ލުބުނާނުގެ، އުމުރުން 28 އަހަރުގެ އަންހެނަކު ވެރިރަށް ބެއިރޫތުގެ ބޭންކަކަށް ވަދެ، ބިރު ދައްކައިގެން ފައިސާތަކެއް ފޭރިގަތް މައްސަލައިގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުން އެބަދެއެވެ.

ބްލޮމް ބޭންކްގެ ބެއިރޫތު ބްރާންޗަށް އުމުރުން 28 އަހަރުގެ ސާލީ ހާފިޒް މިދިޔަ ބުދަދުވަހު ވަދެފައިވަނީ ލައިވް ވީޑިއޯ ސްޓްރީމް ކުރަމުންނެވެ. އެ ވީޑިއޯގައި އޭނާ ބޭންކްގެ މުވައްޒަފުންނާ ދިމާއަށް ހަޅޭލަވައި ފައިސާ ދިނުމަށް ގޮވާ އަޑުވެސް ހިމެއެވެ.

އޭނާ ބޭންކުން ނުކުމެގެންދިޔައީ 13،000 އެމެރިކާ ޑޮލަރު ހިފައިގެންނެވެ. ސަލާމަތީ ފަރާތްތަކަށް ބޭންކަށް އާދެވުނީ، ސާލީ ހާފިޒް ބޭންކްގެ ބިއްދޮށުގައި ހުރި ކުޑަދޮރަކުން ނުކުމެގެން ސަލާމަތުން ދިޔަ ފަހުންނެވެ.

ކަންވީގޮތް އެންމެނަށް އެނގުނީ ފަހުންނެވެ. ސާލީ ހާފިޒް ބޭންކަށް ބިރުދައްކައިގެން ގެންދިޔަ 13،000 އެމެރިކާ ޑޮލަރަކީ، އޭނާގެ އާއިލާއިން ބޭންކަށް ޖަމާކޮށްފައިވާ 20،000 ޑޮލަރުގެ ތެރެއިން ބައެކެވެ.

އެ ފައިސާތައް ބޭންކަށް ބިރު ދައްކައިގެން އަތުލަންޖެހުނީ، އޭނާގެ ދައްތަގެ ކެންސަރުގެ ފަރުވާއަށް އިމަޖެންސީކޮށް ފައިސާ ބޭނުންވެގެން އެތައް ފަހަރަކު އެދުމުންވެސް ބޭންކުން ފައިސާ ދޫނުކުރުމުން ކަމަށް، ސާލީ ހާފިޒް ހަމަ އެދުވަހު ލުބުބާނުގެ ޓީވީއަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ލުބުނާނަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމާހެދި، ފައިސާގެ އަގު ވެއްޓި، ބޭންކްތަކުގައި އާންމުން ޖަމާކޮށްފައިވާ ފައިސާތައް ހިފަހައްޓާފައި ހުންނަތާ ގާތްގަނޑަކަށް ތިންއަހަރު ވެއްޖެއެވެ.

ބްލޮމް ބޭންކްގެ ބެއިރޫތު ބްރާންޗުން ފައިސާ ފޭރިގަތް ސާލީ ހާފިޒް ބުނީ، ބޭންކްގެ މުވައްޒަފުންނަށް ބިރުދައްކަން އޭނާ ބޭނުންކުރީ ކޮއްކޮ ކުޅެންގެންގުޅޭ ކުޅެކުޅޭ ފިސްތޯލައެއް ކަމަށެވެ.

"އަހަންނަކީ ސާލީ ހާފިޒް. އަހަރެން މިއައީ އަހަރެންގެ ދައްތަ ޑިޕޮޒިޓްކޮށްފައި ހުރި ފައިސާ ނަގަން. އޭނާ ހޮސްޕިޓަލުގައި އޮވެ މަރުވަނީ. އަހަރެން މިއައީ މީހަކު މަރާކަށްނޫން އަދި އަލިފާން ޖަހާކަށްވެސް ނޫން. އަހަރެން މިއައީ އަހަރެއްގެ ހައްގު ހޯދަން" ލައިވްސްޓްރީމް ކުރަމުންދިޔަ ވީޑިއޯގައި ސާލީ ބުނާ އަޑުއިވެއެވެ.

ސާލީ ހާފިޒްގެ ދައްތަގެ ކެންސަރު ފަރުވާއަށް 50،000 އެމެރިކާ ޑޮލަރު ބޭނުންވާއިރު، އެ އާއިލާއިން ބޭންކްގައި ޖަމާކޮށްފައިވާ 20،000 ޑޮލަރުގެ ތެރެއިންވެސް ލިބުނީ ބައެކެވެ.

ސާލީ ހާފިޒްގެ ދައްތަ ޒައިނާވަނީ، ބޭންކުން ފައިސާތައް ފޭރުނު މައްސަލާގައި މީޑިއާއާ ވާހަކަ ދައްކާފައެވެ. ޒައިނާ ބުނީ، އެ ހާދިސާގެ ފަހުން ސާލީ ވީތަނެއް ނޭނގޭ ކަމަށާއި، ފައިސާތައް ފޭރުމުގައި އޭނާވެސް އަދި އާއިލާގެވެސް އެއްވެސް ބައިވެރިވުމެއް ނުވާކަމަށެވެ.

އެކަމަކު، ލުބުނާނުގެ ސޯޝަލް މީޑިއާގައި ސާލީ ހާފިޒް މިހާރުވަނީ "ބަތަލާ" އަކަށް ވެފައެވެ. ޓްވިޓަރގައި ބައެއް މީހުންވަނީ، ސާލީގެ ހިތްވަރަށް ސާބަސްދީ، ޝުކުރުވެސް އަދާކޮށްފައެވެ.

"ޝުކްރިއްޔާ! މީގެ ދެހަފްތާ ކުރިން އަހަރެން ބްލޮމް ބޭންކަށްގޮސް ރުއިން، އަހަރެންގެ ސާޖަރީއަށް ފައިސާ ބޭނުންވާތީ. ބަޑި ދިއްކޮށްގެން އަހަރެންގެ ފައިސާތައް އަތުލެވޭ ވަރަށްވުރެ އަހަރެން ބަލިކަށި" ސާލީ ހާފިޒް ކަންތައް ކުރިގޮތަށް ތާއީދުކޮށް ޓްވިޓަރގައި އެކަކު ބުނެފައި ވެއެވެ.

ބޭންކްތަކުގައި ޖަމާކޮށްފައިވާ ފައިސާތައް ނުދީގެން ލުބުނާނުގެ އެތައްސަތޭކަ އާންމުން ބޮޑެތި ތަކުލީފްތަކެއް އުފުލަމުން އެބަގެންދެއެވެ. މިކަމުގެ ތެރޭގައި ބައެއް މީހުން ގޮތްހުސްވެ ހަމަނުޖެހުންތައްވެސް ހިންގާފައި ވެއެވެ.

ބްލޮމް ބޭންކްގެ ބެއިރޫތު ބްރާންޗުން ސާލީ ހާފިޒް އަމިއްލަ ފައިސާތައް ފޭރިގަތްއިއިރު، އެދުވަހު ސާލީއާއެކު އިތުރު އެހެން ބަޔަކުވެސް ބޭންކަށް ވަދެފައި ވެއެވެ. އެމީހުންވެސްވަނީ ފިލާފައެވެ.

ލުބުނާނުގެ އަލޭ ސިޓީގައި ހުންނަ އެހެން ބޭންކަކަށްވެސް ބުދަދުވަހު މީހަކު ވަދެ ބޭންކް ހިސާރުކުރަން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް، ފުލުހުންވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ބެއިރޫތުގެ ބޭންކަކަށް މިދިޔަ މަހުވެސް މީހަކު ރައިފަލެއް ހިފައިގެން ވަދެ، ބޭންކްގެ މުފައްޒަފުންނާއި، ކަސްޓަމަރުން ގަޑިއެއްހާއިރު އަސީރު ކޮށްފައި ވެއެވެ. އެމީހާ ޑިމާންޑްކުރީ، އޭނާގެ ބަލި ބައްޕަގެ ހޮސްޕިޓަލް ބިލްތަކަށް ފައިސާ ދައްކަން، ބޭންކުގައި އޭނާ ޖަމާކޮށްފައި ދެލައްކަ ޑޮލަރުގެ ތެރެއިން ބައެއް ދިނުމަށެވެ. ފުލުހުން އޭނާވެސް ހައްޔަރު ކުރުމަށްފަހު ވަގުތުން ދޫކޮށްލީއެވެ.

ޖެނުއަރީމަހުވެސް މީހަކު ބޭންކެއްގައި އެތައްބަޔަކު އަސީރުކޮށްފައި ވެއެވެ. ނަމަވެސް، އޭނާގެ އެކައުންޓުން ކޮންމެވެސް ވަރަކަށް ފައިސާދިނުމުން އަމާންދިނީއެވެ.