އުރީދޫ ނޭޝަން އިން އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 2 ގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވަލައިފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު ރަޖިސްޓްރީވުމަށް ހުޅުވާލި، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު މިއަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ ސިލްސިލާއެކެވެ.

އުރީދޫއިން ބުނީ، މި ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތް ނިމި މިހާރު ހުޅުވައިލެވިފައިވަނީ ދެވަނަ ކޮލިފައިން ސީރީޒަށް ކަމަށެވެ.

އަދި މިޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، މިޗެމްޕިއަންޝިޕްގެ އޮފިޝަލް ކޮލިފައިން ޓޯނަމަންޓްގައި ވާދަކުރާނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.

މިޗެމްޕިއަންޝިޕްގައި ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާ ގެ އިތުރުން، ޓީމް މެމްބަރުންގެ މައުލޫމާތްއާއި، ޓީމް ލޯގޯ މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެެއެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގެ ކޮންޓެންޑަރ ސީރީޒް 2 ގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު 2 ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާ އަދި 3 ވަނަ އަށް ހޮވޭ ޓީމަށް 2،000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 1 ގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން 16 ޓީމެއް މިމަހުގެ 3 ވަނަ ދުވަހު ފިނާލޭގައި ކުރިމަތިލިމަށްފަހު 3 ޓީމެއް ވަނީ މި އަހަރު ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވެފައެވެ.

އުރީދޫ ނޭޝަން އިން ވަނީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިޒް ޕޫލާއެކު ހުޅުވާލި "އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް" ގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ގޭމަރުންނަށް މަރުހަބާ ކިޔާފައެވެ.