20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ކުޅުނު ދެވަނަ މެޗުގައި، ސައުދީ އަރަބިއްޔާއިން ރާއްޖެ ކޮޅަށް 11 ލަނޑުޖަހާ މޮޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގައި ހޯމަ ދުވަހު ކުޅުނު މިމެޗުން ރާއްޖެ ބަލިވީ 0-11 ގެ ނަތީޖާއަކުންނެވެ،

ކޮލިފިކޭޝަންގައި ރާއްޖެއިން އެންމެފުރަތަމަ ކުޅުނީ އުޒްބެކިސްތާނާއި ދެކޮޅަށެވެ. އެމެޗުން ރާއްޖެ ބަލިވީ 0-7 ގެ ނަތީޖާއަކުންނެވެ. އެމެޗުގެ ފުރަތަމަ 23 މިނެޓުގެ ތެރޭގައި އުޒްބެކިސްތާނުން ރާއްޖެ ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. އެޓީމުން ފުރަތަމަ ހާފު ނިންމާލީ 0-6 އިން ލީޑުގައި އޮވެގެންނެވެ. އަދި މެޗުގައި އުޒްބެކިސްތާނުން 7 ވަނަ ލަނޑުޖެހީ ދެވަނަ ހާފުގައެވެ.

ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރުމުގެ އަޒުމުގައި ނުކުތް ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ދެވަނަ މެޗުގައިވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗުގައި ސައުދީގެ ގޯލުތައް ޖެހީ، ޢަބްދުﷲ ހާދީ ރަދީފް، މެޝާރީ ފަހާ އަލްނެމޭރު، ޢަބްދުލް އަޒީޒް ސައުދު، ޔާސިން އަތިއާ އަލްޒުބައިދީ، ޔަޒީދް ޔަހުޔާ އަދި ސާލިހު އަޙުމަދު އަލްރަޙުމާނީއެވެ. މީގެ ތެރެއިން ހާދީ ރަދީފް އާއި މެޝާރީ ފަހާ ވަނީ ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ޖަހައި، ހެޓްރިކް ހަދާފައެވެ. އަދި ސައުދީގެ ޔަޒީދު ވަނީ ދެ ލަނޑު ޖަހާފައެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން ހިމެނޭ އުޒްބެކިސްތާނުން ވަނީ 0-3 އިން މިޔަންމާ ބަލިކޮށްފައެވެ. ރާއްޖޭން ގްރޫޕްގައި ދެން ކުޅޭ މެޗުގައި ބުދަ ދުވަހުގެެރޭ ކުޅޭނީ ޗައިނާއާ އެވެ. ޗައިނާ ކުޅުނު ފުރަތަމަ މެޗުން ވަނީ 3-1 އިން މިޔަންމާގެ މައްޗަށް ކުރިހޯދާފައެވެ.