އަނިޔާތަކުން ކުދިން ރައްކާތެރިކުރުމަކީ، ހަމައެކަނި މައިންބަފައިންގެ ޒިންމާއެއް ނޫން ކަމަށާއި މިއީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތަފާތު އަނިޔާތަކުގެ ޝިކާރައަކަށްވާ ކުދިންވެސް މަދެއް ނޫން ކަމަށާއި ޖިސްމާނީ އަނިޔާއާއި، ޖިންސީ އަނިޔާ ލިބޭ ކުދިން އެބައުޅޭ ކަމަށެވެ.

އަދި ނަފްސާނީ އަނިޔާތައް ތަޙައްމަލުކުރާ ކުދިންވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތިބިކަން ފާހަގަކުރައްވާ ރައީސް ވަނީ އެފަދަ އަނިޔާތަކުން ކުދިން ރައްކާތެރިކުރުމަކީ، ހަމައެކަނި މައިންބަފައިންގެ ޒިންމާއެއް ނޫން ކަމަށާއި މިއީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށްވެސް ވިދާޅުވެފައެވެ.

މިއަދު ތިޔަބޭފުޅުން އެއްތަންވެ، މަޝްވަރާއަށް ތައްޔާރުވެގެން ތިޔަ ތިއްބެވީ، މުޅި ނިޒާމު އެކުގައި ޙަރަކާތްތެރިވެ، ކުޑަކުދިން ރައްކާތެރި ކުރެވޭނެ ގޮތަކީ ކޮބައިކަން ދެނެގަތުމަށް. އަދި މި ދެންނެވި ޒިންމާ މުޅި މުޖުތަމަޢުން އުފުލުމުގައި ޢަމަލުކުރަންވީ ގޮތްތައް ކަނޑައެޅުމަށް. އާދެ، ދިރިހުރުމުގެ ޙައްޤާއެކު، ކުޑަކުއްޖަކަށް ލިބެންޖެހޭ އެންމެ މުހިންމު އެއް ޙައްޤަކީ، މައިންބަފައިންގެ ލޯތްބާއި އަޅާލުމާއެކު، ހެދި ބޮޑުވުމުގެ ފުރުޞަތު ފަހިވުން. އެ ކުދިންގެ ދިރިއުޅުން ސީދާވުމާއި ނުވުން ބިނާވެފައި މި އޮންނަނީ އެކަމުގެ މައްޗަށް. އެހެންވިޔަސް، މައިންބަފައިންގެ ލޯތްބަށް އެންމެ ބޭނުންޖެހޭ ޢުމުރުފުރާގެ މަދު ކުދިންކޮޅެއް ނަމަވެސް، އެ ލޯބިން މަޙްރޫމްވެ، ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް އެބަތިބި."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ އޮތް ހައްލެއް ނޫން ކަމަށާއި މިހާރަށްވެސް އަދި އެ ކުދިންގެ ކުރިމަގަށްވެސް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކުގައި މުޖުތަމަޢާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތީގައި، ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖުތިމާޢީ ޢާއިލީ ވެށްޓެއް ހޯދައިދިނުމަށް، 6 ރަށެއްގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ޤާއިމުކޮށް، އެ ކުދިން މިހާރު ވާނީ އެ ތަންތަނަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެންމެ މުހިންމީ ޢާއިލީ ގުޅުމުގެ ބަދަހިކަން ފާހަގަކުރައްވާ ރައީސް ސާލިހް ވިދާޅުވީ ޢާއިލާގެ ތެރެއިން އެ ކުދިންނަށް ލޯތްބާއި އޯގާތެރިކަން އިޙްސާސްވާނީ، ގެވެށި ގުޅުން ބަދަހިވިވަރަކުން ކަމަށެވެ.

މައިންބަފައިންނާ ވަކިން ދިރިއުޅޭ އިތުރު ކުދިންތަކެއް ދެކޭކަށް އަޅުގަނޑުމެން އެކަކުވެސް ނޭދޭނެ. އެ މައްސަލަ ޙައްލު ކުރެވޭނީ، އެ ކުދިންގެ ޙައްޤުތައް ގެއްލުމަށް މެދުވެރިވާ ހުރިހާ ހުރަސްތަކެއް ނައްތައިލައިގެން. މިއަދުގެ ކުޑަކުދިން، މާދަމާގެ ހަރުދަނާ މައިންބަފައިންގެ ގޮތުގައި ފެންނާނީ، ކުށުގެ ވެށިން އެ ކުދިން ދުރުކޮށް، ރިވެތި އަޚްލާޤުގެ މަތީގައި، އެ ކުދިން ތަރުބިއްޔަތުކޮށްގެން. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް އުފެއްދުމަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. ކުޑަކުދިންގެ ޙައްޤުގައި ސަރުކާރުން ކުރާ ކަންކަން، ގާތުން ބަލައި ފާރަވެރިވާނެ މިނިވަން މުއައްސަސާއެއް އޮތުމުން، ސަރުކާރުން ކުރާ މަސައްކަތްތައް، ހަރުދަނާ ގޮތެއްގައި ރަނގަޅު މިޞްރާބަކުން ގެންދިޔުމަށް ވަރަށް ބޮޑު ބާރަކަށްވޭ."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

މީގެ އިތުރުން ރައީސް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމާ ގުޅޭގޮތުން ގައުމީ ސިޔާސަތުތައް އެކަށައަޅާއިރުވެސް، ސަމާލުކަން ދޭންޖެހޭނީ، ކުޑަކުދިންނަށް އެންމެ މަސްލަޙަތު ހުރި ގޮތަކަށް އިސްކަންދިނުމަށް ކަމަށެވެ.

ކުޑަކުދިންނާ ގުޅޭ ކަންކަމުގައި ސަރުކާރުން ސިޔާސަތުތައް އެކަށައަޅާއިރު، ކުޑަކުދިންގެ ޚިޔާލާއި މަޝްވަރާވެސް ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ކިތަންމެ ގިނަ ގާނޫނުތަކެއްވެސް ހެދިދާނެ ކަމަށާއި ޤަވާޢިދުތައްވެސް ހަރުކަށި ކުރެވިދާނެ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނަމަވެސް ބޭނުންވާ ނަތީޖާ ނެރެވޭނީ މުޅި ދައުލަތް އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި ރައްޔިތުންވެސް، ސަރުކާރުގެ މުއައްސަސާތައްވެސް، ތަހުގީގީ އިދާރާތަކާއި ޝަރުޢީ ކޯޓުތައްވެސް، އަދި އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތައްވެސް، އެއް ވާނެއްގައި މަސައްކަތް ކޮށްގެން ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.