އިންސާނީ ހައްގުތަކާ ޚިލާފް ޖަރީމާތަކުގެ މައްސަލަތަކުގައި ސްރީލަންކާ އިތުރަށް ޒިންމާދާރުކުރަން، މިހާރު އެކަށައަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުން އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ގޮވާލައިފިއެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ 51 ވަނަ ސެޝަން އިއްޔެގައިވަނީ ފެށިފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ 4 ޖަމާއަތް ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލް، ފޯރަމް އޭޝިޔާ، ހިއުމަން ރައިޓްސް ވޮޗް އަދި އިންޓަރނޭޝަނަލް ކޮމިޝަން ފޮރ ޖޫރިސްޓްސްއިން، އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ފޮނުވި ސިޓީއެއްގައި، ސްރީލަންކާގައި މިހާރު އަމަލުކުރަމުންދާ ޕްރިވެންޝަން އޮފް ޓެރަރިޒަމް އެކްޓްގެ ދަށުން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ހުއްޓުވަން ފިޔަވަޅު އަޅައިދިނުމަށް ގޮވާލާފައި ވެއެވެ.

އިގްތިސާދު ހީނަރުވެ، ސިޔާސީ ހަމަނުޖެހުން ބޮޑުވެ، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް ސްރީލަންކާގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި ވެއެވެ.

މައްސަލަތައް ބޮއްސުންލައި، ރައްޔިތުން މަގުތަކަށް ނުކުތުމުން ރައީސް ގޮޓަބާޔާ ރަޖަޕަކްސަވަނީ ޖުލައިމަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

ނަމަވެސް، އޭގެފަހުން ރައީސްކަމަށް ވަޑައިގެންނެވި ރަނިލް ވިކްރަމަސިން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި، ހަރުކަށި ފިޔަވަޅުތައް އަޅުއްވައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ސުލްހަވެރި ކަމާއެކު އެއްވެއުޅުމަށް ވަނީ ހުރަސް އަޅުއްވާފައެވެ. ސަލާމަތީ ބާރުތައް ނެރުއްވައި، މުޒާހަރާތައް ރޫޅާލައި އެތައް ބަޔަކު ވަނީ ޝަރީއަތަކާ ނުލައި ބަންދުކޮށްފައެވެ.

ސްރީލަންކާގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ އދގެ ރިޕޯޓް ސެޕްޓެމްބަރު 6 ގައި ވަނީ އާންމުކޮށްފައެވެ.

އެރިޕޯޓްގައި އދގެ ކުރީގެ ހައި ކޮމިޝަނަރ ފޮރ ހައުމަން ރައިޓްސް މިޝޭލް ބަޗެލޭ ވިދާޅުވެފައިވަނީ، ކޮރަޕްޝަނާއި، އިގްތިސާދީ އިހުމާލުތަކާ ދެކޮޅަށް ސްރީލަންކާގެ ރައްޔިތުން އެކީ އެކައްޗަކަށް މަގުތަކަށް ނުކުތީ، ޓްރާންސްޕޭރެންސީއާއި، ޒިންމާކުރުވުމަށް ކަމަށެވެ.

އެހެންކަމުން، މުޒާހަރާއަށް ނުކުތް މީހުންގެ ހައްގުތަކަށް އިހްތިރާމް ކުރުމަށާއި، މުޒާހަރާކުރި މީހުން ހިފައި ހައްޔަރުކުރުން ހުއްޓާލައި، ސްރީލަންކާއަށް މިހާރު ދިމާވެފައިވާ މައްސަލަތަކުގެ އަސްލަށް ވާސިލްވެ، އެކަންކަން ހައްލުކުރަން މަސައްކަތް ކުރުމަށް، ބަޝެލޭ، ސްރީލަންކާ ސަރުކާރަށް ގޮވާލައްވާފައި ވެއެވެ.

ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ސްރީލަންކާގައި ކޮރަޕްޝަން އާންމުވެ، މަގާމުގެ ނާޖާއިޒް ނުފޫޒުގެ ބޭނުންކުރުން ސީރިއަސް ހާލަތަށް ގޮސްފައިވާ ކަމަށްވެސް ބަޝެލޭގެ ރިޕޯޓްގައި ބަޔާންކޮށްފައި ވެއެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ސިޓީ ފޮނުވި ހިއުމަން ރައިޓްސް ވޮޗްގެ ސައުތު އޭޝިޔާ ޑިރެކްޓަރ މީނާކްޝީ ގެންގޫލީ ވިދާޅުވީ، ސްރީލަންކާގައި އަނިޔާ ލިބިފައިވާ މީހުން އިންސާފަށް އެދޭތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ.

ސަރުކާރުތަކުން ރައްޔިތުންނަށްވާ ވައުދުތައް ނުފުއްދާ ކަމަށާއި، ޒިންމާވާންޖެހޭ މީހުންނަށް ހިމާޔަތްދީ، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ މީހުންނަށް ޕްރޮމޯޝަންތައްދޭ ކަމަށްވެސް މީނާކްޝީ ވިދާޅުވިއެވެ.

އެހެންކަމުން، އިންސާނީ ހައްގުތަކާ ޚިލާފް ޖަރީމާތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމާއި، އިންސާފު ގާއިމްކުރުމަށް ސްރީލަންކާ ސަރުކާރަށް މަޖުބޫރު ކުރާފަދަ ފިޔަވަޅުތަކެއް އަޅައިދިނުމަށް، މީނާކްޝީ، ހިއުމަން ރައިޓްސް ކައުންސިލަށް ގޮވާލައްވާފައި ވެއެވެ.

ސްރީލަންކާގެ އިންސާނީ ހައްގުތަކުގެ މައްސަލާގައި އދގެ ހިއުމަން ރައިޓްސް ކައުންސިލުން ގަރާރެއް ފާސްކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. އެއީ، މުސްތަގްބަލުގައި ހިންގާނެ ޝަރީއަތަކަށް ސްރީލަންކާގައި ހިންގާފައިވާ އިންސާނީ ހައްގުތަކާ ޚިލާފް ޖަރީމާތަކާއި، ހަނގުރާމައިގެ ޖަރިމާތަކުގެ ހެކި އެއްކުރުމުގެ ގަރާރެވެ.

އިއްޔެ ފެށި، އެ ކައުންސިލްގެ 51 ވަނަ ސެޝަންގައި މެމްބަރު ގައުމުތަކުން ކުރީގެ ގަރާރު ރިވިއުކޮށް އަޕްޑޭޓް ކުރާނެއެވެ.

މި ސެޝަންގައި ސްރީލަންކާއާ ދެކޮޅަށް ހަރުކަށި ގަރާރެއް އެކަށައަޅާފަނެތީ ސްރީލަންކާގެ އެކި މަސްއޫލުވެރިން ގެންދަވަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.