ރީތި ލޯބީގެ ފިލްމު "އާޝިގީ" ސީރީސްގެ 3 ވަނަ ފިލްމުގެ މެއިން ލީޑްއަކަށް އެކްޓަރު ކާތިކް އާރްޔަން ސޮއިކޮށްފިއެވެ.

1990 ވަނަ އަހަރު ވުޖޫދަށްއައި "އާޝިގީ" ފިލްމަކީ ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމެކެވެ.

2013 ވަނަ އަހަރު ފިލްމުގެ ސީކުއެލްއެއް ނެރެފައިވާއިރު މިފަހަރުގެ ފިލްމުގެ ނަމަކީ "އާޝިގީ3"އެވެ.

ކުރީގެ 2 ފިލްމެކޭ އެއްގޮތަށް މިފަހަރުގެ ފިލްމުވެސް ޕްރޮޑިއުސްކުރާނީ މުކޭޝް ބަޓްގެ ފިލްމު ކުންފުންޏާއި ޓީ ސީރީސް ގުޅިގެންނެވެ.

ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި ފެނިގެންދާނީ ކާމިޔާބު ޑައިރެކްޓަރު އަނޫރާގު ބާސޫއެވެ. ފިލްމުވެސް އުފައްދާ އަނޫރާގަކީ ފިލްމު "ބަރްފީ"، "ލުޑޯ" އަދި "ޖައްގާ ޖާސޫސް" ގެ މޭސްތިރިއެވެ.

މިހާތަނަށް ރިލީޒްކުރެވުނު "އާޝިގީ" ފިލްމުގެ 2 ސީރީސްއަކީވެސް ވަރަށް ރީތި ލޯބީގެ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމުތަކެކެވެ. ވާހަކައާއި އެއްވަރަށް ފިލްމުގެ މިއުޒިކަށްވެސް އާއްމުންގެ ބޮޑު މަގުބޫލުކަމެއްވަނީ ލިބިގެންގޮސްފައެވެ.

ޓީސީރީސްއިން ބުނެފައިވަނީ މިފަހަރުގެ ބައިވެސް ގެނެސްދޭއިރު ހިތްގައިމު ރީތި މިއުޒިކްއެއް ގެނެސްދިނުމަކީ ކުންފުނީގެ އެންމެބޮޑު އެއް މަގުސަދު ކަމުގައެވެ.

ރިޕޯޓުތައް ބުނާގޮތުން "އާޝިގީ3" އަށް މިއުޒިކް ހަދައިދޭނީ ކުޅަދާނަ މިއުޒީޝަން ޕްރިތަމްއެވެ. ޕްރިތަމްގެ ހިތްގައިމު މިއުޒިކް ހަދައިދީފައިވާ ފިލްމުތަކުގެ ތެރޭގައި، ފިލްމު "ގޭންގްސްޓާ"، "ޖައްގާ ޖާސޫސް"، "ބަރްފީ" އަދި "ލައިފް އިންއަ މެޓްރޯ" ހިމެނެއެވެ.

މިފިލްމާ ގުޅޭގޮތުން އެކްޓަރު ކާތިކް ބުނެފައިވަނީ ފިލްމު "އާޝިގީ" އަކީ އޭނާގެ ޅަދުވަސްވަރު އެންމެ ގިނައިން ބެލި އެއް ފިލްމު ކަމުގައެވެ. އަދި މިސީރީސްގެ ފިލްމަކުން ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއްކަމުގައި ސިފަކުރާކަމަށް އެކްޓަރުވަނީ ބުނެފައެވެ.

މިފިލްމަކީ އަނުރާގް ބާސޫއާ ކާތިކް އެކީގައި މަސައްކަތްކުރާނެ ފުރަތަމަ ފިލްމުވެސްމެއެވެ. ފިލްމާމެދު ހުރިހާ ފަރާތްތަކުންވެސް ކުރާ އުއްމީދުތައް ބޮޑުވެފައި ފިލްމު ކާމިޔާބު ރީތި ފިލްމަކަށް ހެދުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށް ޕްރޮޑިއުސަރު މުކޭޝް ބަޓްވަނީ ބުނެފައެވެ.

ފިލްމު "އާޝިގީ3" އަށް އެކްޓަރު ކާތިކް ސޮއިކޮށްފައިވާއިރު ފިލްމުގައި ކާތިކްއާއެކު ފެންނާނީ ކޮން ބަތަލާއެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.