ހުޅަނގު އައްސޭރީގެ ރަށްތަކާއި އަވަށްތަކަށް ވަދެގަނެ ކޮންމެ ދުވަހަކު ފަލަސްތީނު ރައްޔިތުން ޝަހީދުކުރަމުންދާ މައްސަލަ ފަލަސްތީނު ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.

ފަލަސްތީނު ސަރުކާރުގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ރަށްތަކާއި އަވަށްތަކަށް ކޮންމެ ދުވަހަކު ވަދެގަނެ ފަލަސްތީނުގެ ގެތައް ރެއިޑްކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ތެރޭގައި ފަލަސްތީނުގެ ޒުވާނުގެ ގަޔަށް ބަޑިޖަހައި ޝަހީދު ކުރަމުންދާ މައްސަލަ ނަބީލް އަބޫ ރުދައިނާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައި ވެއެވެ.

ޖެނީން ސިޓީ ކައިރީގައިވާ ކަފްރް ދާން އަވަށުގެ ގެއެއް ރެއިޑްކޮށް އިއްޔެވެސް އިސްރާއީލުގެ އުދުވާނީ ސިފައިން، އުމުރުން 17 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލާފައި ވެއެވެ.

"ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދަނީ ސީރިއަސް އަނިޔާވެރި އަމަލުތަކެއް. މިކަން ތަކުރާރު ނުކުރުމަށް އިސްރާއީލަށް އިންޒާރުކުރަން. އިސްރާއީލު ސިފައިންގެ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެން މިދަނީ ހަތަރުއަނގޮޅިއަކަށް. މިކަމުގެ ސަބަބުން ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވެ، ހަމަޖެހުން ގެއްލެމުންދޭ"
ނަބީލް އަބޫ ރުދައިނާ

ފަލަސްތީނު ސަރުކާރުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ބުނާގޮތުން، އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ރަށްތަކުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް ފަލަސްތީނުގެ 100 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 34 މީހުން ނިސްބަތްވަނީ ހުޅަނގު އައްސޭރީގެ އުތުރުގެ ޖެނީން ސަރަހައްދަށެވެ.

ފަލަސްތީނު ސަރުކާރުގެ ތަރުޖަމާނުގެ ބަޔާނުގައި، ހުޅަނގު އައްސޭރީގެ ރަށްތަކައި އަވަށްތައް ކޮންމެ ދުވަހަކު ރެއިޑްކުރާ ކުރުމާއި، ޒުވާނުން ޝަހީދުކުރުން ވަގުތުން ހުއްޓާލުމަށް އިސްރާއީލު ސަރުކާރަށް ގޮވާލައްވާފައި ވެއެވެ.

ހަމަ އެއާއެކު، ހުޅަނގު އައްސޭރީގެ ރަށްތަކުގައާއި، އަގްސާ މިސްކިތް ސަރަހައްދުގައި އިސްރާއީލުގެ ވަޒަންވެރިން ހިންގާ އުދުވާނުތައްވެސް ހުއްޓުވައި ދިނުމަށް އިސްރާއީލަށް ގޮވާލައްވާފައި ވެއެވެ.

ނަބީލް އަބޫ ރުދައިނާ ވިދާޅުވީ، ކޮންމެ ދުވަހަކު ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރުމާއި، އަގްސާ މިސްކިތަށް އަރައިގަތުމާއި، ޔަހޫދީ އާބާދީތައް އިތުރުކުރުގެ މަސައްކަތާއި، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ކޮންމެ ދުވަހަކު ޖަރީމާތައް ހިންގުމަކީ، ފަލަސްތީނުގެ ރައްޔިތުންވެސް އަދި ފަލަސްތީނު ވެރިކަމުގެ ފަރާތުންވެސް ބަލައިގަންނާނެ އަދި ގަބޫލުރާނެ ކަމެއް ނޫން ކަމަށެވެ.