ބަތަލާ ކާޖޮލް ކުޅޭ ފުރަތަމަ ވެބް ސީރީސްގައި ފެނިގެންދާނީ ވަކީލެއްގެ ރޯލްއިންކަން ހާމަކޮށް ފިލްމުގައި ކާޖޮލް ފެނިގެންދާނެގޮތް ބެލުންތެރިންނާއި ހިއްސާކޮށްފިއެވެ.

"ދަ ގުޑް ވައިފް- ޕިޔާރު، ޤާނޫން ،ދޯކާ" ނަމަކަށް ކިޔާ މިސީރީސް ސްޓްރީމްކުރާނީ ޑިޒްނީ ޕްލަސް ހޮޓް ސްޓާއިންނެވެ. މިއީ ކާޖޮލް ވަކީލެއްގެ ރޯލްއިން ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފަހަރުވެސްމެއެވެ.

"ދަ ގުޑް ވައިފް" ވެބް ސީރީސްއަކީ، 2009 ވަނަ އަހަރު 7 ސީޒަނަކަށް ބަހާލައިގެން ސީބީއެސް އިން ގެނެސްދިން އެމެރިކަން ލީގަލް ޑްރާމާ ސީރީސްއެކެވެ.

މިސީރީސްއާ ގުޅޭގޮތުން ބަތަލާ ކާޖޮލް ބުނެފައިވަނީ މުޅީން ތަފާތު އާ ރޯލެއް ތަޖުރިބާކޮށްލަން ލިބުމުން ވަރަށް އުފާވެފައިހުރި ކަމަށެވެ.

މިހާތަނަށް ގިނަ އަދަދެއްގެ ފިލްމު ކުޅެފައިވާ ބަތަލާ ބުނެފައިވަނީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ކޮންމެ އެކްޓަރަކަށްވެސް މުޅީން އާ ކަންތައްތަކެއް ތަޖުރިބާކޮށްލުމުގެ މަގުހުޅުވިގެންދާ ކަމުގައެވެ.

މިއީ މިފަދަ ޕްލެޓްފޯމްތަކަށް ލިބިފައިވާ ވަރަށް ހާއްސަ ސިފައެއް ކަމަށްވެސް ކާޖޮލްވަނީ ބުނެފައެވެ.

މިސީރީސްގެ ޑައިރެކްޝަން މަސައްކަތުގައި ހަރަކާތްތެރިވަނީ، "އޭކް ކިލާޅީ، އޭކް ހަސީނާ" އަދި "އެސިޑް ފެކްޓްރީ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ސުޕަން ވަރުމާއެވެ.

މިސީރީސް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ވަކި ތާރީޚެއް އަދި ހަމަޖެހިފައިނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރު ނެޓްފްލިކްސްއިން ރިލީޒްކުރި ފިލްމު "ތްރިބާންގާ" ގެ ބަތަލާގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކުގެ ތެރޭގައި، ޑައިރެކްޓަރު ރިވެތީގެ ފިލްމު "ސަލާމް ވެންކީ" ހިމެނެއެވެ.

https://www.youtube.com/watch?v=7NYGgdwxHYM