މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މިއަހަރުގެ އެންމެބޮޑު އިންތިޒާރެއް ކުރެވުނު ފިލްމު "ބްރައްމަސްތުރާ" ރިލީޒްވުމާއެކު ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެގޮތުން ފިލްމު ރިލީޒްކުރިތާ 2 ދުވަސްތެރޭ އިންޑިއާއިންނާއި އިންޑިއާގެ ބޭރުންވެސް ހަމައެކަނި 50 ކްރޯޑް ރުޕީސް ފިލްމަށްވަނީ ލިބިފައެވެ.
ބޭރުގެ މާކެޓްތަކުންނާއި އިންޑިއާއިން ލިބުނު އާމްދަނީއާއެކު ފިލްމު މިހާރުވަނީ 100 ކްރޯޑް ފަހަނައަޅާފައެވެ. އެންމެ 3 ދުވަހުން 100 ކްރޯޑް ކްލަބަށް ފިލްމު ވަދެފައިވާއިރު މިފިލްމުގެ ޓީމުގެ އަމާޒުހުރީ ހަފްތާ ބަންދުގައި ފިލްމުގެ ވިޔަފާރި މިއަށްވުރެބޮޑަށް މަތިކޮށް 200 ކްރޯޑް ފިލްމަށް ހޯދުމަށެވެ.
އަޔާން މުކަރްޖީ ލިޔެ ޑައިރެކްޓްކޮށްފައިވާ މިފިލްމު ގެނެސްދީފައިވަނީ ދަރްމާ ޕްރޮޑަކްޝަންސްގެ އިތުރުން އިތުރު 2 ފިލްމު ކުންފުންޏަކާއި ގުޅިގެންނެވެ.
"ބްރައްމަސްތުރާ:ޕާޓް 1 ޝިވާ" ރިލީޒް ކޮށްފައިވަނީ ހިންދީ ބަހުގެ އިތުރުން ތަމަޅަ، ތެލުގޫ، މަލަޔާޅަމް އަދި ކަންނާޑާ ބަހުންނެވެ.
ފިލްމު ރިލީޒްކުރުމާއެކު ކްރިޓިކުން ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން މަޝްހޫރު ފިލްމު އެނަލިސްޓު ތަރަން އާދަޝް ބުނެފައިވަނީ ހީކުރިވަރަށްވުރެ ފިލްމުގެ ކޮލިޓީ ދަށްކަމުގައެވެ.
ފިލްމާމެދު ގިނަ ބައެއްގެ އުއްމީދުތައް އެހާ ބޮޑުވެފައިވާކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ފިލްމު ރިލީޒްކުރުމާ ހަމައަށް ހޭދަވި ދިގު މުއްދަތެވެ.
އެކި ފަހަރުމަތިން ފިލްމު ރިލީޒްކުރާ ތާރީޚު ފަސްވުމުގެ ސަބަބުންވެސް ގިނަބަޔަކު ފިލްމު ބެލުމަށް މާޔޫސްކުރުވިއެވެ. އެހެންނަމަވެސް ފިލްމު ރިލީޒްކުރިތާ ދެތިން ދުވަސްތެރޭގައި ފިލްމުވަނީ ވައިގައި ހިފާފައެވެ.
މިހާރަކަށްއައިސް ބޮލީވުޑްގެ ގިނަ ފިލްމުތައް ބޮއިކޮޓްކުރުމުގެ ކެމްޕޭނެއް ބަޔަކު ހިންގަން ފަށާފައިވާއިރު މިފިލްމަށްވެސް އެބިރުއޮތެވެ. ސަބަބަކީ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރްއަކީ ނެޕޮޓިޒަމްގެ ރަސްގެފާނުކަމަށް ގިނަ ބަޔަކު ސިފަކޮށް ކަރަންއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވުމާވެސް އެކުގައެވެ.
މިފިލްމަށް ހީކުރިވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިފައިވަނީ މިފިލްމަކީ މިހާތަނަށް ހިންދީ ސިނަމާއިން ފެނިފައިނުވާ ކަހަލަ ތަފާތު ޕްލޮޓަކަށް ފިލްމުގެ ސްކްރިޕްޓް ބިނާކޮށްފައި އޮތުމުންނެވެ. އަދި ފިލްމުގައި ފެނިގެންދާ ތަރިންނަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ތަރިންނަށް ވެގެންދިއުންވެސްވަނީ ފިލްމުގެ ކާމިޔާބީއާއި ގުޅިފައެވެ.
އެކްޓަރު އާލިއާ ބަޓްއާއި ފިރިމީހާ ރަންބީރު ކަޕޫރުގެ އިތުރުން އަމީތާބް ބައްޗަން، މޯނީ ރޯއި، ތަމަޅަ އެކްޓަރު ނާގުރްޖުނާ އަދި ބަތަލާ ޑިމްޕަލް ކަޕާޑިއާއަކީ މިފިލްމުގެ މުހިއްމު ރޯލްއިން ފެނިގެންދާ ތަރިންނެވެ.
ފެންޓަސީ އެޑްވެންޗާއެއްގެ ގޮތުގައި ގެނެސްދިން މިފިލްމުގެ ދެވަނަ ބައެއްވެސް މިހާރުވަނީ އިއުލާނު ކޮށްފައެވެ.
ސީކުއަލްއެއްގޮތަށް ގެންނަން ހަމަޖެހިފައިވާ މިފިލްމުގެ މަސައްކަތް މިއަހަރު ނިމޭކޮޅު އެހެންނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފަށާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
ސީކުއަލްއަށް ދީފައިވާ ނަމަކީ "ބްރައްމަސްތުރާ: ޕާޓް 2 ދޭވް" އެވެ. ފުރަތަމަ ބައެކޭ އެއްގޮތަށް ސީކުއަލްވެސް ޑައިރެކްޓްކޮށް ސްކްރިޕޓް ކިޔާނީ އަޔާން މުކަރްޖީއެވެ. އެހެންނަމަވެސް "ބްރައްމަސްތުރާ" ގެ ސީކުއަލްއިން ފެންނާނެ ތަރިންނާބެހޭ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.