އެމްއައި ކޮލެޖްގެ ސްކޫލް އޮފް އެގްރިކަލްޗަރ އިން މާލޭގެ ރަށްވެހިންނަށް އަމާޒުކޮށްގެން "ގާޑެނިންގ އިން ހޯމްސްޓެޑްސް" ގެ ނަމުގައި ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ އެޗްޑީސީއާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެމްއައި ކޮލެޖުން ބުނީ، މިއީ އެޗްޑީސީގެ ދަނޑުވެރިންނާއި، އަރބަން ފާރމިންގ ޕްރޮޖެކްޓްތަކާއި، ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަމްރީން ދިނުމުގެ ގޮތުން ހިންގި ޕްރޮގްރާމެއް ކަމަށެވެ.

އަދި މިޕްރޮގްރާމަކީ އެ ކޮލެޖްގެ ސީއެސްއާރް ހަރަކާތެއް ގޮތުގައި ހިލޭސާބަހަށް ރާއްޖޭގައި ފެހި އަދި ތިމާވެށްޓާ ރަށްޓެހި ގަސްކާނާ އުފައްދާ މިންވަރު އިތުރުކުރުމަށް ބާރު އެޅުއްވުމަށް ހިންގި ޕްރޮގްރާމެއް ކަމަށްވެސް އެމްއައި ކޮލެޖުން ބުނެއެވެ.

މި ތަމްރީނުގައި ކިޔަވައިދެއްވީ އެމްއައި ކޮލެޖްގެ އެގްރިކަލްޗަރ ކޮންސަލްޓަންޓް ޑޮކްޓަރ މަހުފޫޒް މިރްދާ އަދި ޒާކިއާ ބޭގަމްއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެމްއައި ކޮލެޖްގެ ރެކްޓަރ ލަމްޔާ ޢަބްދުލް ހާދީ ވަނީ ޓްރެއިނަރުންނަށް ޝުކުރު އަދާކުރައްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

އެމްއައި ކޮލެޖަކީ ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގެ މުހިންމުކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކޮލެޖެކެވެ.

މިވަގުތު އެމްއައި ކޮލެޖުގެ ސްކޫލް އޮފް އެގްރިކަލްޗަރއިން ސެޓްފިކެޓް 3 އިން ގާޑެނިންގ ޕްރޮގްރާމެއް އައްޑޫ ސިޓީގެ ހިތދޫގައި ކުރިޔަށް އެބަ ގެންދެއެވެ.

އަދި ސްކޫލް އޮފް އެގްރިކަލްޗަރގެ ނަމުގައި ދަނޑުވެރިކަމަށް ހާއްސަ ޒަމާނީ ފެންވަރުގެ ލެބެއްވެސް ހިތަދޫގައި ވަނީ ގާއިމްކޮށްފައެވެ.

އެމްއައި ކޮލެޖްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ ކޯސްތައް ފުޅާކުރުމެވެ.