އެކްޓަރު އަމީތާބް ބައްޗަންގެ ކުރިޔަށްއޮތް ފިލްމު އަންނަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ރިލީޒްކުރުމަށް ތާވަލްކުރެވިފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވިކާސް ބަލް ޑައިރެކްޓްކޮށް އެކްތާ ކަޕޫރު އަދި ޝޯބާ ކަޕޫރު ޕްރޮޑިއުސްކުރާ މިފިލްމަކީ، ހެއްވާ މަޖާ ހާދިސާތައް އެކުލެވޭ ޢާއިލީ ޑްރާމާ ފިލްމެކެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ބާލާޖީ މޯޝަން ޕިކްޗާސްގެ މިފިލްމަކީ، މަޝްހޫރު ތެލުގޫ ބަތަލާ ރަޝްމިކާ މަންދަނާ ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ.

އަމީތާބް މުހިއްމު ރޯލްއިން ފެނިގެންދާ މިފިލްމުގައި ރަޝްމިކާގެ އިތުރުން ބޮޑު ކާސްޓެއް ހިމެނެއެވެ. އޭގެތެރޭގައި ނީނާ ގުޕްތާއާއި، ސުނިލް ގްރޯވާއި ޝިވިންގް ނަރަންގްގެ އިތުރުން ސާހިލް މެހާ ހިމެނެއެވެ.

ފިލްމުގެ ޓްރެއިލާ ލޯންޗްކޮށްފައިވާއިރު ޓްރެއިލާއިންވެސް ފެންނަ ފެނުމަށް ފިލްމަކީ ބެލުންތެރިންގެ އިހުސާސްތަކާއި ކުޅެލާނެފަދަ އަސަރުން ފުރިގެންވާ ފިލްމަކަށް ވެގެންދާނެއެވެ.

އާއިލާގެ މެމްބަރެއް ވަކިވުމުން އެއާއިލާއަށް ލިބިގެންދާ އެކަނިވެރިކަމުން ސަލާމަތްވުމަށް އެހެން މީހުންގެ އެއްބާރުލުން ބޭނުންވާ މިންވަރު ފިލްމުގައި ވަރަށް ރަގަޅަށް ދައްކުވައިދޭނެކަމަށް ޑައިރެކްޓަރު ވިކާސްވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް 25 ގައި އިއުލާނުކުރި މިފިލްމުގެ ޝޫޓިންގް މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިއަހަރުގެ ޖޫން މަހުގެތެރޭގައެވެ.

މިއަހަރު ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ އުއްމީދީ އެއްފިލްމަށް "ގުޑްބާއި" ވެފައިވާއިރު ޑައިރެކްޓަރު ވިކާސް ބަލްގެ އެންމެ ފަހު ޑައިރެކްޝަނަކީ ރިތިކް ރޯޝަން މެއިން ލީޑްއިން ފެނިގެންދިޔަ ފިލްމު "ސުޕަ 30" އެވެ.

ފިލްމާގުޅޭގޮތުން ވާހަކަ ދައްކަމުން ބަތަލާ ރަޝްމިކާ ބުނެފައިވަނީ، ބޮލީވުޑް ފިލްމެއްގައި މަސައްކަތްކުރީ ކުރިން އެކަމަށް އެއްވެސް ވަރަކަށް ޕްލޭން ނުވަތަ ރޭވުންތެރިކަމެއްނެތިއެވެ.

އޭނާ އަބަދުވެސް ބޭނުންވަނީ ރަގަޅު ކޮލިޓީ ފިލްމުތަކެއްގައި މަސައްކަތްކުރަން ކަމަށް ބުނަމުން ބަތަލާ ބުނެފައިވަނީ ބޮލީވުޑް ފިލްމުތަކުގައި މަސައްކަތްކުރަން ނިންމީ އަޖުމަ ބެލުމުގެ މަގުސަދުގައި ކަމަށެވެ.

ރަޝްމިކާ އެންމެފަހުން ފެނިފައިވަނީ ދާދި ފަހުން އެމޭޒަން ޕްރައިމްއިން ޕްރިމިއަކުރި "ސީތާ ރަމާމް" އިންނެވެ. ރަޝްމިކާގެ ކާމިޔާބު ފިލްމުތަކުގެތެރެއިން އެންމެ ބޮޑަށް ފާހަގަވަނީ ފިލްމު "ޕުޝްޕާ: ދަ ރައިޒް" އެވެ.

ފިލްމު "ގުޑްބާއި" ގެ އެންމެ މުހިއްމު ރޯލްއިން ފެންނަ މެގަ ސްޓާ އަމީތާބް ބައްޗަން އެންމެ ފަހުން ފެނިފައިވަނީ ދާދިފަހުން ރިލީޒްވި އަޔާން މުކަރްޖީގެ ފިލްމު "ބްރަހްމަސްތްރާ" އިންނެވެ.

https://www.youtube.com/watch?v=n5gICDMQOcA