ޗައިނާގެ ހުނާން ޕްރޮވިންސްގައި ހުންނަ ޗައިނާ ޓެލެކޮމް ބިލްޑިންގައި މިއަދު އަލިފާން ރޯވި ހާދިސާގައި އެއްވެސް މީހަކަށް ކަމެއް ވީކަމެއް އަދި އެނގިފައި ނުވާކަމަށް ހުނާން ފަޔަރ ޑިޕާޓްމަންޓުން ބުނެފިއެވެ.
އަލިފާން ރޯވެފައިވަނީ ހުނާން ޕްރޮވިންސްގެ ވެރިރަށް ޗަންގްޝާގައި ހުންނަ 42 ފަންގިފިލާގެ ޓެލެކޮމް ބިލްޑިންގައެވެ.
ޗައިނާ ސަރުކާރުގެ ޓީވީ، ސީސީޓީވީން ބުނެފައިވަނީ، އިމާރާތުގައި އަލިފާން ރޯވުމާއެކު ވަރަށް އަވަހަށް އަލިފާންގަނޑު ފެތުރިގެންދިޔައެވެ. އަލިފާނުގެ ސަބަބުން އިމާރާތުގެ ހުރިހާ ފަންގިފިލާތައްވަނީ އެކަށް އަނދާފައެވެ.
ޓެލެކޮމް ބިލްޑިންގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި 36 ފަޔަރ ޓްރަކާއި، 260 ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައި ވެއެވެ.
އިމާރާތުގައި އަލިފާން ރޯވެ އަރަމުންދިޔަ ބޯ ދުންގަނޑު އެތައް ހިސާބު ދުރަށް ފެތުރިގެންދިޔައެވެ.
އިމާރާތުގައި އަލިފާން ރޯވުމާއެކު، އެ އިމާރާތުން މީހުން ނުކުމެގެން ސަލާމަތް ހޯދުމަށް ދުވަމުންދިޔަ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. ބައެއް ވީޑިއޯތަކުން، އިމާރާތުގެ އެންމެ މަތިން އެއްޗެހި ފައިބާ މަންޒަރުވެސް ފެނެއެވެ.
ޗައިނާ ޓެލެކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ނަންބަރު 2 ކޮމިއުނިކޭޝަންސް ޓަވަރުގައި ރޯވި އަލިފާން، ހަވީރު 4:30 ގައި ނިއްވާލެވިފައިވާ ކަމަށެވެ.
މިހާދިސާގައި މީހަކަށް ކަމެއްވީކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާކަމަށާއި އަދި މިހާދިސާގެ ސަބަބުން މުއާސަލާތީ ޚިދުމަތަށްވެސް ބޫރު ނާރާ ކަމަށް ޓެލެކޮމް ކުންފުނިން ބުނެފައި ވެއެވެ.