ރާއްޖޭގެ ތިން އަތޮޅެއް ފިޔަވައި ކުނިމެނޭޖް ކުރުމުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްނުދާ ރަށެއް ނެތް ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް އެންޑް ޓެކްނޮލޮޖީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު މުރުތަޟާ ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުރުތަޟާ ވިދާޅުވީ ކުނި މެނޭޖްކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ގައުމީ ފެންވަރުގެ ޕްލޭނެއް އެކުލަވާލައި އެ ޕްލޭންގެ ދަށުން މިހާރު ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ކުނި މެނޭޖްކުރުމަށްޓަކައި މިހާރު ހިންގާ އެންމެ ބޮޑު މަޝްރޫޢަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ހިންގާ މަޝްރޫޢުކަން ފާހަގަކުރައްވާ މުރުތަޟާ ވިދާޅުވީ ތިލަފުށީގެ ކުނި ގޮނޑު ހަމައަކަށް އެޅުވުމާއެކު ޒަމާނީ ފެންވަރުގެ ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން އެންވަޔަރަމަންޓް ކްލައިމެޓް އެންޑް ޓެކްނޮލޮޖީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު މުރުތަޟާ ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިން ރީޖަނަލް ފެސިލިޓީ ގާއިމްކުުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ.
ކުނި މެނޭޖްކުރުމަށް އައު ގަވާއިދެއް މިހާރު ވާނީ އެކުލަވާލާފައި ކަމަށާއި އެގޮތުން ކުނި އުފެދޭ ތަނަކުން ކުނި ބައިބަޔަށް ވަކި ކުރުމަށް ފަހު ނޫނީ ކުނި މެނޭޖްކުރާ މަރުކަޒަކަށް މިހާރު ނުގެންނާނެ ކަމަށްވެސް މުރުތަޟާ ވިދާޅުވިއެވެ.
ކުނި މެނޭޖްކުރުމުގައި އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މުރުތަޟާ ސިފަކުރެއްވީ ކުނި އަންދަމުން އައި ތިލަފުށީގައި ދުން އެރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތްތަކެވެ.