ޓެކްސް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން މިމަހު ހާމަކުރަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން މީރާއިން ބުނީ، ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކައިވާ ފަރާތްތަކުގެ ނަން މިމަހުގައި ހާމަކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީރާއިން ހާމަކުރާ ގޮތުގައި، ޓެކުހާއި ޓެކުހަށް ނުވާ އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އަހަރުގެ އެކި މަސް މަހުގައި ހާމަކުރަމުން ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން އަންނަ އޮކްޓޫބަރު މަހުގައި ހާމަކުރާނެ ކަމަށްވެސް މީރައިން މަޢުލޫމާތުދެއެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު ވަނީ އަޅަން ފަށާފައެވެ.

އަދި މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.