ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އިޙްތިރާމާއި އިތުބާރު ދިވެހިން ހޯދައިފި ކަމަށް އ.ދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އދގެ ޢާއްމު މަޖިލީހުގެ ރައީސްގެ މަޤާމުގެ ދައުރުހަމަވުމާއި ގުޅިގެން ދެއްވި ވަދާޢީ ތަޤުރީރުގައެވެ.

ހަރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ އ.ދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ދިވެހި ރައްޔިތަކު ބަލަހައްޓަވަމުން ގެންދެވިކަމީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ނަތީޖާކަމަށެވެ.

އަދި އެ ކަމަކީ ދުނިޔޭގެ ޤައުމުތަކުގެ އިތުބާރާއި ޔަޤީންކަން މިއަދު ދިވެހި ރައްޔިތުން ހޯދާފައިވާ ކަމުގެ ފުރިހަމަ ހެއްކެއް ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

"މިއީ ރައީސްގެ ފޮރިން ޕޮލިސީ އާއި ހުރިހާ ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގެ ސިޔާސަތަށް ވެސް ލިބުނު ކާމިޔާބީއެއް،"
އަބްދުﷲ ޝާހިދު / ހާރިޖީ ވަޒީރު

މީގެ އިތުރުން ޝާހިދުގެ ތަޤުރީރުގައި، ދިވެހި ރައްޔިތުންގެ ފަރާތުން އ.ދއަށް އެމަނިކުފާނު ގެނެސްދެއްވީ އުއްމީދުގެ ރިޔާސަތެއްކަމަށް ވިދާޅުވެ، އެ ރިޔާސަތުގައި ދުނިޔެއަށް ފައިދާވާނެ ތާރީޚީ އެތައް މުހިއްމު ނިންމުންތަކެއް ނިމިގެންދިޔަކަން ފާހަގަކުރެއްވެވިއެވެ.

އެގޮތުން، ފާހަގަކުރެއްވި އެއް ކަމަކީ އެމަނިކުފާނުގެ ދައުރުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ދެއްވާފައިވާ ކަމެވެ. ޝާހިދުގެ އޮފީހުގައި 50 އިންސައްތަ މުވައްޒަފުންނަކީ އަންހެނުންނެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައި އިދާރާގައި ދެއްވި ވަދާއީ ތަޤުރީރުގައި އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް އަންހެންބޭފުޅަކު އިންތިޚާބު ކުރެއްވުމަށް އަބްދުﷲ ޝާހިދު ގޮވާލެއްވިއެވެ.

ޝާހިދު ވިދާޅުވީ، ކުޑަ ގައުމަކަށްވެސް ބޮޑު ކާމިޔާބީއެއް ހާސިލުކުރެވިދާނެކަން ރާއްޖޭގެ ހާރިޖީ ވުޒާރާގައި މަސައްކަތްކުރައްވާ އެމަނިކުފާނުގެ ހީވާގި ޓީމުން މުޅި ދުނިޔެއަށް ދައްކައިދީފި ކަމަށެވެ.

ރާއްޖޭގެ ދިދަ އެންމެ އުހުގައި ވިހުރުވާލުމުގެ މަގުސަދަުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ރާއްޖޭގެ ހާރިޖީ ޓީމުގެ މުވައްޒަފުން ރެއާއި ދުވާލު މަސައްކަތް ކުރެއްވިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

193 ޤައުމުގެ މައްޗަށް އެކުލެވޭ އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް އަބްދުﷲ ޝާހިދު އިންތިޚާބު ވެވަޑައިގެންނެވީ، 2021 ވަނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އާއްމު މަޖިލީހުގެ އިންތިޚާބުގައި 143 ޤައުމެއްގެ ތާއީދާއެކު، 75 އިންސައްތަ ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މިއީ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރި ފުރަތަމަ ފަހަރެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ރިޔާސަތު ބިނާކުރައްވާފައިވަނީ މައިގަނޑު 5 ކަމެއްގެ މައްޗަށެވެ. އެ ގޮތުން މިންތީގެ ހަމަހަމަކަން ގާއިމްކުރައްވައި، އަންހެނުންގެ ކުރިއެރުމަށާއި ޒުވާނުން ބާރުވެރި ކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވެވިއެވެ.