އަންނަ މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "ތޭންކް ގޯޑް" ގެ ޓްރެއިލާ ރިލީޒްކުރުމާއެކު ފިލްމާމެދު ބެލުންތެރިންގެ ޝައުގުވެރިކަން އިތުރުވެއްޖެއެވެ.

ފެންޓަސީ ކޮމެޑީ މިފިލްމުގައި ބެލުންތެރިން ހެއްވާލާނެ ގިނަ ހާދިސާތަކެއް ދައްކުވައިދޭއިރު ފިލްމުގެ މުހިއްމު ރޯލްއިން ފެނިގެންދަނީ އެކްޓަރު އަޖޭ ދޭވްގަންއާއި ސިދާތް މަލްހޯތްރާއެވެ.

ޓީ ސީރީސްއާއި މަރޫޓީ އިންޓަނޭޝަނަލް އާއި ގުޅިގެން އުފައްދާ މިފިލްމުގެ ޑައިރެކްޓަރަކީ އިންދްރަ ކުމާރްއެވެ. ފިލްމުގެ ބަތަލާގެ ރޯލްއިން ރަކުލް ޕްރީތް ސިންގް ފެނިގެންދާއިރު ފިލްމުގެ ވަރަށް ޚާއްސަ ލަވަޔަކުން ކުޅަދާނަ ނެށުންތެރިޔާ ނޯރާ ފަތްހީވެސް ފެނިގެންދާނެއެވެ.

ފިލްމު "ތޭންކް ގޯޑް" ގެ އިތުރުން ބަތަލާ ރަކުލްވަނީ އަޖޭ ދޭވްގަންއާއެކު 2 ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ 2019 ވަނަ އަހަރު ރިލީޒްކުރި "ދޭދޭ ޕިޔާރުދޭ" އާއި މިއަހަރު ރިލީޒްކުރި ފިލްމު "ރަންވޭ 34" އެވެ.

މީގެއިތުރުން އެކްޓަރު ސިދާތްއާއެކުވެސް ރަކުލްވަނީ ކުރިން މަސައްކަތްކޮށްފައެވެ. އެއީ 2018 ވަނަ އަހަރު ރިލީޒްވި ފިލްމު "އައްޔާރީ" އާއި 2019 ވަނަ އަހަރު ރިލީޒްވި ފިލްމު "މަރުޖާވާ" އެވެ.

މިފިލްމުގައި އިންޑިއާގެ ހިންދޫންއިންނަށް ނިސްބަތްކޮށް އެމީހުންގެ ދީނަށް ފުރައްސާރަވާފަދަ ބަހުރުވައާއި މަންޒަރުތައް ހިމެނޭކަމަށްބުނެ ހިންދޫއިންނަށް ނިސްބަތްވާ ގްރޫޕަކުންވަނީ ފިލްމު ބޮއިކަޓްކުރުމަށް ޓްވިޓާގައި ގޮވާލާފައެވެ.

ޓީ ސީރީސްގެ މިފިލްމުގައި އަޖޭ ފެނިގެންދަނީ 2008 ވަނަ އަހަރު ރިލީޒްވި ފިލްމު "ގޯޑް ތުސީ ގްރޭޓް ހޯ" ގައި އެކްޓަރު އަމީތާބް ބައްޗަން ފެނިގެންދިޔަކަހަލަ ރޯލަކުންނެވެ. މީގެކުރިންވެސް ހެއްވާ މަޖާ ރޯލްތަކުން އަޖޭ ފެނިފައިވާއިރު މިރޯލްއިންވެސް އޭނާގެ ހެއްވާ މަޖާ އެކްޓިންގް ވަރަށް ރަގަޅަށް ފެނިގެންދާނެކަމަށް ބެލުންތެރިންވަނީ ބުނެފައެވެ.

ފިލްމު "ތޭންކް ގޯޑް" ރިލީޒްކުރާ ދުވަހު އެކްޓަރު އަކްޝޭ ކުމާރްގެ "ރާމް ސެތޫ" ވެސް ރިލީޒްކުރާނެކަމަށް ރިޕޯޓްތަކުން ބުނެއެވެ. އެހެންކަމުން މިއީ 2 އެކްޓަރުންގެވެސް ވަރަށް ވަރުގަދަ ކުރިމަތުލުމަކަށް ވެގެންދާނެއެވެ.

https://www.youtube.com/watch?v=x-sgnhYJGOA&t=186s