއެވެ.

ސީރީސްގައި އެގްޒެކެޓީވް ޕްރޮޑިއުސަރަކީ ފިލްމު "ޝަކުންތަލާ ދޭވީ" އަދި "ޝޭރްނީ" ގައި މަސައްކަތްކޮށްފައިވާ ޝީކާ ޝަރުމާއެވެ.

ކާމިޔާބު އަދި ރީތި ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ޖޫހީ ޗާވްލާ އެންމެ ފަހުން ފެނިފައިވަނީ މިއަހަރުގެ މާޗް މަހު ރިލީޒްކުރި ފިލްމު "ޝަރުމާޖީ ނަމްކީން" އިންނެވެ.

އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރި މިފިލްމަކީ ކުރީގެ އެކްޓަރު ރިޝީ ކަޕޫރުގެ އެންމެފަހު ފިލްމެވެ.