ޓައިވާން ދިފާއުކުރަން އެމެރިކާއިން އިތުރަށް ފޫގަޅައިފިއެވެ.

އެމެރިކާގެ ސެނޭޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީން މިހާރުވަނީ، އެތައް ބިލިއަން ޑޮލަރުގެ އަސްކަރީ ސީދާ އެހީ ޓައިވާނަށް ދިނުމަށް މަގުފަހިކުރާ ބިލެއް ފާސްކޮށްފައެވެ.

މީގެކުރިންވެސް އެމެރިކާއިން ގެންދިޔައީ ޓައިވާނަށް ހަތިޔާރު ވިއްކަމުންނެވެ. ނަމަވެސް، ފޮރިން ރިލޭޝަންސް ކޮމިޓީން އަލަށް އެކަށައެޅި ޓައިވާން ޕޮލިސީ އެކްޓުގެ ދަށުން، އެމެރިކާއިން ސަލާމަތީ ކަންކަމާ ގުޅޭގޮތުން ކުރިއަށްއޮތް ހަތަރު އަހަރުގެ ތެރޭގައި ޓައިވާނަށް 4.5 ބިލިއަން ޑޮލަރުގެ އެހީ ދޭނެއެވެ.

ހަމަ އެއާއެކު، ޗައިނާއިން ޓައިވާން ހިފަން ބާރުގެ ބޭނުންކޮށްފިނަމަ ޗައިނާއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކުގެ އޮނިގަނޑެއްވެސް ބިލުގައި ހިމަނާފައި ވެއެވެ.

އަދި ޓައިވާންގައި ހުންނަ އެމެރިކާގެ ނުރަސްމީ އެމްބަސީ "ޓައިޕޭ އިކޮނޮމިކް އެންޑް ކަލްޗުރަލް ރެޕްރެޒެންޓެޓިވް އޮފީސް" ގެ ނަން "ޓައިވާން ރެޕްރެޒެންޓޭޓިވް އޮފީސް" މިނަމަށް ބަދަލުކުރުމަށްވެސް ބިލުގައި ކަނޑައަޅާފައި ވެއެވެ.

ސެނޭޓުގެ ކޮމިޓީން ފާސްކުރި ބިލުގެ ސަބަބުން އެމެރިކާއާއި ޓައިވާނާ ދެމެދު މިހާރު އޮންނަ ގުޅުން އިތުރަށް "ރަސްމީ" ވެގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެކަމަކު، ޓައިވާނާއެކު ސިޔާސީ ގުޅުން ގާއިމްކުރުމަކަށް ބިލުގައި ހިމަނާފައެއް ނުވެއެވެ.

ސެނޭޓުގެ ކޮމިޓީން މިބިލް ފާސްމިކުރީ، މިމައްސަލާގައި ޗައިނާ ވަރަށް ބޮޑަށް ރުޅި އަންނާނޭކަން އެނގިތިބެއެވެ.

ކަންވެގެންދިޔައީވެސް އެހެންނެވެ. ޗައިނާ ސަރުކާރުން މިއަދުވަނީ މި މައްސަލާގައި އެމެރިކާ ސަރުކާރަށް ރަސްމީގޮތުން ޝަކުވާ ހުށަހަޅާފައެވެ.

ޗައިނާ ސަރުކާރުގެ ޚަރިޖިއްޔާގެ ތަރުޖަމާނު މާއޮ ނިންގް ވިދާޅުވީ، ސެނޭޓުގެ ފޮރިން ރިލޭޝަން ކޮމިޓީން ފާސްކުރި ބިލުގެ ކަންކަން އިތުރަށް ކުރިއަށް ގެންގޮސްފިނަމަ ޗައިނާ-އެމެރިކާގެ ގުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

އަދި ސެނޭޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީން ފާސްކުރި ބިލަކީ، ޓައިވާން މިނިވަންކުރުމަށް މަސައްކަތްކުރާ ގްރޫޕްތަކަށް ދެވުނު ނުބައި މެސެޖެއް ކަމަށްވެސް ނަންގް ވިދާޅުވިއެވެ.