މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައަށްޓަކައި އުމްރާވާން ދިޔަ މީހަކު ސައުދީ އަރަބިއްޔާއިން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ސައުދީ ސަލާމަތީ ފަރާތްތަކުން އިއްޔެ ހައްޔަރު ކޮށްފައިވަނީ ޔަމަނުގެ ފިރިހެނެކެވެ.

ސައުދީ ސަލާމަތީ ފަރާތްތަކުން އެ މީހާ ހައްޔަރުކުރީ، އޭނާ މައްކާއަށް އައީ، ރާނީ އެލިޒަބަތުގެ ނަމުގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ކަމަށްބުނެ ހަރަމްފުޅުގައި ނަގާފައިވާ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި އާންމުކުރުމާ ގުޅިގެންނެވެ.

އެ ވީޑިއޯ ކްލިޕްގައި އެމީހާ، ކުޑަ ބެނާއެއްވެސް ބޭނުންކޮށްފައި ވެއެވެ. ބެނާގައި އަރަބި ބަހުންނާއި އިނގިރޭސިބަހުން "ރާނީ އެލިޒަބަތުގެ ފުރާނަފުޅަށް ސުވަރުގެ ދެއްވުމަށް" އެދިފައި ވެއެވެ.

މިވީޑިއޯ ކްލިޕް ސައުދީ އަރަބިއްޔާގެ ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރުވެ، އޭނާ ވަގުތުން ހައްޔަރު ކުރުމަށް އެތައްބަޔަކު ގޮވާލަމުން ގެންދިޔައެވެ.

ސައުދީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުމްރާގެ އަޅުކަމަށް އަންނަ މީހުން އަމަލު ކުރުމަށް އެކަށައަޅާފައިވާ އުސޫލުތަކާއި، ދެވިފައިވާ އިރުޝާދުތަކާ ޚިލާފްވި ޔަމަނުގެ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައިވެސް އަދި އުމްރާގެ އަޅުކަމުގެ ތެރޭގައިވެސް، އެކި ކަހަލަ ޝުއޫރުތައް ލިޔެގެން ބެނާތައް އުފުލުމަކީ މަނާކޮށްފައި އޮންނަ ކަމެކެވެ. އަދި އެފަދަ އަޑުތައް އުފުލުމަކީވެސް މަނާކޮށްފައި އޮންނަ ކަމެކެވެ.

ނިޔާވެފައިވާ މީހުންގެ ނަމުގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ނަމަވެސް، ޣައިރު މުސްލިމެއްގެ ނަމުގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރުމެއް ނޯވެއެވެ.

ރާނީ އެލިޒަބަތަކީ ޗާރޗް އޮފް އިންގްލެންޑްގެ އެންމެ އިސް ގަވަރްނަރެވެ. ޗާރޗް އޮފް އިންގްލެންޑްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެންގްލިކަން ފައްޅިތަކުގެ އެންމެ މައި ފައްޅިވެސް މެއެވެ.