ދުނިޔެ މަގޭ ކެމްޕޭނުގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ ވޯލްޑް ކްލީން އަޕް ޑޭ"އާ ގުޅިގެން އެ ކޯޕަރޭޝަނުންގެ ދުނިޔެ މަގޭ ކެމްޕޭނުގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް 17 ސެޕްޓެމްބަރ 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހަރަކާތުގައި އެކި މުއައްސަސާތަކުންނާއި މިނިސްޓްރީތަކުން އަދި އެސްއޯއީ ތަކުންވެސް ބައިވެރިވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މި ހަރަކާތަކީ އެޗްޑީސީގެ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ކުރިޔަށް ގެންދާ ހަރަކާތެކެވެ. ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަހަރުގެ ޖޫން މަހު ތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ.
އަދި މި ކޭމްޕޭންގެ ދަށުން ތިމާވެއްޓަށް ގެއްލުންހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް "ވޯލްޑް ކްލީން އަޕް ޑޭ"އާ ގުޅިގެން ސާފުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދެއެވެ.
އެގޮތުން މިފަހަރު މި ބާއްވާ ސާފުކުރުމުގެ ހަރަކާތަކީ "ވޯލްޑް ކްލީން އަޕް ޑޭ"އާ ގުޅިގެން މާލެ ސަރަހައްދުގައި ކުރިޔަށް ގެންދެވޭ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތް ކަމުގައި ވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.