ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ 3 ވަނަ މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް މާދަމާ ހުޅުމާލެ ސައިކްލިންގ ޓްރެކްގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

ދިރާގުން ބުނީ، މި މުބާރާތަށް ލިބުނު ހޫނު ތަރުހީބާއި ބައިވެރިންގެ އަދަދު ގިނަވުމުގެ ސަބަބުން މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހާ 17 ވަނަ ދުވަހު ކަމަށެވެ.

އަދި މި ޗެމްޕިއަންޝިޕްގައި 32 ސްކޫލުން 1000 އަށް ވުރެ ގިނަ ކުދިން ތަފާތު 10 ކެޓެގަރީއެއްގެ ދަށުން ބައިވެރިވާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

11 އަހަރުން ދަށުގެ އުމުރު ފުރާގެ ކުދިންނަށް ހާއްސަކޮއްފައިވާ، 1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީއަކުން ތިން އަންހެން އަދި ފިރިހެން ނަސީބުވެރިން ހޮވާނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެއިތުރުން، ކޮންމެ އުމުރުފުރާއަކުންވެސް ޗެމްޕިއަން ސްކޫލް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގާއި ބައިކް މޯލްޑިވްސްގެ އުންމީދަކީ މި މުބާރާތުގެ ޒަރިއްޔާއިން ސްކޫލް ކުދިންގެ މެދުގައި ބައިކް ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ޒުވާން އުމުރުގައި ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއް ގެ މުހިންމުކަން ޕްރޮމޯޓްކުރުމަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.