އަސްކަރީ އެއްވެސް އިއްތިހާދެއްގައި ސްރީލަންކާ ބައިވެރިވާން ބޭނުން ނުވާކަމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ކޮޅުނބުގައި ހުންނަ ނޭޝަނަލް ޑިފެންސް ކޮލެޖްގެ ފުރަތަމަ ގްރެޖުއޭޝަންގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ރައީސް ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަހައްދު އޮންނަންޖެހޭނީ އެންމެނަށްވެސް ހުޅުވާލެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަމަށެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދު އޮންނަންޖެހޭނީ ވިޔަފާރީގެ ބޭނުންތަކަށް މިނިވަންކަމާއެކު ދަތުރުކުރެވޭގޮތަށް ހުޅުވާލެވިފައި ކަމަށް ސްރީލަންކާގެ ރައީސް ރަނިލް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ޕެސިފިކްގައި އުފެދިފައިވާ މައްސަލަތައް އިންޑިއާ ކަނޑުގެ ސަރަހައްދަށް ގެންނަން ބޭނުންފުޅު ނުވާކަމަށްވެސް ރަނިލް ވިދާޅުވިއެވެ.

އެންމެން އެކަތިގަނޑަކަށްވެގެން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ގާއިމްކޮށް އެންމެ ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް، އިންޑިއާ ކަނޑުގެ ސަރަހައްދަށް ނިސްބަތްވާ ގައުމުތަކަށް ސްރީލަންކާގެ ރައީސް ގޮވާލައްވާފައި ވެއެވެ.

"އަޅުގަނޑުމެން ހަނދާންކުރަންވީ ކަމަކީ، ދުނިޔޭގައި ކުރެވޭ ތެލުގެ ވިޔަފާރީގެ ބޮޑުބައެއް މި ދަތުރުކުރަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ތެރެއިންލާފައިކަން. އެތައް އާގުބޯޓެއް ދަތުރުކުރާ މަގެއް އިންޑިއާ ކަނޑުގެ ސަރަހައްދަކީ. މި ސަރަހައްދަކީ ހަމަނުޖެހުމާއި ހަނގުރާމަ ހިނގާ ސަރަހައްދަށް ވާކަށް އަޅުގަނޑުމެން ބޭނުމެއްނޫން"
ރަނިލް ވިކްރަސިންހަ

ސްރީލަންކާގެ ރައީސް ވިދާޅުވީ، ބޮޑެތި ބާރުތަކުގެ ވާދަވެރިކަން އޮންނަ ސަރަހައްކަށް އިންޑިއާ ކަނޑު ވާތަން ދެކެންވެސް ސްރީލަންކާއިން ބޭނުން ނުވާކަމަށެވެ.

ހަމަ އެއާއެކު، ހުރިހާ ގައުމެއްގެ ކަނޑުގެ ސިފައިންނަށްވެސް ސްރީލަންކާ އޮތީ ހުޅުވާލެވިފައި ކަމަށާއި، އެކަމުގައި ސްރީލަންކާއިން އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނޭ ކަމަށްވެސް ރަނިލް ވިކްރަމަސިންހަ ވިދާޅުވިއެވެ.

އެހެން ގައުމުތަކުގެ ކަނޑުގެ ސިފައިން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވުމަކީ، ޕައިރެޓުންގެ އުނދަގޫތަކުން ސަލާމަތްވާނެ ކަމެއް ކަމަށާއި، ނަމަވެސް، ސަރަހައްދުގެ ސުލްހައާއި ރއްކަތެރިކަމަށް އަސަރު ކުރާގޮތަށް ގައުމުތަކުގެ މެދުގައި ވާދަވެރިކަން އޮތުމަށް ބޭނުން ނުވާކަމަށްވެސް ރަނިލް ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސްރީލަންކާއިން އެއްވެސް ބޮޑު ބާރަކާ ގުޅި ނުވަތަ ބޮޑު ބާރަކާ އެއްކޮޅަށް ނުޖެހޭނޭ ކަމަށެވެ.