ހިޔާލު ތަފާތު ވިއަސް، އެކަކު އަނެކަކުގެ އަބުރު ކަތިލައިގެން ނުވާނެކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާ ހާއްސަކޮށްފައިވަނީ، "ދެބަސްވުމުގެ އަދަބުތައް" މި މައުޟޫއަށެވެ.

ހުތުބާގައި ބުނެފައިވަނީ، މާތް ﷲ އެކަލާނގެ ލައްގުކުރެއްވި އެއްޗެހި ތަފާތު ޖިންސުތަކަށް، ތަފާތު ގިންތިތަކަށް، ތަފާތު ސިފަސިފާގައި ހެއްދެވީ، އަހަރުމެން އެއިން ފައިދާ ލިބިގަތުމަށްޓަކައިކަމަށެވެ. އެއިން މޮޅު ވިސްނުންތަކާއި، ހަރުދަނާ ހިޔާލުތައް ހޯދުމަށްޓަކައިކަމަށެވެ. އޭގެ ބޭނުންކޮށްގެން އަހަރުމެންގެ އުފެއްދުންތައް ގިނަކޮށް ކާމިޔާބީތައް އިތުރުކޮށް، ރުޅިވެރިކަމާއި، އަދާވާތްތެރިކަމާއި، ގުޅުން ކެނޑުމާއި ދުރުހެލިވުމަށްޓަަކައިކަމަށެވެ. ހުތުބާގައި ބުނީ، އިސްލާމްދީން އަހަރުމެންނަށް ގޮވާލަނީ، ރަނގަޅު ގޮތުގައި މި ތަފާތުތަކުގެ ބޭނުން ހިފުމަށްޓަކައިކަމަށެވެ.

ހުތުބާގައި ވަނީ، އަހަރުމެންގެ ލޮބުވެތި ރަސޫލާ صلى الله عليه وسلم އިސްލާމް ދީނުގެ ދުޝްމަނުންނާއެކު މުއާމަލާތު ކުރެއްވިގޮތަށާއި، ރިވެތި ސުލޫކަށް ބެލުމަށް ނަސޭހަތްތެރިވެފައެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم އާ ދީނުގެ ކަންތައްތަކުގައި ޖަދަލުކުރުމަށް ގުރައިޝުން، އުތުބަތު ބުނު ރަބީއަތު ފޮނުވިއެެވެ. އޭނާ ކީރިތި ރަސޫލާ صلى الله عليه وسلمއަށް މުދަލާއި ވެރިކަން ހުށައެޅިއެވެ. އެކަލޭގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާނަމަ، ބޭސްކޮށްދެވިދާނެކަމަށް ދެންނެވިއެވެ. އެކަލޭގެފާނު އުތުބާގެ ވާހަކަ މެދުކަނޑައެއް ނުލައްވައެވެ. އޭނާ ދައްކަމުން ދިޔަ ވާހަކައިގައި އޮއްޓަރެއް ނެތް އިރުވެސް، އެނާގެ ވާހަކަ ކަނުލައި އެއްސެވިއެވެ. ދެބަސްވުމުގެ އަދަބުތަކުގެ ތެރޭގައި، ކޮންމެ މީހަކުވެސް އަނެކާގެ ވާހަކަ އެހުން ހިމެނޭކަން ބަޔާންކޮށްދެއްވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. "އޭ އަބުލްވަލީދެވެ! ތިބާގެ ވާހަކަ ނިމުނީ ހެއްޔެވެ؟" އޭބާ އާދޭހޭ ދެންމެވުމުން އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. " އެހެންވިއްޔާ ތިމަންތަކަލޭގެފާނުގެ ވާހަކަ އަޑުއަހާށެވެ! މިހެން ހަދީޘްކުރައްވައި، ގްރުއާނުގެ އާޔަތްތަކެއް ކިޔަވައި ވިދާޅުވިއެވެ. މި އާޔަތްތައް އަޑުއެހުމަށްފަހު، އުތުބާ ގުރައިޝުންގެ ގާތަށް އެނބުރިދިޔައީ މުޅިން އެހެން މޫނަކައިގެންނެވެ."
ޚުޠުބާ

ހުތުބާގައި ބުނީ، ހިޔާލު ތަފާތުވިއަސް، ވާހަކަދެއްކުމުގައި ހިފަހައްޓަންޖެހޭ އަދަބުތަކެއް ވާކަމަށެވެ. އެގޮތުން އެކަކު އަނެކަކުގެ އަބުރު ކަތިލައިގެން ނުވާނެކަމަށާއި، އެކަކު އަނެކަކުގެ އިއްޒަތާއި، ކަރާމާތަށް އަރައިގަނެގެން ނުވާނެކަމަށެވެ. އިސްލާމީ ތާރީހުން ފެނިފައިވާ އަދަދު ނުކުރެވޭހައި ގިނަ މިސާލުތަކުން އަހަރުމެންނަށް އެނގެނީ މުސްލިމުންނަކީ، ހިޔާލު ފާޅުކުރުމުގެ ރިވެތި އުސޫލުތަކުގައި ހިފާއްޓައިގެން، މީސްތަކުންނާ މުއާމަލާތުކޮށްފައިވާ ބައެއްކަންކަމަށާއި، އަހަރުމެންގެ އިލްމުވެރިން ވަނީ، އަމަލީ މައިދާނުގައި މިކަން ދައްކަވައިދެއްވާފައިކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުތުބާގައި ބުނީ، ތިބާގެ ހިޔާލު ހުށައަޅާއިރު، އެއީ އެންމެ ރަނގަޅު ހިޔާލުކަމުގައި ތިބާ ދެކިގެން ނުވާނެކަމަށާއި، ތިބާގެ ހިޔާލު ރަނގަޅުވާގޮތަށް އަނެކާގެ ހިޔާލުވެސް ހަމަ ރަނގަޅުވެދާނެކަމަށެވެ. މާތް ﷲ އަހަރުމެންނަށް އަންގަނީ، ކާފިރުންނާ ޖަދަލު ކުރާއިރުގައިވެސް، ރިވެތި އަދަބުގައި ހިފެހެއްޓުމަށެވެ.

"މާތްﷲ ވަހީކުރައްވާފައިވެއެވެ. "ރިވެތިވެގެންވާ ގޮތުގައި މެނިވީ، ތިޔަބައިމީހުން ފޮތުގެ އަހުލުވެރިންނާ ޖަދަލު ނުކުރާށެވެ! އެއުރެންގެ ތެރެއިން އަނިޔާވެރިވެގެންވާ މީހުން ފިޔަވައި އެހެން މީހުންނަށެވެ. އަދި ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ތިޔަބައިމީހުންނަށް ބާއްވައިލެއްވި ފޮތަށް ތިމަންމެންގެ އީމާންވެއްޖެއީމޭ ތިޔަބައި މީހުން ބުނާށެވެ! ތިމަންމެންގެ އިލާހަކީވެސް، އަދި ތިޔަބައި މީހުންގެ އިލާހަކީވެސް އެއް އިލާހެކެވެ. އަދި ތިމަންމެން އެކަލާނގެއަށް ކިޔަމަންވެ، އިސްލާމް ވަމުއެވެ"
ހުުތުބާ

ހުތުބާގައި އިތުރަށް ބުނީ، އަހުރެމެންގެ އެކުވެރީންނާއި، މުވައްޒަފުންނާއި، ގާތްތިމާގެ މީހުންނާއެކު ވާހަކަދައްކާއިރު، ނުވަތަ މައްސަލައަކާ ބެހޭގޮތުން ބަހުސްކުރާއިރު، މި ރިވެތި އަދަބަށް ތަބާވާން ޖެހޭނެކަމަށެވެ. އަދި ހިޔާލުތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށްގެން ނުވާނެކަމަށާއި، އަހަރުމެންނާ ދެބަސްވާ ކޮންމެ މީހަކު މުޖްރިމަކަށް ހަދައިގެން ނުވާނެކަމަށެވެ.

ހުތުބާގައި ބުނީ، އަހަރުމެންނަކީ ވެރިންކަމުގައި ވިޔަސް، ރައްޔިތުންކަމުގައި ވިޔަސް، ތަފާތު ޕާޓީތަކުގެ މީހުންކަމުގައި ވިޔަސް، ތަފާތު ޕާޓީތަކުގެ މީހުންކަމުގައި ވިޔަސް އަދި ދީނީ އިލްމުވެރިންކަމުގައި ވިޔަސް ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭނެކަމަށެވެ. އަދި މުޖްތަމައުގެ ލާބައަށް އިސްކަން ދޭންޖެހޭނެކަމަށެވެ. ރައުުޔު ތަފާތުވާ ކޮންމެ ވަގުތަކު މީސްމީޑިއާއަށް އަރައި، ހުޅު ރޯކުރާ ބަޔަކަށް ވެގެން ނުވާނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.