ކޮވިޑްބަލި އަލަށްޖެހޭ ކަމަށް ރިޕޯޓްކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހާމަކޮށްފިއެވެ.

ކޮވިޑްބަލީގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑަބްލިޔުއެޗްއޯގެ ވެރިޔާ ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، 2020 ވަނަ އަހަރުގެ ފަހުން، ވޭތުވެދިޔަ ހަފްތާއަކީ އަލަށް ބަލިޖެހުނު މީހުންގެ އަދަދުތައް އެންމެ ދަށަށް ދިޔަކަމަށް ރެކޯޑްކުރެވުނު ހަފްތާ ކަމަށެވެ.

ޑަބްލިޔުއެޗްއޯއިން ހާމަކުރި ކޮވިޑްބަލީގެ ހަފްތާ ރިޕޯޓްގައި ބުނެފައިވަނީ، ވޭތުވެދިޔަ ހަފްތާގައި އަލަށް ބަލިޖެހުނު ކަމަށް ރިޕޯޓްކުރެވުނު މީހުންގެ އަދަދު 28 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ވެރިޔާ ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ދުނިޔެ މިހާރު މިއޮތީ ކޮވިޑްގެ ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް އެންމެ ރަނގަޅު މަގާމުގައި ކަމަށެވެ.

"މިބަލިމަޑުކަން ނިމުމަކަށް ގެނައުމަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ. މިފުރުސަތުގެ ބޭނުން ދުނިޔެ އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭ"
ޑރ. ޓެޑްރޯސް އަދަނޮމް

ޑރ. ޓެޑްރޯސް ވިދާޅުވީ، ކޮވިޑްބަލި ނިމުމަކަށް ގެނައުމަށް މިހާރު ލިބިފައި މިވާ ފުރުސަތުގެ ބޭނުން ނުކޮށްފިނަމަ އިތުރު ވޭރިއެންޓްތައް އައުމާއި، ބަލީގައި އިތުރު މީހުންގެ ފުރާނަ ގެއްލުމާއި، ދިރިއުޅުމުގެ ކަންކަމަށް އިތުރު ހުރަސްތައް ކުރިމަތިވުމާއި، ވާނުވާގެތެރެއަށް ވެއްޓިދިއުމުގެ ރިސްކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.

އަލަށް ބަލިޖެހޭ ކަމަށް ރިޕޯޓްކުރާ މީހުންގެ އަދަދުތައް މަދުވި ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެހެން ކަންބޮޑުވުމެއްވެސް ހާމަކޮށްފައި ވެއެވެ.

އެއީ، ގިނަ ގައުމުތަކުން ޓެސްޓުކުރުން ހުއްޓާލުމާއި، އޭގެ ސަބަބުން ކޮވިޑްބަލީގެ ސީރިއަސް ކޭސްތައް އެނގޭމިންވަރު މަދުދަމުންދާ ކަމެވެ.

ޑަބްލިޔުއެޗްއޯގެ ޓެކްނިކަލް ލީޑް ޑރ. މާރިއާ ވެން ކަރްޚޯވ ވިދާޅުވީ، އަލަށް ބަލިޖެހުނު ކަމަށް އެ ޖަމްއިއްޔާއަށް މިހާރު ރިޕޯޓްކުރަމުންދާ އަދަދު މަދުވާތީ ކަންބޮޑުވެވަޑައި ގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހީވާގޮތުގައި، ރިޕޯޓްކުރާ މިންވަރަށްވުރެ ގިނަ ކޭސްތައް މިހާރުވެސް ދައުރުވަމުންދާނެ. ސަބަބަކީ، މިބަލި ދުނިޔޭގައި ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާތީ"
ޑރ. މާރިއާ ވެން ކަރްޚޯވ