އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް 2022 ގައި ޕާކިސްތާން އަތުން ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމު ބޮޑު ފަރަގަކުން ބަލިވެއްޖެއެވެ.

ނޭޕާލުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބަންގްލަދޭޝް އަތުން 0-3 އިން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ވަނީ އިންޑިއާ އަތުން 0-9 އިން ބަލިވެފައެވެ. ދެވަނަ މެޗުގައި މިއަދު މެންދުރު ޕާކިސްތާނާއި ދެކޮޅަށްކުޅެ ރާއްޖޭގެ އަންހެން ގައުމީ ޓީމު ބަލިވީ 0-7 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގައިވެސް ރާއްޖެ ޓީމުގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ނުދިޔަނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ޕާކިސްތާނުގެ އެޓޭކުތައް ހުއްޓުވުމުގައި ރާއްޖޭގެ ކުޅުންތެރިން ތަފާތު ދައްކާފައިވެއެވެ.

ފުރަތަމަ ހާފުގައި ޕާކިސްތާނަށް ރާއްޖޭގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލެވުނީ އެންމެ ފަހަރަކުއެވެ. ހާފުގެ 39 ވަނަ މިނެޓުގައި މިލަނޑު ޖަހައިދީ ޕާކިސްތާނަށް ލީޑުނަގައިދިނީ ރަމީން ފަރީދެވެ.

ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޕާކިސްތާނުން ވަނީ ދެވަނަ ލަނޑެއްޖަހާ ލީޑުފުޅާކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޚަދީޖާ ކަޒްމީ އެވެ. މިއީ ރާއްޖޭގެ ޑިފެންޑަރު ރަވީނާގެ އަތުގައި، ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ.

ޕާކިސްތާނުން މެޗުގައި ޖެހި ލަނޑުތަކުގެ ތެރެއިން ބާކީ ލަނޑުތައް ކާމިޔާބު ކޮށްދިނީ ނާދިޔާ ހާން އާއި އަންމޫލް ހިރާ އެވެ. ނާދިއާ ވަނީ މެޗުގައި ހަތަރު ލަނޑުޖަހާފައެވެ.

މިމެޗުންވީ ބައްޔާއެކު ރާއްޖެއިން މިހާތަނަށް ކުޅުނު ތިންމެޗުން ބަލިވެ، ބައިކޮޅަށް 19 ލަނޑު ވަދެފައިވުމާއެކު އޮތީ ރާއްޖެ ހިމެނޭ ގުރޫޕުގެ ފުލުގައެވެ. ދެވަނަ މެޗުގައި އިންޑިއާ އަތުންވީ ބައްޔާއެކު ރާއްޖެއަށް ވަނީ މުބާރާތުގައި އިތުރަށް ކުރިއަށް ނުދެވޭނެކަން ކަށަވަރުވެފައެވެ.

ރާއްޖެ އާއި އެއް ގުރޫޕެއްގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.