ކުރީގެ ގިނަ ފިލްމުތަކުން ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެންދިޔަ ބަތަލާ ނީލަމް ކޮތާރީ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ޕްރޮޖެކްޓަކަށް ސޮއިކޮށްފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ނެޓްފްލިކްސްއިން މިހާރު ސްޓްރީމްކުރަމުން އަންނަ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ މުހިއްމު ރޯލްއިން ފެނިގެންދާ ނީލަމް ސޮއިކޮށްފައިވަނީ އެމޭޒަން ޕްރައިމްގެ ސީރީސްއަކަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

"މޭޑްއިން ހެވަން" ނަމުގައި ގެނެސްދޭ މިސީރީސްއަކީ، ޑައިރެކްޓަރު ޒޯޔާ އަޚްތަރާއި ރީމާ ކަތުގީ ގުޅިގެން ގެނެސްދޭ ވެބް ސީރީސްއެކެވެ.

ނެޓްފްލިކްސް ސީރީސްގެތެރެއިންވެސް ބަތަލާ ނީލަމްވަނީ ޒޯޔާ އަޚްތަރުއާއެކު މަސައްކަތްކުރުމަށް ވިސްނާފައިކަމަށް ބުނެފައެވެ.

ނީލަމްގެ އިތުރުން ނީލަމްގެ ފިރިމީހާ، އެކްޓަރު ސަމީރް ސޯނީއާއި އެކްޓަރު ސަންޖޭ ކަޕޫރުވެސް މި ވެބްސީރީސްއިން ފެނިގެންދާނެކަމަށް ނީލަމްވަނީ ބުނެފައެވެ.

"މޭޑްއިން ހެވަން" ގެ ނަމުގައި މިއީ އެމޭޒަންއިން ގެނެސްދޭ މިސީރީސްގެ 2 ވަނަ ބައެވެ.

ވެބް ސީރީސްއާއި ގުޅިގެން ބަތަލާ ނީލަމް ބުނެފައިވަނީ ސީރީސްގެ ސްކްރިޕްޓް ވަރަށް ކަމުދިޔަ ކަމަށާއި އެންމެ އުފާވަނީ ފިރިމީހާ ސަމީރްއާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން ކަމަށެވެ.

ޒޯޔާ އަޚްތަރުގެ ވެބް ސީރީސްއަށް ސޮއިކުރިކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް ބަތަލާ ނީލަން ސީރީސްގައި ކުޅޭ ރޯލާއިބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ބަތަލާ ނީލަމް ކޮތާރީއަކީ 1980 ގެ އަދި 90 ގެ އަހަރުތަކުގެ ތެރޭގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާއެކެވެ.

އެދުވަސްވަރު ނީލަމް ގިނައިން ކުޅެފައިވާ ފިލްމުތަކަކީ އެކްޓަރު ގޯވިންދާއާއެކު ކުޅެފައިވާ ފިލްމުތަކެކެވެ.

ނީލަމްއާއި ގޯވިންދާގެ ޖޯޑަކީ އޭރު ވަރަށް ގިނަ ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެންދިޔަ އޮން ސްކްރީން ޖޯޑެކެވެ.

2001 ވަނަ އަހަރު ފިލްމީ މަސައްކަތްތަކާއި ދުރުހެލިވުމަށްފަހު ނީލަމްވަނީ ގަހަނާ ހެދުމުގެ އަމިއްލަ ވިޔަފާރިއެއް ފަށާފައެވެ.

ގަހަނާ ހެދުމުގެ އާއިލާއަކަށް ނިސްބަތްވާ ބަތަލާގެ ނީލަމް ކޮތާރީ ފައިން ޖުވެލްސް ބްރޭންޑަކީ، އިންޑިއާގެ އެންމެ 'ހައިކްލާސް' މީހުންގެ މެދުގައި މަގުބޫލު އެއް ބްރޭންޑެވެ.