އެމެރިކާ އަދި ކެނެޑާގައި އެމްއެމްޕީއާރުސީން މަތީ ފަންތީގެ ރޯޑްޝޯ ސިލްސިލާއެއް ފަށައިފިއެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން މައުލޫމާތުދޭ ގޮތުގައި އުތުރު އެމެރިކާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި މާކެޓަށް އަމާޒުކޮށްގެން އެ ކޯޕަރޭޝަން އިން ހާއްސަ ރޯޑްޝޯ ސިލްސިލާއެއް ވަނީ ފަށާފައެވެ.

މި ރޯޑްޝޯތައް ކުރިއަށްދަނީ "މޯލްޑިވްސް ރޯޑްޝޯ އިން ޔޫއެސްއޭ އެންޑް ކެނެޑާ" ގެ ނަމުގައެވެ. މި ސިލްސިލާގެ ފުރަތަމަ ރޯޑްޝޯ ބާއްވާފާވަނީ މިމަހުގެ 12 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. އަދި މިމަހުގެ 14 ވަނަ ދުވަހު ދެވަނަ ރޯޑްޝޯ ނިއު ޔޯކް ސިޓީގައި ބާއްވާ، މިމަހުގެ 15 ވަނަ ދުވަހު މި ސިލްސިލާގެ އެންމެ ފަހު ރޯޑްޝޯ ބާއްވާނީ ކެނެޑާގެ ޓޮރޮންޓޯގައެވެ.

މި ރޯޑްޝޯތަކަކީ އެމެރިކާ އަދި ކެނެޑާގެ ޓްރެވަލް ޓްރޭޑާ ގުޅުން ބަދަހިކޮށް، ފަތުރުވެރިކަމުގެ އުޖާލާ މަންޒިލެއްގެގޮތުގައި ރާއްޖެ އިސްތިހާރުކޮށް، ރާއްޖެއާ ބެހޭގޮތުން އެ ފަރާތްތައް އަހުލުވެރިކޮށް، މި މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ރޯޑްޝޯތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ އިން ޖުމުލަ 11 ކުންފުންޏަކުން ބައިވެރިވެއެވެ. މި ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ރިސޯޓްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އިންޑަސްޓްރީގެ ތަޖުރިބާކާރުން ބައިވެރިވެއެވެ. ރޯޑްޝޯތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިސޯޓް، ހޮޓަލް، ގެސްޓްހައުސް އަދި ލިވަބޯޑްތައް އިތުރަށް އިޝްތިހާރުކޮށް، ގުދުރަތީ ގޮތުން ރާއްޖޭގެ ޖަޒީރާ ރަށްތައް އުފެދިފައިވާ ގޮތާއި، ރާއްޖެއިން ލިބޭ ތަފާތު ފޯރިގަދަ ތަޖުރިބާތައް އެމްއެމްޕީއާރުސީ އާއި އިންޑަސްޓްރީ ޕާޓްނަރުން މާކެޓްކުރަމުންދާނެއެވެ.

އެމްއެމްޕީއާރުސީގެ ސިލްސިލާ ރޯޑްޝޯތައް ކުރިއަށްދާ ގޮތަށް ބަލާލާއިރު، ހަރަކާތް ފެށެނީ ދިވެހިރާއްޖެ އާއި އިންޑަސްޓްރީ ޕާޓްނަރުންގެ ތައާރަފަކާއެކުއެވެ.

އެއަށް ފަހު ރާއްޖެއާ ބެހޭ ހާއްސަ ޕްރެޒެންޓޭޝަނެއް ބައިވެރިންނަށް ދައްކާލައެވެ. މި ޕްރެޒެންޓޭޝަންގައި ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ތަފާތު ތަޖުރިބާތަކާއި، މަންޒިލާ ގުޅޭ އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންތަކަށް އަލިއަޅުވާލައެވެ. އަދި ރާއްޖޭގެ ޖަޒީރާ ރަށްތަކުން ފަތުރުވެރިންނަށް ލިބޭ ރައްކާތެރިކަން ވެސް ރޯޑްޝޯ ސިލްސިލާގައި އިޝްތިހާރު ކުރެއެވެ.

ޕްރެސެންޓޭޝަނަށް ފަހު ދިވެހިރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންނާއި އުތުރު އެމެރިކާގެ ޓްރެވެލް ޓްރޭޑާ ދެމެދު ބައްދަލުވުންތައް ކުރިއަށްދެއެވެ. މި މީޓިންގްތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ކުންފުނިތަކަށް ގިނަ ފުރުސަތުތައް ލިބި، އުތުރު އެމެރިކާގެ ޓްރެވެލް ޓްރޭޑާ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެއެވެ. ރޯޑްޝޯތައް އަބަދުވެސް ނިންމާލާނީ ރޭގަނޑުގެ ފަރިއްކޮޅަކުންނެވެ.

އެމެރިކާ މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑްގެ މަގުބޫލުކަން ދަމަހައްޓާ ހަރުދަނާ ކުރުމުގެ ސަބަބުން އެމެރިކާއަކީ ދިވެހިރާއްޖެއާ ދުރު މަންޒިލެއްކަމުގައިވިޔަސް އެތައް ހާސް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ މުހިންމު މާކެޓެވެ.

މި އަހަރު ސެޕްޓެމްބަރ7 ގެ ނިޔަލަށް އުތުރު އެމެރިކާއިން 52,168 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން އެމެރިކާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 6 ވަނަ އެންމެ ބޮޑު މާކެޓެއެވެ. އޮގަސްޓް 13 ވަނަ ދުވަހ ދިވެހިރާއްޖެއަށް މި އަހަރުގެ އެއް މިލިޔަންވަނަ ފަތުރުވެރިޔާ ވަނީ ޒިޔާރަތްކޮށްފައެވެ.